Roadha Mihaaru

މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ސެޓްފިކެޓް ލެވެލް ކޯހެއް ހިންގަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މަޖިލީހުގެ އިދާރާއާ ގުޅިގެން ފަށަން ތައްޔާރުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންނަށް ސެޓްފިކެޓް ލެވެލް ކޯހެއް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

18 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މަޖިލީހުގެ އިދާރާއާ ގުޅިގެން ފަށަން ތައްޔާރުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ މަޖިލިހުގެ މެމްބަރުންނަށް ޝަރީއާ އެންޑް ލޯ ގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ހިންގުމަށް އައިޔޫއެމްއާ އެކު ސޮއިކޮށްފަ އެވެ.

އެއް އަހަރު ދުވަހަށް ކިޔަވައިދޭ މި ކޯހުގައި މަޖިލީހުގެ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޯހުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލިހުގެ މެންބަރުންނާއި މަޖިލީހުގެ އިސްވެރިން އިއްޔެ އައިޔޫއެމްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ 20 ވަނަ މަޖިލީހަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ، ގާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދާ މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހާއި އައިޔޫއެމް ގުޅިގެން ކުރިއަށް ގެންދާ މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ އިލްމީ ގޮތުން މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެދިވަޑައިގެންނެވި ކަމެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ މެންބަރުންގެ ތައުލީމާ ގުޅޭ މިފަދަ ފުރުސަތެއް ފެށުމުގައި ރައީސް ބެހެއްޓެވި އިސްކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އަށް ކިޔަވައިދޭ ކޯހެއް ފެށުމުގެ އިދާރީ މަސައްކަތްތައް ވެސް އައިޔޫއެމްއާ ގުޅިގެން އަންނަނީ ކުރަމުންނެވެ.