Roadha Mihaaru
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!

އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!

26 އޯގަސްޓް 2019

އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅު ހައްދަވަނީ ބޯދާ ވިސްނުމެއްގައި ކަމަށް ވިދާޅުވެ، އަންހެނުންގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރުގެ ޖީހާން މަހްމޫދު މިއަދު ނުކުންނަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅު ހައްދަވަނީ ބޯދާ ވިސްނުމެއްގައި ކަމަށް ވިދާޅުވެ، އަންހެނުންގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރުގެ ޖީހާން މަހްމޫދު މިއަދު ނުކުންނަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން އުޅޭތީ އެކަމާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އަންހެނުން އައްޔަން ކުރުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށް ބަޔަކު ބުނާ އިރު، އަންހެން ފަނޑިޔާރުން ތިބެން ޖެހޭނެ ކަމަށް ބައިނަލްއަގުވާމީ އިސްލާމީ ޖަމިއްޔާތަކުން އެއްބަސްވާ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންވެ، މިއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަފާ ދެއްވި ޑރ. އަޒްމިރަލްދާ (ކ) އާއި އާއިޝާ ޝުޖޫން މުހައްމަދު.

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަފާ ދެއްވި ޑރ. އަޒްމިރަލްދާ (ކ) އާއި އާއިޝާ ޝުޖޫން މުހައްމަދު.

"މިއީކީ ގާނޫނާ ހިލާފު ކަމެއް ނޫން. އިސްލާމް ދީނާ ހިލާފު ކަމެއް ނޫން. މި ހިލާފު ވަނީ ހަމައެކަނި ގަދީމީ، ބޯދާ ވިސްނުމުގެ މީހުންނާ. އަންހެނުންނަށް ނަފްރަތު ކުރާ މީހުންނާ މި ހިލާފު ވަނީ. އަންހެނުންގެ ބާރުވެރިކަމަށް ބިރުގަންނަ މީހުންގެ ވިސްނުމާ އެކަނި ހިލާފު ވަނީ،" އީވާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ތާއީދު ކުރައްވައި އީވާ ވިދާޅުވީ އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ކުވައިތު ފަދަ ގައުމުތަކުގައި އަންހެނުން ފަނޑިޔާރު ކަން ކުރައްވާ ކަމަށެވެ. އީވާ ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުންގެ ނަން ހުށަހެޅުމަކީ އިންސާފުވެރި، ބުއްދިވެރި، މޮޅު އަދި މަޖުބޫރު ވެސް ކަމެކެވެ.

"ދަންނަވާލަން ބޭނުން ވަނީ ފަރިތަވާން ފަށާށޭ. ތައްޔާރުވާން ފަށާށޭ. ރާއްޖޭގެ ވެރިކަން ކުރުމާ ހަމައަށް އަންހެނުން އަންނާނެ. ހުރިހާ މަރުހަލާއެއްގައި އަންހެނުން ކުރިއަރަމުން ދާނެ،" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާ އަށް އަންހެން ބޭފުޅުން އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން، ކުއްލި މައްސަލަ މަޖިލިހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވެސް ވިދާޅުވީ ފަނޑިޔާރުގެ އަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށެވެ. ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ވަކި ޖިންސަކަށް ނިސްބަތްވާ މީހަކަށް ފަނޑިޔާރުކަން ކުރުން ލާޒިމްވާ ގޮތަށް އެއްވެސް ތަނެއްގައި ކަނޑައަޅާފައި ނުވާ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު، ޖީހާން މަޖިލިހުގެ އެހެން މެމްބަރުންނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު، ޖީހާން މަޖިލިހުގެ އެހެން މެމްބަރުންނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖީހާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިގްރީ އަށް ކިޔަވާފައި ތިބި މީހުންގެ ތެރެއިން އެންމެ ގިނައީ އަންހެނުންނެވެ. އަދި މާސްޓާސް އަށް ކިޔަވާފައި ތިބީ ގިނައިން އަންހެނުން ކަމަށާއި ޕީއެޗްޑީ ހަދަމުން އަންނަ މީހުންގެ ތެރެއިން ގިނައީ ވެސް އަންހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަން ފަހުމްވާ ގޮތަށް އަނެއް ޖިންސަށް މިކަން ފަހުމް ނުވެދާނެ،" ޖީހާން ވިދާޅުވި އެވެ.

ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި އުއްތަމަ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަމުންދާ އިރު، ދިވެހިން ތިބީ ބޯދާ ވިސްނުމެއްގައި ވަރަށް ފަހަތުގައި ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި ރާއްޖޭގައި އޮތީ ވަރަށް ބޮޑު ތަފާތު ކުރުމެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނަށް އަންނަ އަންހެނުން ފައިވާނަށް އަރައިގެން އައި ކަމުގައިވިޔަސް، ކައްޓަށް އަރައިން ކަމުގައި ވިޔަސް، ޓޮޕް ލައިގެން އައި ކަމުގައިވިޔަސް، އަޅުގަނޑުމެން ހަތަރު އަންހެނުން މިތަނުގައި މިތިބީ 83 ފިރިހެނުންނާ އެއްވަރަށް. އެބޭފުޅުންނަށް ވުރެ ބޮޑަށް މަސައްކަތް ކުރާނަން. މަސައްކަތް ކުރާކަން މި ދަނީ ސާބިތުކޮށްދެމުން،" މަޖިލިހުގެ އެހެން މެމްބަރުންނަށް އިޝާރާތް ކުރައްވައި ޖީހާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް އިތުރުކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ. އެކަމަކު، އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިލާފު އުފެދިފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން، އޭރުގެ ރައީސް އަދި އިސްލާމީ އިލްމުގައި ދުނިޔެއިން ވެސް ފާހަގަކުރެވޭ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝުޖޫން އަކީ އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރެއިން އެއް ބޭފުޅެވެ.