Roadha Mihaaru

ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން އަމިއްލައަށް: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގައިދެނީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ނެގުމަކަށް ކަމަށާއި ކޯސް ފީ ވެސް ދައްކަވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

"ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގައިދެނީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ނެގުމަކަށް ކަމަށާއި ކޯސް ފީ ވެސް ދައްކަވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މެމްބަރުންނަށް ޝަރީއާ އެންޑް ލޯގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ހިންގުމަށް އައިޔޫއެމްއާ އެކު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ސޮއިކުރިކަން ހާމަކުރުމާ އެކު ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން އެ ކޯހުގައި ބައިވެރި ނުކުރާ ކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވެ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ ކޯސް ފީ ވިޔަސް އަދި އެ ކޯހާ ގުޅޭ އެހެން ހަރަދެއް ވިޔަސް މަޖިލިހުގެ އިދާރާއިން ކުރަން ނުޖެހޭނެ ކަމަށެވެ.

"ސީދާ އެ މެމްބަރެއްގެ ޖީބުން ހަރަދު ކުރާނީ. މީގެ ބޭނުމަކީ މެމްބަރުންނަކީ ގާނޫނު ހަދާ ބޭފުޅުންނަށް ވާތީ އެ ދާއިރާގެ ކަންކަން ދެނެގަތުން. ކޯހަކުން ވަރަށް ގިނަ ކަންކަން ދަސްވާނެތީ އެ ފުރުސަތު އެ މެމްބަރުން މި ހޯދީ،" ފަލާހު ވިދާޅުވި އެވެ.

"މި ކޯހުގައި ކިޔަވާ ބޭފުޅުންގެ ތެރޭގައި އެބަތިއްބެވި މާސްޓާސް ހައްދަވާފައިވާ ބޭފުޅުން ވެސް. އެކަމަކު، އެއީ އެހެން ފީލްޑަކުން."

މެމްބަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ކޯސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި އައިޔޫއެމުން އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.

މެމްބަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ކޯސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި އައިޔޫއެމުން އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.

ޕީއެންސީގެ ޕީޖީ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮގްރާމްގައި އެ ގުރޫޕްގެ 26 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާއިރު، އޭގެ ތެރެއިން 8 ބޭފުޅަކު ފުރިހަމަ ކުރައްވާނީ އެޑްވާންސް ސެޓްފިކެޓް ކޯހެއް ކަމަށެވެ. ބާކީ 18 ބޭފުޅުން ފުރިހަމަ ކުރައްވާނީ ގާނޫނީ ދާއިރާ އިން ބެޗެލާސް ޑިގްރީގެ ކޯހެކެވެ.

"ބެޗެލާސް ޑިގްރީ އަށް ކިޔަވަން އެމްކިއު އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހެއް ފުރިހަމަ ކުރަން ޖެހޭތީ އެޑްވާންސް ސެޓްފިކެޓް ކޯސް އެ 8 ބޭފުޅުން އެ ފުރިހަމަ ކުރައްވަނީ. އެއީ އަބަދުވެސް އޮންނަ އުސޫލު. މަޖިލިހުގެ މެމްބަރުންނަށް ވީތީ ހާއްސަ ގޮތްތަކެއް ހޯދީކީ ނޫން،" ޕީއެންސީގެ ޕީޖީ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބެޗެލާސް ޑިގްރީ ކޯހުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ކިޔަވައި ވިދާޅުވާނެ އެވެ.

"މެމްބަރުން ބޭނުންވަނީ ޝަރީއާ އެންޑް ލޯގެ ދާއިރާ އިން ކަންކަން އެނގިވަޑައިގަންނަވަން. އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާނެ ގޮތަކަށް ގާނޫނުތައް ހަދަން ޖެހެއޭ ބުނާއިރު ކޮންމެވެސް އެއްޗެއް ކިޔެވީމާ އޭގެ ފައިދާ މެމްބަރުންނަށް ވެސް ކުރާނެތީ ކޯހުގައި ބައިވެރިވީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޯހުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލިހުގެ މެންބަރުންނާއި މަޖިލީހުގެ އިސްވެރިން މިދިޔަ ހޯމަ ދުވަހު އައިޔޫއެމްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ 20 ވަނަ މަޖިލީހަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ، ގާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމަށެވެ.