Roadha Mihaaru
އޮގަސްޓް 15 ބޮލީވުޑަށް ބޮޑު ދުވަހަކަށް ވާނެ

އޮގަސްޓް 15 ބޮލީވުޑަށް ބޮޑު ދުވަހަކަށް ވާނެ

15 ޖޫން 2019

އޮގަސްޓް 15 އަކީ އިންޑިއާގެ މިނިވަން ދުވަހެވެ. ބޮލީވުޑަށް މި ދުވަސް މި ފަހަރު ހާއްސަވަނީ ބޮޑު ތިން ފިލްމެއް އެއް ދުވަހެއްގައި ރިލީޒް ކުރާތީ އެވެ. އެހެންވެ މިއީ ބޮކްސް އޮފީހުގައި ވިޔަފާރީގެ ބޮޑު "ތަޅާލުންގަނޑެއް" ކުރިއަށް ދާނެ ދުވަހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮގަސްޓް 15 އަކީ އިންޑިއާގެ މިނިވަން ދުވަހެވެ. ބޮލީވުޑަށް މި ދުވަސް މި ފަހަރު ހާއްސަވަނީ ބޮޑު ތިން ފިލްމެއް އެއް ދުވަހެއްގައި ރިލީޒް ކުރާތީ އެވެ. އެހެންވެ މިއީ ބޮކްސް އޮފީހުގައި ވިޔަފާރީގެ ބޮޑު "ތަޅާލުންގަނޑެއް" ކުރިއަށް ދާނެ ދުވަހެކެވެ.

އޮގަސްޓް 15 ގައި ރިލީޒް ކުރަން ނިންމާފައިވާ ތިން ފިލްމަކީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އާއި އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" ގެ އިތުރުން ޕްރަބާސްގެ "ސާހޯ" އެވެ.

މީޑިއާތަކުން މީގެ ދެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "މިޝަން މަންގަލް" ވަނީ އޮގަސްޓް 9 އަށް އަވަސްކޮށްފަ އެވެ. އެކަމަކު އެ ފިލްމު ގެނެސްދޭ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ކުރި ޓްވީޓެއްގައި ވަނީ ތާރީހު ބަދަލު ނުކުރާކަން ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ ފިލްމު ހަމަ ކުރިން ވެސް ތާވަލު ކުރި ގޮތަށް މިނިވަން ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށް ބުންޏެވެ.

މި ފިލްމަކީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން ފެށި މިޝަންގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިދިޔާ ބާލަން. ސޮނާކްޝީ ސިންހާ، ކިރިތީ ކުލްހާރީ، ނިތިޔާ މެނަން، ސަންޖޭ ކަޕޫރް އަދި ޝަރުމަން ޖޯޝީ އެވެ.

ޖޯން ކޮންޓްރަވާޝަލް ފުލުހެއްގެ ރޯލުން ފެނިގެންދާ "ބަތުލާ ހައުސް" އަކީ ނިކިލް އަދުވާނީ ޑައިރެކްޓް ކުރާ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި މުރުނާލް ތާކޫރް، ނޯރާ ފަތެހީ، ޕްރަކާޝް ރާޖް އަދި ރަވީ ކިޝަން ހިމެނެ އެވެ.

"ސާހޯ" އަކީ ސައުތުގެ މަޝްހޫރު ބަތަލު ޕްރަބާސް "ބާހްބަލީ" ގެ ކާމިޔާބު ދެ ފިލްމަށް ފަހު ސްކްރީނަށް އަންނަ ފިލްމަށްވާތީ، ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ވެސް ކުރާ ފިލްމެވެ.

ސައުތާއި ބޮލީވުޑްގެ ތަރިންތަކެއްގެ މަސްހުނި ކާސްޓަކާ އެކު ގެނެސްދޭ ފިލްމުގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ. ތިން ސަތޭކަ ކްރޯޑް ރުޕީސް (43 މިލިއަން ޑޮލަރު) ގެ ބޮޑު ބަޖެޓަކުން ހަދާފައިވާ މި އެކްޝަންނ ތުރިލާގެ ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، މަންދިރާ ބޭދީ، ނީލް ނިތިން މުކޭޝް، އެވެލީން ޝަރުމާ އަދި ޗަންކީ ޕާންޑޭ ހިމެނެ އެވެ.

ބޮޑު ތިން ފިލްމެއް މި އަހަރުގެ މިނިވަން ދުވަހު ބޮލީވުޑްގެ ބޮކްސް އޮފީހަށް ގުޑުވަން އަރުވައިލަން އަންނަ އިރު، ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުން ތިބީ ވާނެ ގޮތެއް ބަލަން ކެތްމަދުވެފަ އެވެ. ވިޔަފާރި ބެހިގެން ދާނެކަން ކަށަވަރު އިރު، ސުވާލަކީ ކުރި ހޯދާނީ ކިން ފިލްމެއްތޯ އެވެ؟ ތިން ފިލްމު ވެސް ވަރަށް ރަނގަޅަށް ހިނގައިފާނެ އެވެ. ނޫނީ ފަހަރުގައި ތިން ފިލްމުން ކުރެ ފިލްމުން ރިލީޒް ކުރުން ފަސް ވެސްކޮށްފާނެ އެވެ.