Roadha Mihaaru
ކުޅުދުއްފުށީ "ހޮނިހިރު ބާޒާރު" މަނާކުރުމުން ފާޑުކިޔަނީ

ކުޅުދުއްފުށީ "ހޮނިހިރު ބާޒާރު" މަނާކުރުމުން ފާޑުކިޔަނީ

27 ޖޫން 2019

ހދ. ކުޅުދުއްފުށީގައި ޒަމާނުންސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އައި "ހޮނިހިރު ބާޒާރު" ހުއްޓާލަން އެ ރަށު ކައުންސިލުން އެންގުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހދ. ކުޅުދުއްފުށީގައި ޒަމާނުންސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އައި "ހޮނިހިރު ބާޒާރު" ހުއްޓާލަން އެ ރަށު ކައުންސިލުން އެންގުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އެ ރަށުގެ ހޮސްޕިޓަލުގެ އުތުރަށް އޮންނަ ހުސް ބިމެއްގައި އޮންނަ ބާޒާރު އުވާލަން އެ ރަށު ކައުންސިލުން ނިންމީ، އެ ރަށުގައި ލޯކަލް މާރުކޭޓު ހިންގަން ހެދި އިމާރާތުގައި ހިދުމަތް ދޭން ފެށުމުންނެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަސް ވާނީ އެންމެ ފަހުން ބާއްވާ "ހޮނިރު ބާޒާރު" އަށެވެ. އެ އަތޮޅުގެ ގިނަ ބަޔަކު މުދާ ވިއްކާ އަދި ގިނަ ބަޔަކު ވިޔަފާރިކުރާ މި ބާޒާރު ބަންދުކުރަން ނިންމުމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލުތުފީ ހަސަން "މިހާރު" އަށް ވިދާޅުވީ ބާޒާރު ބަންދުކުރަން ނިންމީ އަލަށް ހެދި ލޯކަލް މާރުކޭޓު ބޭނުންކުރާނެ ބަޔަކު ނުލިބުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ލޯކަލް މާރުކޭޓަކަށް ހާއްސަ އިމާރާތެއް ހަދަން ނިންމީ ހުސް ބިމެއްގައި ދަނޑުވެރިން ވިޔަފާރިކުރާތީ، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ނެވެ.

"ގަދަ އަވީގަ އާއި ވެހޭ ވާރޭގައި ދަނޑުވެރިން ވިޔަފާރިކުރަމުން ދިއުމުން، ދަނޑުވެރިންނަށް އަޅާނުލާކަމަށް ބުނެ ގިނަ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި. އެކަމަށް ހައްލެއް ހޯދަން މާރުކޭޓަށް ހާއްސަ އިމާރާތެއް ހަދަން މިދިޔަ ސަރުކާރުން ނިންމީ،" އަބްދުލްލަތީފް ވިދާޅުވި އެވެ.

އެ އިމާރާތުގައި 23 ގޮޅިއެއް ހުރެ އެވެ. އެ ގޮޅިތަކުގެ ބޮޑު މިނަށް ބަލާފައި މަހު ކުލި އުޅެނީ 800 ރ. އާއި 1200 ރ. އާ ދެމެދުގަ އެވެ. ނަމަވެސް ހޮނިހިރު ބާޒާރުން މީހުން އާންމުކޮށް ގަންނަނީ ހަފުތާއަކަށް ވާ ވަރަށް ކަމަށް އަބްދުލްލަތީފް ވިދާޅުވި އެވެ. އަދި އެ އިމާރާތުން ގޮޅިއެއް ކުއްޔަށް ހިފާފައި މިވަގުތު ވަނީ އެންމެ ދެ ފަރާތުން ކަމަށާއި، ހޮނިހިރު ބާޒާރު ކުރިއަށްދާ ނަމަ އެތަނުގައި ވިޔަފާރި ނުކުރެވޭނެ ކަމަށް އެ މީހުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގައި އެކަނި ވިޔަފާރިކުރެވޭ ގޮތަށް ބަދަލުކުރުމުން، ހޮނިހިރު ބާޒާރުގައި ވިޔަފާރިކުރަމުން ދިޔަ އެންމެންނަށް ޖާގައެއް ވެސް އެ އިމާރާތުން ނުލިބޭނެ އެވެ.

"ހުޅުވިފައި ހުރި ތަނެއްގައި ވިޔަފާރިކުރުމުގެ ބަދަލުގައި އިމާރާތެއްގެ ހިޔާވަހިކަމުގައި ވިއްކާ ތަކެތީގެ ސާފުތާހިރުކަން ވެސް އިތުރުވާނެ. މިކަންކަމާ އެކީ ތަކެތީގެ އަގަށް ވެސް ބަދަލު އަންނާނެ،" އަބްދުލްލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށި ކައުންސިލަށް ފާޑުކިޔާފައި މީހަކު ކުރި ޓްވީޓެއް

ފާޑުކިޔާ މީހުން ބުނަމުން އަންނަނީ "ހޮނިހިރު ބާޒާރު" އަކީ ކުޅުދުއްޓަށް ހާއްސަވެފައިވާ ކަމަކަށް ވެފައިވާއިރު އެކަން މަނާކޮށްގެން ނުވާނެ ކަމަށެވެ. މިކަމުގައި އާންމުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އަބްދުލްލަތީފް ވިދާޅުވީ މިކަމުގައި އާންމުންގެ ހިޔާލު ނުހޯދާ ކަމަށެވެ. ނަމަވެސް މިކަމާ މެދު އާންމުންގެ ހިތްހަމަނުޖެހުން އިތުރުވެއްޖެ ނަމަ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެހެން ގޮތެއް ހޯދާނެ ކަމަށް ވިދާޅުވި އެވެ.