Roadha Mihaaru
ރެޑްބުލް ކެޗް ދަ ފެރީ: މި ފަހަރު ވަރަށް އުނދަގޫ!

ރެޑްބުލް ކެޗް ދަ ފެރީ ރޭސް: މި ފަހަރު ވަރަށް އުނދަގޫ!

08 ސެޕްޓެމްބަރ 2016

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް އިން އިންތިޒާމްކުރާ ދުވުމުގެ ރޭސް "ކެޗް ދަ ފެރީ" ކުރިއަށް ވުރެ އުނދަގޫކޮށް، މި ފަހަރު ރާވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް އިން އިންތިޒާމްކުރާ ދުވުމުގެ ރޭސް "ކެޗް ދަ ފެރީ" ކުރިއަށް ވުރެ އުނދަގޫކޮށް، މި ފަހަރު ރާވައިފި އެވެ.

މި މަހު 23 ވަނަ ދުވަހު ހުޅުމާލެ، މާލެ އަދި ވިލިނގިލީގައި ކުރިއަށްގެންދާ މި ރޭސް މި ފަހަރު ފަށާނީ ވެސް އަދި ނިންމާނީ ވެސް ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުން ފަށައިގެން، އެ ރަށް ވަށާ އެއް ބުރު (6.29 ކިލޯމީޓަރު) ފުރިހަމަކުރުމަށް ފަހު ފެރީގައި މާލެ އަށް އައިސް މާލެ ވަށައި އެއް ބުރު (5.40 ކިލޯމީޓަރު) ފުރިހަމަކުރަން ޖެހެ އެވެ. އެއަށް ފަހު ވިލިނގިއްޔަށް ގޮސް، އެ ރަށް ވަށައި އެއް ބުރު (1.6 ކިލޯމީޓަރު) ދުވަން ޖެހޭނެ އެވެ. އަދި އެނބުރި ހުޅުމާލެ އަށް ގޮސް، ރޭސް ނިންމަން ޖެހޭނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ހުޅުމާލޭ ސެންޓްރަލް ޕާކާ ދެމެދު، ޖަހަން ޖެހޭ 450 މީޓަރުގެ ސްޕްރިންޓަކުންނެވެ.

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ފެރީން ފައިބަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ފެރީން ފައިބަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)

ހުޅުމާލެ ރޭސް ނިންމުމަށް ފަހު މާލެ ދިއުމަށް ފަސް ފެރީ އޮންނާނެ އެވެ. ފުރަތަމަ ފެރީ، ރޭސް ފަށާތާ 25 މިނެޓުގެ ތެރޭ ނައްޓާލާއިރު އެންމެ ފަހު ފެރީ އޮންނާނީ 35 މިނެޓު ފަހުންނެވެ. ކޮންމެ ފެރީއެއްގައި 18 ދުވުންތެރިންގެ ޖާގަ އޮންނައިރު، މާލޭގެ ރޭސް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ލަސްވެގެން 35 މިނެޓުގެ ތެރޭ ރޭސް ނިންމާ 90 ދުވުންތެރިންނަށެވެ.

އެއް ނަމްބަރު ޖެޓީން މާލެ ފޭބުމަށް ފަހު، މާލެ ވަށައި އެއް ބުރު ޖެހުމަށް ފަހު، ވިލިގިއްޔަށް ދިއުމަށް ފެރީ ފުރާނީ ވެސް ހަމަ އެ ޖެޓީންނެވެ. މާލެ އިން އެންމެ ފުރަތަމަ ފެރީ 21 މިނެޓުގެ ތެރޭ ނައްޓާލާއިރު އެންމެ ފަހު ފެރީ ނުވަތަ ފަސް ވަނަ ފެރީ ފުރާނީ 31 ވަނަ މިނެޓު ފަހުންނެވެ.

ވިލިނގިލީގައި ދުވުމަށް ފަހު، އެންމެ ފުރަތަމަ ފެރީގައި އެނބުރި ހުޅުމާލެ އަށް ދިއުމަށް ބޭނުން ނަމަ ހަ މިނެޓުގެ ތެރޭގައި އެ ރަށް ވަށައި އެއް ބުރު ޖަހަން ޖެހޭނެ އެވެ. އެންމެ ފަހު ފެރީން ފުރުސަތު ލިބޭނީ 16 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމައިގެންނެވެ. އެއަށް ވުރެ ލަހުން ނިންމައިފި ނަމަ އެ ބައިވެރިންނަށް އިތުރަށް ރޭސް ފުރިހަމަކުރުމުގެ ފުރުސަތު ނުލިބޭނެ އެވެ. އެކަމަކު، ރޭސް ނިންމާ ޕޮއިންޓް ކަމަށްވާ ހުޅުމާލެ އަށް އެނބުރި ގެންގޮސްދޭން ވަކި ފެރީއެއް އޮންނާނެ އެވެ.

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ރޭހުގައި ދުވަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ރޭހުގައި ދުވަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)

މި ފަހަރުގެ އެންމެ އުނދަގޫ އެއް ކަމަކީ ހުޅުމާލޭ ވަށައި ދުވާއިރު، 1.6 ކިލޯމީޓަރު ބީޗުގައި ފުރިހަމަކުރަން ޖެހުމެވެ. އަދި އެނބުރި ހުޅުމާލެ އަށް އައިސް، 450 މީޓަރުގެ ސްޕްރިންޓެއް ޖަހަން ޖެހުމާ އެކު، މި ފަހަރުގެ ރޭހުގައި ކުރި ހޯދުމަށް ސްޕްރިންޓަށް ވެސް ތައްޔާރުވާން ޖެހޭނެ އެވެ.

އެއް ވަނަ ހޯދާ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް 10،000ރ. ގެ އިތުރުން އަންނަ އަހަރު ދުބާއީގައި ބާއްވާ ވިންގްސް ފޮ ލައިފް ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. ދެ ވަނަ އަށް 5000ރ. އަދި ތިން ވަނަ އަށް 2500ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

Red Bull Catch the Ferry 2016

Red Bull Catch the Ferry 2016

Get ready for the toughest commute in the Maldives!

އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު މި ލިންކުން.

މި ރޭހުން މިދިޔަ އަހަރު އެއް ވަނަ ހޯދި އަންހެން ދުވުންތެރިޔަކީ ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒެވެ. ފިރިހެން ދުވުންތެރިންގެ ތެރެއިން އެއް ވަނަ ހޯދީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ.

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ރޭހުގައި ދުވަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)

ރެޑްބުލް ކެޗް ދަ ފެރީގެ ބައިވެރިން ރޭހުގައި ދުވަނީ. --ފޮޓޯ: މުހައްމަދު އަހުސަން (ރެޑްބުލް)