Roadha Mihaaru
އިސްލާމިކް ޔުނިވާސިޓީ މެދުކަނޑައެއް ނުލާނެ: ރައީސް

އިސްލާމިކް ޔުނިވާސީޓީގެ ހިންގުން މެދުކަނޑައެއް ނުލާނެ: ރައީސް

26 ޖޫން 2019

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހިންގުން މެދު ކަނޑާނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހިންގުން މެދު ކަނޑާނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފި އެވެ.

ސަރުކާރުގެ ސިޔާސަތަކީ އެ ޔުނިވާސިޓީ ހިންގުން ކަމަށް ރައީސް މި ވިދާޅުވީ އެތަނާއި ގައުމީ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގަން ބައެއް ބޭފުޅުން ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.

ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދެ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގުމަށް ތާއީދު ކުރައްވައި ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވަސިޓީ ހިންގުން ކަމަށެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް ބަންދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވަސިޓީއާ ގުޅޭ ގޮތުން ރައީސް ކުރެއްވި ޓުވީޓް.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައި ވަނީ އެ ޔުނިވާސިޓީތަކަށް ދިމާވެފައިވާ އޮތް ދަތިތައް ހައްލުކުރުމަށެވެ. ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތްކުރުމަކީ ބިލްތަކުގެ މަގްސަދެއް ކަމަށް ބުނެފައި ވެ އެވެ.

އެކަމަކު ދެ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގަން ބައެއް ބޭފުޅުން ތާއީދެއް ނުކުރައްވަ އެވެ.

އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ދެ ވަނަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ މުހިއްމު ކަމެވެ.

އެ ޔުނިވާސިޓީގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވުމުން މައުމޫން މިރޭ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި މުސްތަގިއްލު އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖެ އާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެއް ކަމަށާއި އިސްލާމީ ޚިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އެތަން ވާނެ އެވެ.