Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 ޑިސެމްބަރ 2019

ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" އަންނަ އަހަރުގެ މެއި މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވިދިޔާ ބާލަން ޓައިޓްލް ރޯލް ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" އަންނަ އަހަރުގެ މެއި މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ އަންހެން ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަނޫ މެނަން ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިއްޝޫ ސެންގުޕްތާ، ސާނިއާ މަލްއުތުރާ އަދި އަމިތު ސާދު ހިމެނެ އެވެ.

"ޝަކުންތަލާ ދޭވީ" އަކީ ސޮނީ ޕިކްޗާޒް ނެޓްވޯކާއި އަބުންދަންތިއާ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ވިދިޔާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި "މިޝަން މަންގަލް" އިންނެވެ.

"ސްޓްރީޓް ޑާންސާ" ގެ އާ ޕޯސްޓަރެއް

އަންނަ މަހު ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޓްރެއިލާ މި މަހުގެ 18 ވަނަ ދުވަހު ދައްކައިލަން ނިންމައި ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އާ ޕޯސްޓަރުގައި ހިމެނެނީ ވަރުން ދަވަން އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރާއި ނޯރާ ފަތެހީ ހިމެނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ އަދި 3ޑީ ފޯމެޓްގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 24 ގަ އެވެ.

"ދަ ބޮޑީ" ގައި ސަނީ ހިންދުސްތާނީގެ ލަވައެއް

މިއަދު ސިނަމާތަކުގައ ދައްކަން ފެށި އިމްރާން ހާޝިމީ އާއި ރިޝީ ކަޕޫރްގެ ފިލްމު "ދަ ބޮޑީ" އަށް ސޮނީން ގެނެސްދޭ އިންޑިއަން އައިޑޮލް ސީޒަން 11 ގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި ހިމެނޭ ސަނީ ހިންދުސްތާނީ ކިޔާފައިވާ ލަވައެއް ހިމަނައިފި އެވެ.

ސަނީ ކިޔާފައިވާ ލަވައިގެ ނަމަކީ "ރޮމް ރޮމް" އެވެ. މި ލަވައިގެ މިއުޒިކް ހެދީ ޝަމީރް ޓަންޑެނެވެ. އަދި ޅެން ލިޔެފައި މަޝްހޫރު ޅެންވެރިޔާ ސަމީރު އަންޖާނެވެ.

ސަނީ އަކީ ޕާކިސްތާނުގެ ކުރީގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނުސްރަތު ފަތެހް އަލީ ޚާންގެ ސްޓައިލަށް ލަވަކިޔާ ފަންނާނެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ އަދި މި ފަހަރުގެ އައިޑޮލްގެ އެންމެ ކުޅަދާނަ އެކެކެވެ. އޭނާ އަށް ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔަން ފުރުސަތު ލިބުނު އިރު، އައިޑޮލްގައި ބައިވެރިވުމުގެ ކުރިން ސަނީ އުޅުނީ އާމްދަނީ ހޯދަން މަގުމަތީގައި ބޫޓް ޕޮލިޝްކުރާށެވެ.

އަހާންގެ އަލަތުގެ ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިމުމަކަށް

ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކާ އެކު އަހާން އެކަން ހިއްސާކޮށްފައިވާ އިރު، ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މުސޫރީގަ އެވެ. މިލަން ލުތުރިއާ ޑައިރެކްޓްކުރާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމެކެކެވެ.

View this post on Instagram

First outdoor sched complete ✔️

A post shared by Ahan Shetty (@ahan.shetty) on

އަދި ނަން އިއުލާންނުކުރާ ފިލްމުގެ ނަމަކީ "ތަޅަޕް" ކަމަށް މީޑިއާތަކުން ބުނާ އިރު، މީގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. އޭނާ އަކީ މި އަހަރު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ. ތާރާގެ ދެވަނަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "މަރުޖާވާ" އެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ "ތަޅަޕް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.