Roadha Mihaaru
ސޯޝަލް މީޑިއާ ބޭނުން ނަހަމަ ގޮތުގައި! ހައްލަކީ ކޮބާ؟

ސޯޝަލް މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި! ހައްލަކީ ކޮބާ؟

28 ޖޫން 2019

ސޯޝަލް މީޑިއާގައި މީހަކު ފޮޓޯއެއް އާއްމުކޮށްލަފާނެ އެވެ. އެއީ މިވެނި، އެވެނި މީހެކޭ ބުނެފާނެ އެވެ. އެއީ ތެދެއްތޯ، ދޮގެއްތޯ ދެން ތިބި މީހުން ނުބަލަ އެވެ. ޝެއާކޮށް ނަގަނީ އެވެ. ހަގީގަތެއް ބެލުމެއް ނެތި ކޮމެންޓްތައްކޮށް ބަދުނާމު ކުރަނީ އެވެ. މިއީ ރާއްޖޭގައި ވަރަށް އާއްމުވެއްޖެ، ބޮޑު މައްސަލައެކެވެ. އެފަދަ ކަންކަން ކުރުމަށް ހާއްސަ ޕޭޖްތައް ސޯޝަލް މީޑިއާގައި ދިވެހިން އެބަ ހިންގަ އެވެ. އޭގެ ސަބަބުން އެތައް ދިވެހިންނެއްގެ އަބުރު ކަތިލެވި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި އެބަ ހުއްޓެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސޯޝަލް މީޑިއާގައި މީހަކު ފޮޓޯއެއް އާއްމުކޮށްލަފާނެ އެވެ. އެއީ މިވެނި، އެވެނި މީހެކޭ ބުނެފާނެ އެވެ. އެއީ ތެދެއްތޯ، ދޮގެއްތޯ ދެން ތިބި މީހުން ނުބަލަ އެވެ. ޝެއާކޮށް ނަގަނީ އެވެ. ހަގީގަތެއް ބެލުމެއް ނެތި ކޮމެންޓްތައްކޮށް ބަދުނާމު ކުރަނީ އެވެ. މިއީ ރާއްޖޭގައި ވަރަށް އާއްމުވެއްޖެ، ބޮޑު މައްސަލައެކެވެ. އެފަދަ ކަންކަން ކުރުމަށް ހާއްސަ ޕޭޖްތައް ސޯޝަލް މީޑިއާގައި ދިވެހިން އެބަ ހިންގަ އެވެ. އޭގެ ސަބަބުން އެތައް ދިވެހިންނެއްގެ އަބުރު ކަތިލެވި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި އެބަ ހުއްޓެވެ.

އެފަދަ ޕޭޖްތަކުން އެގޮތަށް ބޭޒާރުކުރާ ފޮޓޯ ނުވަތަ މައުލޫމާތުތަކުގެ ތެރޭގައި ދެމަފިރިންގެ ސިއްރު ކަންކަން ވެސް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރެވޭ ކަންކަން ވީޑިއޯކޮށް ނުވަތަ ފޮޓޯ ނަގައިގެން ސޯޝަލް މީޑިއާގައި ދައުރުކޮށް އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް އެތައް ކަމެއް ތަކުރާރުކޮށް ކޮށްފައި އެބަ ހުއްޓެވެ. ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ދޭ ފަދަ އެތައް ކަމެއް ވެސް ކުރަނީ އެވެ. ބްލެކްމެއިލްކޮށް އެކި ފައިދާތައް ނަގަނީ އެވެ. ބައެއް މީހުން މިހާރު ވެސް އެކަންކަން ކުރަމުން ދަނީ ފޯރީގަ އެވެ. ދޮގު ތެދަށް ހަދައިގެން ފަތުރާނަގަނީ އެވެ.

އާއްމު ބޮޑު މައްސަލައެއް

ސޯޝަލް މީޑިއާގައި ހަގީގަތެއް ނުބަލާ ފަތުރާ މައުލޫމާތުތަކުގެ ސަބަބުން އަނެކާ ނާއުންމީދުގެ ތެރެއަށް ވައްޓާލަ އެވެ. އަގުވެއްޓި އެހެން މީހުންނާ ކުރިމަތިލުމުގެ ހިތްވަރު ގެއްލެ އެވެ. ބޭރުތެރެއަށް ނުކުމެ ނޫޅެވޭ ހިސާބަށް ލަދުވެތިކަން ބޮޑުވެ އެވެ. އޭގެ ޝިކާރައަކަށް ވާ މީހުންގެ ފޮޓޯތައް ހުތުރު ފޮޓޯތަކަކަށް ވެސް ބަދަލުކުރެ އެވެ.

މީހަކު ސޯޝަލް މީޑިއާ ބޭނުން ކުރަނީ: ނަހަމަ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މައްސަލަ ބޮޑު--

މީހަކު ސޯޝަލް މީޑިއާ ބޭނުން ކުރަނީ: ނަހަމަ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މައްސަލަ ބޮޑު--

އިންޓަނެޓާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ގައުމުތަކުގައި މިއީ ވަރަށް އާންމު މައްސަލައެކެވެ. އެކަން އެންމެ ބޮޑީ ޒުވާނުންގެ މެދުގަ އެވެ. އެމެރިކާގައި އަހަރަކު 4،000 އަށް ވުރެ ގިނަ ކުދިން މިފަދަ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވެ އެވެ. ރާއްޖޭގައި ދިރާސާއެއް ހެދިފައި ނެތުމުން ހަގީގީ ގެއްލުމަކީ ކޮބައިކަން އެނގޭ ވަރެއް ނުވެ އެވެ. ނަމަވެސް އެކަމުގެ ޝިކާރައަކަށް ވެފައިވާ އެތައް ދިވެހިންނެއް އެބަ ތިއްބެވެ.

އިޖުތިމާއީ ދާއިރާގެ ކަންކަމުގައި ހިލޭސާބަހަށް މަސައްކަތްކުރައްވާ މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި އަބުރު ކަތިލުމަކީ ދިވެހިން ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ސަގާފަތުގެ ބައެކެވެ. އެކަން އިންތިހާއަށް ބޮޑުވެފައިވާއިރު އެއީ ހައްލު ނުކުރެވި އޮތް ގައުމީ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

ޝިހާބް ވިދާޅުވި ގޮތުގައި އެ މައްސަލަ އެހާ އާންމު ވެފައިވަނީ އިންސާނީ ކަރާމާތަށް އިހުތިރާމު ކުރުމަކީ ދިވެހި ސަގާފަތުގައި އޮތް ކަމަކަށް ނުވާތީ އެވެ. މީހުން ރުޅިއެރުވުމާއި މީހުންނަށް މަލާމާތް ކުރުމަކީ ދިވެހިން މުނިފޫހިފިލުވަން ކޮށް އުޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއް އިންސާނާގެ ކަރާމާރާތަށް އިހުތިރާމު ކުރުމަކީ އޮތް ކަމެއް ނޫން. ހިތުގެ އަޑިން އެއީ އަގުހުރި އެއްޗެއް ކަން ގަބޫލުކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ނެތީ،" ޝިހާބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ގަބޫލުކުރައްވާ ގޮތުގައި ސައިބާ ބްލީގެ ކަންކަން ގިނަވެ ބައެއް ފަހަރު މީހުންގެ ރައްކާތެރިކަމަށް އަސަރު ކުރެ އެވެ. އެއީ ނަފްސާނީ ގޮތުން މީހާ ވަރަށް ބޮޑަށް ބަލިކަށިކޮށްލަން މެދުވެރިވާ ސަބަބެއް ކަމަށް އިންސާނީ ހައްގުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޖީހާން ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން: ދަރިވަރުންގެ ހޭލުންތެރިކަން ބޮޑުކުރުން މުހިންމު ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން: ދަރިވަރުންގެ ހޭލުންތެރިކަން ބޮޑުކުރުން މުހިންމު ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

އެފަދަ ކަންކަމުގެ ސަބަބުން ކަމާ ނުގުޅޭ މީހުންނަށް އޭގެ އަސަރުކޮށް ރާއްޖޭގައި ވެސް އާއިލާތައް ރޫޅޭ ހިސާބަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދޮގު ތެދަކަށް ބަދަލުކޮށްގެން ފަތުރަށް ސިކުންތުކޮޅެއް މިނަގަނީ. ބެލެނިވެރިންނަށް ދިމާވާ އެކިއެކި އެފަދަ ފުރައްސާރައިގެ ސަބަބުން އެމީހުންގެ ދަރިންނަށް އެބަ އަސަރު ކުރޭ. ސްކޫލުތަކުގެ ތެރެއިން ކުދިންނަށް ކަންކަމާ ދިމާވޭ،" އެޗްއާރުސީއެމްގެ މެމްބަރުކަން ކުރިން ކުރެއްވި ޖީހާން ވިދާޅުވި އެވެ.

"މިކަމުގެ ނުރައްކާ ބޮޑީ މިއީ ޒަމާންތަކަކަށް ދެމިގެންދާ ކަމަކަށް ވާތީ. އިންޓަނެޓުގައި އެ ޝާއިއު ކުރާ އެއްޗެއް ނުނަގާ ކަމަށްވާ ނަމަ ދަރިންގެ ދަރިންނަށް އެކަން ދެމިގެން އެބަ ދޭ."

ހައްލަކީ ކޮބާ؟

ސައިބާ ބްލީގެ މައްސަލަތައް ދުނިޔޭގައި މިހާރު އާއްމެވެ. ބައިނަލްއަގުވާމީ ފޯރަމްތަކުގައި މަޝްވަރާ ކުރާ މައްސަލައެކެވެ. އަދި ބައެއް ގައުމުތަކުގައި އެ ކަމަށް ހާއްސަ ގާނޫނުތައް ހަދާފައި ވެސް އެބަ ހުއްޓެވެ.

ފުލުހުންގެ ތަރުޖަމާން އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ސޯޝަލް މީޑިއާގައި އެކި ފަރާތްތައް އެބިއުސްކޮށް، ސާބިތު ނުވާ ކަންކަމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރައި މީހުންގެ އަބުރާ ބެހުމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ އެމައްސަލައިގެ ބާވަތުން ފުލުހުންނަށް ތަހުގީގު ކުރެވޭ މައްސަލަތައް އަދި ބައެއް މައްސަލަތަކުގެ ބާވަތުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ފުލުހުން ދަނީ އިރުޝާދު ދެމުން،" އިޒްމިއާ ވިދާޅުވި އެވެ.

މީހަކު ފޭސްބުކް ބޭނުން ކުރަނީ: ސޯޝަލް މީޑިއާގައި މީހުން ބޭޒާރު ކުރާ މައްސަލަ ބޮޑު--

މީހަކު ފޭސްބުކް ބޭނުން ކުރަނީ: ސޯޝަލް މީޑިއާގައި މީހުން ބޭޒާރު ކުރާ މައްސަލަ ބޮޑު--

އަބުރާ ބެހުމަކީ ކުށެއް ކަމަށް ގާނޫނު އުގޫބާތުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް ސައިބާ ބްލީ ވަކި ކުށެއްގެ ގޮތުގައި ފާހަގަކޮށްފައެއް އަދި ނެތެވެ. މެމްބަރު ޖީހާން ވިދާޅުވި ގޮތުގައި އެއީ އަވަސް މުސްތަގުބަލެއްގައި ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.

"ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ނެތް. އެއީ ކުށެއްކަން ވަރަށް ސާފު. އެކަމަކު ސައިބާ ބްލީއަކީ ކުށެއް ކަމަށް ކަނޑައެޅުން މުހިންމު. އަދި އެފަދަ މައްސަތައް ތަހުގީގު ކުރުމަށް ކަމާ ގުޅޭ ބޭފުޅުން ތަމްރީނު ކުރުން މުހިންމު،" ޖީހާން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެކަމުގެ ދާއިމީ ހައްލަކަށް ބަލާއިރު އެންމެ މުހިންމީ ސްކޫލް ތައުލީމުގެ ތެރެއިން އެ މައުލޫއުއަށް އިސްކަން ދިނުމެވެ. އެގޮތުން ކަރިކިއުލަމްގެ ތެރެއިން އެފަދަ ކުށްތަކަށް ދަރިވަރުން ހޭލުންތެރިކުރުވަން ޖެހިފައިވާ ކަމަށް ޖީހާން ވިދާޅުވި އެވެ.

ޝިހާބް ވިދާޅުވި ގޮތުގައި ތަފާތު މުއައްސަސާތައް ރާއްޖޭގައި އުފައްދާފައިވީ ނަމަވެސް އެފަދަ މައްސަލަތައް ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނެތެވެ.

އެކަން ހުއްޓުވަން ވާހަކަ ދައްކަ އެވެ. ނަމަވެސް އަމަލީ މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ޝިހާބު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ކުށްތައް ހުއްޓުވަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގައުމުގެ އިސް ފަރާތްތަކާއި މަގުބޫލު ފަރާތްތަކުން ނަމޫނާ ދެއްކުމެވެ. އަދި ގޭތެރޭގަޔާއި ސްކޫލް ތައުލީމުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ސޯޝަލް މީޑިއާގައި މީހުން ބަދުނާމު ކުރުމާއި ސާބިތުނުހިފޭ ތުހުމަތުތަކުން އަބުރު ނަގާލުން މި އޮތީ އާންމުވެފަ އެވެ. މިއީ ފިޔަވަޅު އަޅައި ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. ނޫނީ އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ ނުބައި އަސަރުކޮށްްފާނެ އެވެ. މައްސަލައިގެ ހައްލު އޮތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ އަތްމަތީގަ އެވެ.