Roadha Mihaaru
ޗެމްޕިއަން ޗިލީ ބަލިކޮށް ޕެރޫ ފަައިނަލަށް

ޗެމްޕިއަން ޗިލީ ބަލިކޮށް ޕެރޫ ފަައިނަލަށް

04 ޖުލައި 2019

ޕޯޓް އަލެގްރޭ، ބްރެޒިލް (ޖުލައި 4) - އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ 3-0 އިން ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން 44 އަހަރަށް ފަހު ޕެރޫ ފުރުސަތު ހޯދައިފި އެވެ.

ޕޯޓް އަލެގްރޭ، ބްރެޒިލް (ޖުލައި 4) - އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ 3-0 އިން ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން 44 އަހަރަށް ފަހު ޕެރޫ ފުރުސަތު ހޯދައިފި އެވެ.

ޕެރޫ މީގެ ކުރިން ދެ ފަހަރު މި މުބާރާތުގެ ތަށި ހޯދި އެވެ. އެންމެ ފަހުން ފައިނަލުގައި ކުޅުނީ 1975 ވަަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އެ ޓީމުން ވަނީ ކޮލަމްބިއާ ބަލިކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ފައިނަލުގައި ޕެރޫ ނުކުންނާނީ މުބާރާތް ބާއްވާ ބްރެޒިލާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ޕެރޫ ވަނީ ބްރެޒިލް އަތުން 5-0 އިން ބަލިވެފަ އެވެ.

މިއަދުގެ ސެމީ ފައިނަލަށް ނުކުތްއިރު ގިނަ ބަޔެއްގެ ނަޒަރުގައި ފޭވަރިޓަކީ ޗިލީ އެވެ. އެ ޓީމު މުބާރާތުގައި ބަލިވީ ގްރޫޕް ސްޓޭޖުގައި އުރުގުއޭ އަތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދާ ގްރޫޕް ތަކުގެ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ރޭންކިންގެ ޖާގައެއްގައި ކުއާޓާ އިން ފުރުސަތު ހޯދި ޕެރޫ ވަނީ އެ ބުރުގައި ޕެނަލްޓީ ޖަހައިގެން އުރުގުއޭ ބަލިކޮށްފަ އެވެ.

މެޗުގައި ޕެރޫ އިން ޖެހި ފުރަތަމަ ދެ ގޯލު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޕެރޫ އަށް ލީޑުނަގައިދިނީ އެޑިސަން ފްލޯރޭސް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޮޝިމާ ޔޮޓުން ވަނީ ޕެރޫގެ ލީޑުފުޅާކޮށްދީފަ އެވެ.

ޗިލީގެ ވިޑާލަށް ލިބުމުގެ ކުރިން ޕެރޫގެ ކީޕަރު ގަލޭސޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޗިލީގެ ވިޑާލަށް ލިބުމުގެ ކުރިން ޕެރޫގެ ކީޕަރު ގަލޭސޭ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

މުޅި މެޗަށް ބަލާއިރު ޗިލީން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެޑުއާޑޯ ވާގާސް، އަލެކްސިސް ސަންޗޭޒް، އާޓޫރޯ ވިޑާލް އަދި މަަައުރީސިއޯ އިސްލާ ޖެހި ނުރައްކާތެރި ހަމަލާތަލުގެ ހުރަހަކަށްވީ ޕެރޫ ގޯލުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެޑްރޯ ގަލޭސޭ އެވެ.

ޗިލީން ލަނޑު ޖަހަން ކުރިއަށް ޖެހިގެން ކުޅުނު ވަގުތުގައި ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ޕެރޫގެ ތިން ވަނަ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޕައޮލޯ ގަރޭރޯ އެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ގަރޭރޯ މި ލަނޑު ޖެހީ ޗިލީގެ ކީޕަރު ގަބްރިއަލް އަރިއާސް ކައިރިން ނައްޓާފައި ގޮހެވެ.

އިތުރު ވަގުތުގެ ފަހު މިނިޓްގައި ޕެނަލްޓީ އަކުން ޗިލީ އަށް ގޯލެއް ޖަހައިދޭން ލިބުނު ފުރުސަތުން ވާގާސް ފޮނުވާލި ޕެނަންކާ ޕެނަލްޓީގައި ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ގަލޭސޭ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ޖެހިޖެހިގެން ތިން ފަހަރު ކޮޕަ އެމެރިކާގެ ތަށި އުފުލާލައި ތާރީހުން ޖާގަ ހޯދުމުގެ އަމާޒުގައި މި ފަހަރުގެ މުބާރާތަށް ނުކުތް ޗިލީ އަށް އެކަން ހާސިލްނުވިޔަސް އެ ޓީމުން ކުރި ހިތްވަރާމެދު ފަހުރުވެރިވާ ކަމަށް ޗިލީގެ ކެޕްޓަން ގެރީ މެޑަލް ވަނީ ބުނެފަ އެވެ.