Roadha Mihaaru
އާޖެންޓީނާ ސެމީ އަށް، ވާދަކުރާނީ ބްރެޒިލާ

އާޖެންޓީނާ ސެމީ އަށް، ވާދަކުރާނީ ބްރެޒިލާ

29 ޖޫން 2019

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 2-0 އިން ވެނެޒުއޭލާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ފުރުސަތު ހޯދައިފި އެވެ. ސެމީގައި އާޖެންޓީނާ ނުކުންނާނީ ބްރެޒިލާއި ދެކޮޅަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 2-0 އިން ވެނެޒުއޭލާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ފުރުސަތު ހޯދައިފި އެވެ. ސެމީގައި އާޖެންޓީނާ ނުކުންނާނީ ބްރެޒިލާއި ދެކޮޅަށެވެ.

މި މުބާރާތުގައި ބްރެޒިލާއި އާޖެންޓީނާ އެންމެ ފަހުން ބައްދަލުކުރީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އޭގެ ފަހުން އާޖެންޓީނާ ވަނީ ދެ ފައިނަލުން ބަލިވެފަ އެވެ. އަދި މިއީ އެ ފަހަރު ތަށި އުފުލާލި ފަހުން ބްރެޒިލް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ގްރޫޕްގެ ފަހު މެޗުން ގަަތަރުގެ މައްޗަށް ހޯދި މޮޅާ އެކު ސެމީން ޖާގަ ލިބުނު އާޖެންޓީނާ އިން ވަނީ ރޭގެ މެޗު ފަށައިގެން ވެސް ކުރިއަށް ޖެހިގެން އެޓޭކްކޮށްފަ އެވެ. ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް އާޖެންޓީނާ އަށް ލީޑުނަގައިދިނީ އިންޓަގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އެވެ. މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ސާޖިއޯ އަގުއޭރޯ ޖެހި ބޯޅައެއް މާޓިނޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅައެއް އޭރިއާ ތެރެއިން ވަނީ ބްލޮކްވެފަ އެވެ. މި ހާފުގައި ވެނެޒުއޭލާ އަށް އެންމެ ރަނގަޅަށް އެޓޭކްކުރެވޭ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ އާޖެންޓީނާ އަށް ލީޑުފުޅާކޮށްދޭން ރަނުގެ ފުރުސަތެއް މާޓިނޭޒް ވަނީ ނަގާލައިފަ އެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ މާޓިނޭޒް ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އާޖެންޓީނާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 74 ވަނަ މިނިޓްގައި ޖިއޮވާނީ ލޮ ސެލްސޯ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ލޮ ސެލްސޯ މި ގޯލު ޖެހީ އަގުއޭރޯ ފޮނުވާލި ބޯޅައެއް ކީޕަރު ވުއިލްކާ ފަރިނޭޒް އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ކޮޕަ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން ދެ ފަހަރު ފައިނަލުގައި ބަލިވި އާޖެންޓީނާ އަށް މި ފަހަރުގެ މުބާރާތުގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށެއް ނޫނެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެ އެ ޓީމު ވެސް ވަނީ ފޯމަކަށް އައިސްފަ އެވެ.

"ނޮކައުޓް ބުރަށްދާއިރު އާޖެންޓީނާ އަބަދުވެސް އޮންނާނީ ތައްޔާރަށްމ" ރޭގެ މެޗަށް ފަހު އަގުއޭރޯ ބުންޏެވެ.

ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ކޮލަމްބިއާ ޕެނަލްޓީ ޖަހައިގެން 5-4 އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އަތުން ބަލިވެފަ އެވެ. ސެމީގައި ޗިލީ ނުކުންނާނީ ޕެރޫ އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.