Roadha Mihaaru
ޕީއެސްއެމުން 22 މިލިއަން ހޯދަން 6 ކުންފުނިން ކޯޓަށް

ބީލަށް ނުލައި ހަވާލުކުރި މަސައްކަތްތަކަށް 22 މިލިއަން ރުފިޔާ ހޯދަން ޕީއެސްއެމް ގޮވައިގެން ކޯޓަށް

20 ޖުލައި 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބީލަމަށް ނުލައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރި މަސައްކަތްތަތަކުގެ އަގު ހޯދަން ހަ ކުންފުންޏަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބީލަމަށް ނުލައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރި މަސައްކަތްތަތަކުގެ އަގު ހޯދަން ހަ ކުންފުންޏަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން އެކި ފާރާތްތަކާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރުވާފައިވާ އިރު ކޯޓަށް ދިޔައީ ކޮން ކުންފުނިތަކަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތް ކަން ޕީއެސްއެމުން ކަށަވަރުކޮށްދެ އެވެ.

ޕީއެސްއެމްއާ ދެކޮޅަށް ކުންފުނިތަކަކުން މި މައްސަލަ ހުށަހެޅީ އެތަނުގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވެސް އެދިފައި އޮއްވަ އެވެ.

ޕީއެސްއެމަށް މި ސަރުކާރުގައި އައްޔަންކުރި މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު އޭރު ވިދާޅުވީ އޭސީސީއަށް ފޮނުވީ ޕްރޮކިއުމަންޓުގެ އިޖުރާއަތުން ބޭރުން ކޮށްފައިވާ މުއާމަލާތްތަކަކާ ބެހޭ 14 މައްސަލައެއް ކަމަށެވެ. އޭސީސީން މި މައްސަލަތަކުގެ ތަހުގީގު ކުރާތާ އަހަރެއް ވީއިރު ވެސް ރިޕޯޓު އަދި އާއްމެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ކޯޓަށް ހަ ކުންފުންޏަކުން ދިޔައީ މީގެ ތެރެއިން ބައެއް މައްސަލަތައް ހިފައިގެންނެވެ. ބީލަށް ނުލައި ކުރުވި މަސައްކަތްތަކުގެ އަގު ހޯދަން އިންވޮއިސް ޕީއެސްއެމަށް ފޮނުވާފައި ވިޔަސް އެ ކުންފުނިތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.

ޔާމީންގެ ސަރުކާރާއި އެ ސަރުކާރު ހިންގި ޕީޕީއެމްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރި ޕީއެސްއެމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭސީސީގެ އަމިއްލަ އިސް ނެގުމަށް ވެސް ބައެއް މައްސަލަތަކުގެ ތަހުގީގު ކުރަން ފެށި ކަން އޮތީ ކުރީގެ ކޮމިޝަނުން ހާމަކޮށްފަ އެވެ.

ޕީއެސްއެމުން ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން އެމްޑީ ބިއުރޯ ހެދި މައްސަލައެއް ވެސް އޮތީ ފެންމަތިވެފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން ހިންގާ ޓްރޭނިން އިންސްޓިޓިއުޓެއް ކަމަށްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި)އަށް އިމާރާތެއް ހޯދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައިވާ މައްސަލައެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.