Roadha Mihaaru
"ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމް"

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމްކަމެެއް: މައުމޫން

25 ޖޫން 2019

އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލްތައް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޔުނިވާސިޓީތަކަށް ދިމާވެފައިވާ އޮތް ދަތިތައް ހައްލުކުރުމެވެ. އަދި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތްކުރުމަކީ ބިލްތަކުގެ މަގްސަދެއް ކަމަށް ބުނެފައި ވެ އެވެ.

އެ ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވިގޮތުުގައި އެއް ޔުނިވާސިޓީއެއް ރާއްޖޭގައި ބަހައްޓައިގެން ފުރިހަމަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ދެވޭނެ އެވެ. އެހެންވެ އެތަން، ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން ވެސް ބައެއް މެމްބަރުން ވާހަކަދެއްކެވި އެވެ.

މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށް އިސްލާމިކް ޔުނިވާސިޓީއެއް މުހިއްމެވެ.

"ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ހަމަ ލާޒިމްކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ޓެގްކުރައްވައި ކުރެއްވި ޓްވީޓުގައި މައުމޫން ވިދާޅުވި އެވެ.

ދެ ޔުނިވާސިޓީ އެއްކޮށްލުމާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުރީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި މުސްތަގިއްލު އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ. އެއީ ރާއްޖެ އާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެއް ކަމަށާއި އިސްލާމީ ޚިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އެތަން ވާނެ ކަމަށް ވިދާޅުވި އެވެ.