Roadha Mihaaru
ޕީއެސްއެމްގެ ބައެއް ލިޔެކިޔުންތަކެއް ނުފެނުނު: އޭސީސީ

ޕީއެސްއެމްގެ ބައެއް ލިޔެކިޔުންތަކެއް ނުފެނުނު: އޭސީސީ

02 ޖުލައި 2019

ބަަލަމުންދާ މައްސަލައަކާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިއުންތަކެއް ހޯދަން އެތަނަށް ދިއުމުން އެ ލިޔެކިއުންތައް ފެނިފައި ނުވާ ކަަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބަަލަމުންދާ މައްސަލައަކާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިއުންތަކެއް ހޯދަން އެތަނަށް ދިއުމުން އެ ލިޔެކިއުންތައް ފެނިފައި ނުވާ ކަަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ) އަށް އޭސީސީގެ މެމްބަރުން އިއްޔެ ހާޒިރުކޮށް ސުވާލު ކުރިއިރު، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ބައެއް ކުންފުނިތަކުގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަން ކޮމިޝަނަށް އެނގިފަައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވޭ ކުންފުންޏެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޕީއެސްއެމްގެ ވާހަކަ އެވެ.

"ބައެއް ތަންތަނުގައި، ހަމަ ކުންފުނިތަކުގައި އެބަހުރި ލިޔެކިއުންތައް ގަސްތުގައި ނައްތާލާފައި ވެސް އެބަހުރި. ލިޔުންތައް ނެތިފައި ވެސް އެބަހުރި. ހުންނަން ޖެހޭ ބައެއް ކަހަލަ ލިޔެކިއުންތައް ނެތިފައި ވެސް އެބަހުރި. މިހާރު ތަހުހީގު ކުރަމުންދާ މައްސަލަތަކަށް ބަލާއިރު ޕަބްލިކް ސާވިސް މީޑިއާގެ އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުންނަން ޖެހޭ ވަރަށް ގިނަ ލިޔެކިއުންތަކެއް ނެތްކަން،" އޭނާ ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވި ގޮތުގައި ބައެއް ކުންފުނިތަކުން ނުފެނުނު ލިޔެކިއުންތަކަކީ އެތަންތަނުގައި ކުރިން ހުރި ލިޔެކިއުންތައް ކަމަށް އެތަންތަނުގެ މުވައްޒަފުން ވަނީ ބުނެފަ އެވެ. އޭނާ ވިދާޅުވީ އެއީ ތަހުގީގަށް ދިމާވާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ޖަވާބުދާރީ ވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ޖަވާބުދާރީ ވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކުންފުނިތަކުގެ މައްސަލަ ބެލުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ ބައެއް ކުންފުނިތަކުގެ އެތެރޭގެ ސިޔާސަތުތައް އޮންނަ ގޮތުން ވެސް ތަހުގީގަށް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގު ޓީމެއް ގޮސްފައި ލިޔެކިއުންތައް ހޯދަން ދިޔައިމާ ބައެއް ފަހަރު ވަކި ޑިޕާޓްމަންޓެއްގެ ވެރިޔެއް ނެތި އެއްވެސް ކަހަލަ ލިޔެކިއުންތަކެއް ނުލިބޭ ކަހަލަ ގޮތަކަށް ނޫނީ ވަކިބައެއްގެ ހުއްދަ ނެތި އެކްސެސް ނުވެވޭ ކަހަލަ ގޮތަަކަށް ވުމުން ތަހުގީގަށް ހުރަސް އެޅި ތަހުގީގު ދިގުލައިގެންދާން މެދުވެރިވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެކަހަލަ ކަންތައްތައް ފާހަގަ ކުރެވުމުން ބައެއް ކުންފުނިތަކުގެ ބޯޑުމެމްބަރުންނާއި އެމްޑީންނާ މަޝްވަރާކޮށްގެން ބައެއް ކަންތައްތައް ހައްލުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުން މިހާރު އެގޮތަށް އަމަލު ކުރުމުގެ ޖާގަ ކޮމިޝަނަކުން ނުދެ އެވެ. އެގޮތަށް އަމަލު ކުރުމަކީ ތަހުގީގަށް ހުރަސް އެޅުން ކަމަށް ބަލައި ފިޔަވަޅު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެގޮތަށް އަމަލުކޮށްފި ކަމަށް ވަންޏާ އެއީ ތަހުގީގަށް ހުރަސް އެޅި ކަމަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅު އަޅާނެކަން ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.