Roadha Mihaaru
ދެވަނަ ފޭހުގެ ސްކޫލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރަން އާރްސީސީއާ ހަވާލުކޮށްފި

27 ޖޫން 2021

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްގެ ޑިޒައިން ކުރެހުމާއި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.

މި މަސައްކަތަށް 243 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަންޖެހެ އެވެ. މިނިސްޓްރީން ބުނީ އަންނަ އަހަރު ޑިސެމްބަރަށް މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންނަ އަހަރުގެ މާޗަށް ނިންމަންޖެހޭ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.

އެއީ މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރަން ހަމަޖެއްސި ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލުގެ މަސައްކަތް، މި އަހަރަށް ފަސްކުރީ އެވެ.

މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.