Roadha Mihaaru
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް

ވަގުތު ބޭކާރުނުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް

25 އޯގަސްޓް 2019

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތައްޔާރު ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ބަހުސް ކުރަނީ ވަގުތު ބޭކާރު ކުރަން ކަމަށާއި އެކަން ނުކޮށް، ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތައްޔާރު ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ބަހުސް ކުރަނީ ވަގުތު ބޭކާރު ކުރަން ކަމަށާއި އެކަން ނުކޮށް، ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖޭއެސްސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓުގައި އެ ކޯޓުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް 17 ކަމެއް ކުރި ކަމަށް ބުނެފައިވެ އެވެ. އަދި ޖޭއެސްސީގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަޅުގަނޑުމެން ތިން މަހުގެ މުސާރަ ނަގައިގެން ގެއަށްދާ އިރު، ރައްޔިތުން އަދިވެސް އެތިބީ މަގުމަތީގައި. ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލު ކުރި މަސައްކަތް ނުނިންމާ މިދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ދުވަހަކުން ވެސް ނިންމާލެވޭނެ މަސައްކަތެއް މިއީ --- ޔައުގޫބް

ރިޕޯޓަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން ފަނޑިޔާރުންނާ ބެހޭ އެތައް ރިޕޯޓެއް ހަދައި މެމްބަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ ގޮތުން އިތުރު ތަހުގީގެއް ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު، އެމްޑީޕީގެ މެމްބަރުން ހޮވީ ވެސް ފަނޑިޔާރުން ވަކިކުރާށެވެ.

"ރައްޔިތުން ކުރާ ޝަކުވާއަކީ އިތުރު ރިޕޯޓުތަކެއް ހެދުމެއް ނޫން. ކުރާ ޝަކުވާއަކީ ފަނޑިޔާރުން މިހިނދުން މިހިނދަށް ވަކިކޮށް އެެތަން އިސްލާހު ކުރަން،" ޔައުގޫބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިން މަހުގެ މުސާރަ ނަގައިގެން ގެއަށްދާ އިރު، ރައްޔިތުން އަދިވެސް އެތިބީ މަގުމަތީގައި. ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލު ކުރި މަސައްކަތް ނުނިންމާ މިދަނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ ދުވަހަކުން ވެސް ނިންމާލެވޭނެ މަސައްކަތެއް މިއީ."

ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭގޮތުން ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ---. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭގޮތުން ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ---. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޔައުގޫބް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އުޅޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ މި ސުވާލު ކުރަމުން އަންނަ މީހެއް. އަދި އަދާ ހަމައަށް އަޅުގަނޑަކަށް ނޭނގެ ފަނޑިޔާރުގެ އިސްލާހު ކުރަން އަޅުގަނޑުމެންގެ ޕްލޭނަކީ ކޮބައިކަމެއް،" ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަކިކުރަން ދިރާސާކޮށް ވަގުތު ދުއްވާލަން ޖެހޭ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ބިޝާމްގެ ރިޕޯޓު ވެސް ރައްޔިތުން ތައްޔާރުކޮށްފައިވާ އިރު، ހެދިފައި ހުރި ރިޕޯޓުތަކަށް މަޖިލިހުން އަމަލު ކުރަން ޖެހޭ ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

"މިކަހަލަ ރިޕޯޓުތަކަށް ވާހަކަ ދައްކާ ވަގުތު ދުއްވާލާ، އެ ދުއްވާލާ ކޮންމެ ވަގުތަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް. އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކީގައި އެދެން ޗުއްޓީ އަށް ދާން ވާނީ ހުރިހާ ކަމެއް ނިންމާފައި. މިއީ އެންމެ ދުވަހަކުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް،" އެބޭފުޅުން ވަކިކޮށްފައި ނޫނީ ޗުއްޓީ އަށް ވަޑައިގަންނަވަން ބޭނުން ނޫންކަން ފާހަގަ ކުރައްވައި ޔައުގޫބް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ ޖޭއެސްސީންނެވެ. ޖޭއެސްސީން ފަނޑިޔާރުން އައްޔަންކޮށް، ވަކިކުރަން ނިންމުމުން، އެ މައްސަލައެއް މަޖިލިހަށް ހުށަހަޅައިގެން އެކަމާ މެދުގައި ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ޖޭއެސްސީ އަށް ލަފާ ދީފަ އެވެ. އެކަމަކު، ޖޭއެސްސީން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ޖޭއެސްސީން ތައްޔާރު ކުރި ރިޕޯޓުގައި ފާހަގަ ކުރި ބައެއް ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް 54 ވަކީލުން ސަސްޕެންޑް ކުރުމާއި މަޖިލިހާއި ޖޭއެސްސީ އަށް ލިބޭ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ ދެ މުއައްސަސާގެ މަސައްކަތަށް ހުރަސް އެޅުން ހިމެނެ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުގެ ބައެއް ބައިތައް އެ ކޯޓުން ފަހުން ބާތިލް ކުރުމާއި މަޖިލިސް މެންބަރުން ނިސްބަތްވާ ޕާޓިން ވަކިވުމުން، ނުވަތަ އެހެން ޕާޓިއަކަށް ސޮއިކުރުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ.