Roadha Mihaaru
ފަރަށް އެރި ބޯޓު އޮތީ ފޫގޮސްފައި

ފަރަށް އެރި ބޯޓު އޮތީ ފޫގޮސްފައި: ޓްރާންސްޕޯޓް އޮތޯރިޓީ

21 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ދެ ތިން ތަނެއް ފޫގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ދެ ތިން ތަނެއް ފޫގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ބޯޓު ފުން ކުރިޔަސް، އޮތީ ވަރަށް ދެރަވަރު ހާލެއްގައި ކަމަށެވެ. އަދި ދެ ތިން ތަނަކުން "އެމްވީ އެންޖީއޯސީ ސަން" ފޫގޮސްފައި އޮތުމުން ކޮންމެވެސް ވަރަކަށް ބޯޓު ދިޔަވަމުން އަންނަ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.

"ދިޔަވާތީ ޕަމްޕު ޖައްސާފައި ހުރީ. ޕަމްޕް ޖައްސާފައި ހުރީމަ ބޯޓު އެ އޮންނަނީ،" ނާފިޒު ވިދާޅުވި އެވެ.

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހުސްކުރާށެވެ. އެ ބޯޓު ފުން ކުރީ ފަރަށް އެރިތާ އެއް މަސް ފަހުން މިދިޔަ ބުރާސްފަތީގަ އެވެ.

މިދިޔަ މަހުގެ 13ގައި ފުވައްމުލަކަށް ދިޔަ ބޯޓު ފުން ކުރުމުގައި އުޅުނު ބައެއް މީހުން ބުނި ގޮތުގައި ބޯޓު ހާލަތަށް ބަލާފައި، މަރާމާތަށް ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

އެކަމަކު ނާފިޒު ވިދާޅުވީ ބޯޓު ރާއްޖޭން ބޭރަށް ގެންދަން އުޅުނަސް، އެކަން ކުރެވޭނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހު ކަމަށެވެ.

"ބޯޓަށް ފުރުމުގެ ހުއްދަ ނުދޭނެ ކަން މީގެ ކުރިން ވެސް އޮންނާނީ އަންގާފައި،" ނާފިޒު ވިދާޅުވި އެވެ.

ފަރަށް ލިބުނު ގެއްލުމާ ގުޅޭ ރިޕޯޓުން ބަދަލު ދޭން ޖެހޭ އަދަދު ކަނޑައަޅައި، ބަދަލު ދޭން ވަކި މުއްދަތެއް ސަރުކާރުން ދޭނެ އެވެ. އަދި ބޯޓަށް ފުރޭނެ ހަމައެކަނި ގޮތަކީ ފައިސާ ދައްކާނެ އުސޫލެއް ހަމަޖައްސައި، ބޭންކް ގެރެންޓީއެއް ދިނުން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ފަރަށް ލިބުނު ގެއްލުމަށް ބަލާފައި ބޯޓު މިލިއަނުން ބަދަލު ދޭން ޖެހުމުގެ ފުރުސަތު އޮތަސް، ސަރުކާރާ ވާހަކަ ދައްކައިގެން ބަދަލު ދޭން ޖެހޭ އަދަދު ކުޑަ ކުރެވިދާނެ އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ފަރަށް ލިބުނު ގެއްލުން ބެލުމަށް ސާވޭ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި، ބަދަލު ދޭން ޖެހޭ އަދަދު ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އެ ތަނުން ބުންޏެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. ފަރަށް ލިބިދާނެ ގެއްލުމަކާ މެދު ފުވައްމުލަކުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ. މީގެ މަހަކަށްވުރެ ކުރިން، ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ.