Roadha Mihaaru
ވޯލްޑްކަޕުން އިކުއެޑޯގެ ބޭރުކުރަން ޗިލީން ހުށަހަޅައިފި

ވޯލްޑް ކަޕުން އިކުއެޑޯގެ ބޭރުކޮށް އެޖާގަ ޗިލީ އަށް ދޭން ގޮވާލައިފި

08 މެއި 2022

ސެންޓިއާގޯ (މެއި 8) - ކޮލަމްބިއާ އަށް ނިސްބަތްވާ ކުޅުންތެރިޔެއް، އިކުއެޑޯގެ ގައުމީ ޓީމަށް ކުޅެފައިވާކަމަށް ބުނެ، ވޯލްޑް ކަޕުން އެގައުމު ބޭރުކޮށް އެޖާގަ ޗިލީ އަށް ދިނުމަށް، ޗިލީގެ އެފްއޭއިން ފީފާ އަށް ހުށަހަޅައިފި އެވެ.

ސެންޓިއާގޯ (މެއި 8) - ކޮލަމްބިއާ އަށް ނިސްބަތްވާ ކުޅުންތެރިޔެއް، އިކުއެޑޯގެ ގައުމީ ޓީމަށް ކުޅެފައިވާކަމަށް ބުނެ، ވޯލްޑް ކަޕުން އެގައުމު ބޭރުކޮށް އެޖާގަ ޗިލީ އަށް ދިނުމަށް، ޗިލީގެ އެފްއޭއިން ފީފާ އަށް ހުށަހަޅައިފި އެވެ.

ޗިލީގެ ހުށަހެޅުމުގައި ބުނެފައި ވަނީ، އިކުއެޑޯގެ ޑިފެންޑަރަކަށް ކުޅުނު، ބައިރަން ކަސްޓިޔޯ އަކީ ކޮލަމްބިއާ އަށް އުފަން ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ އިކުއެޑޯގެ ގައުމީ ޓީމަށް ކުޅުވާފައި ވަނީ ގައުމީ ޓީމު ބަދަލުކުރުމުގައި ފީފާގެ މިންގަނޑުތަކުން ބޭރުން ކަމަށެވެ. އޭގެ އިތުރުން އިކުއެޑޯގެ ރަށްވެހިކަން ދީފައިވާކަމަށް ބުނާ އައިޑެންޓިޓީ ކާޑަށްވުރެ އޭނާގެ އުމުރު ވެސް ތިން އަހަރު ދޮށީ ކަމަށް ޗިލީން ފީފާ އަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވެއެވެ.

"ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި އޮޅުވާލުންތަކެއް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ހާއްސަކޮށް ދުނިޔޭގެ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު މިކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމެއް،" ޗިލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ފީފާގެ ގަވާއިދުގެ ދަށުން ކުޅުމުގެ ޝަރުތު ފުރިހަމަނުވާ ކުޅުންތެރިޔަކު ކުޅުމުގެ ސަބަބުން، އެޓީމަކަށް ލިބިފައިވާ ޖާގަ ގެއްލުވާލެވިދާނެ އެވެ. ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕުގައި ދެކުނު އެމެރިކާ ބައްރުން އޮޓޮމެޓިކް ޖާގަ ލިބޭ ހަތަރު ޓީމުގެ ގޮތުގައި އިކުއެޑޯ ވަނީ ވޯލްޑް ކަޕަށް ކޮލިފައި ވެފަ އެވެ.

ޗިލީން ހުށަހަޅަނީ ކަސްޓިޔޯ ހިމަނައިގެން އިކުއެޑޯ ކުޅުނު ކޮލިފިކޭޝަންގެ އަށް މެޗުގައި އެޓީމު ބަލިވިކަމަށް ނިންމައި އިދިކޮޅަށް ކުޅުނު ޓީމުތަކަށް އެ މެޗުތަކުން ތިން ޕޮއިންޓް ދިނުމަށެވެ. ޗިލީން ހުށަހަޅާ ކަންކަން އިކުއޭޑޯގެ މައްޗަށް ސާބިތުވެއްޖެނަމަ، އެޓީމު ވޯލްޑް ކަޕުން ބޭރުކޮށް އެޖާގަ އެހެން ޓީމަކަށް ދޭނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް އިކުއެޑޯއިން ވަނީ ޗިލީން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އިކުއެޑޯގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކަސްޓިޔޯ އަކީ ސައްހަ ގޮތުގައި އިކުއޭޑޯގެ ރަށްވެހިކަން ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނަ އާ ބެހޭގޮތުން އެއް ވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށް ވެސް އިކުއެޑޯގެ އެފްއޭއިން ބުނެ އެވެ.