Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 އޯގަސްޓް 2019

ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއި ލީޑް ރޯލުން ފެނިގެންދާ ފިލްމު "މޭޑް އިން ޗައިނާ" ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއި ލީޑް ރޯލުން ފެނިގެންދާ ފިލްމު "މޭޑް އިން ޗައިނާ" ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މެޑޮކް ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ އެންމެ ފުރަތަމަ މި މަހުގެ 15 އަށް ތާވަލުކުރި ފިލްމެކެވެ. ނަމަވެސް އެ ތާރީހަށް ބޮޑު އެހެން ތިން ފިލްމެއް ތާވަލު ކުރުމުން ފަހުން ފިލްމު މި މަހުގެ 30 އަށް ފަސްކުރީ އެވެ.

ނަމަވެސް އެ ތާރީހުގައި މިހާރު "ސާހޯ" ރިލީޒްކުރަން ނިންމުމުން "މޭޑް އިން ޗައިނާ" މިހާރު ވަނީ އަންނަ އޮކްޓޯބަރުގެ 25 ގައި ރިލީޒްކުރަން ނިންމައިފަ އެވެ.

މި ބަދަލާ އެކު އެ ފިލްމު ބޮކްސް އޮފީހުގައި އިތުރު އެހެން ދެ ފިލްމަކާ ވާދަކުރަން ޖެހޭނެ އެވެ. އެއީ ކޮމެޑީ ފިލްމު "ހައުސްފުލް 4" އާއި ބައޮގްރަފިކަލް ޑްރާމާ "ސާންޑް ކީ އާންކް" އެވެ.

"މޭޑް އިން ޗައިނާ" އަކީ ދާދި ފަހުން "ލުކާ ޗުއްޕީ" އާއި "އަރުޖުން ޕަޓިއާލާ" ގެނެސް ދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، މިޚިލް މުސާލޭ ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ.

މީގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، އަމީރާ ދާސްތޫރު، ސުމިތު ވިއާސް އަދި އަމިތު ބިމްރޯތު ވެސް ހިމެނެ އެވެ.

"ނިކައްމާ" ގެ ޝޫޓިން ފަށައިފި

ތޭރަ އަހަރު ފަހުން ބަތަލާ ޝިލްޕާ ޝެޓީ ބޮޑު ސްކްރީނަށް އަންނަ ފިލްމު "ނިކައްމާ" ގެ ޝޫޓިން ފަށައިފި އެވެ.

ސަބީރު ހާން ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ އެވެ. މިއީ އޭނާގެ ދެވަނަ ފިލްމެވެ. "ނިކައްމާ" ގެ ކާސްޓުންގެ ތެރޭގައި އަލަށް ތައާރަފުކުރާ ޒުވާން ބަތަލާ ޝާލީ ސެތިއާ ވެސް ހިމެނެ އެވެ.

ނަމަވެސް ވަރަށް ޒުވާން ދެ ތަރިއަކު މުހިއްމު ރޯލްތައް ކުޅޭ ފިލްމުގައި ޝިލްޕާ ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު އޭނާ ބުނެފައިވާ ގޮތުގައި ފިލްމަށް އެއްބަސްވީ ކުޅެން ލިބުނު ރޯލާ މެދު ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ.

"ނިކައްމާ" ރިލީޒްކުރާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.

"މިޝަން މަންގަލް" އަށް 100 ކްރޯޑް

ކުރިން ވެސް އުންމީދުކުރި ގޮތަށް އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު "މިޝަން މަންގަލް" ވެސް 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދައިފި އެވެ.

އިންޑިއާ އިން އެ ފިލްމުގެ އެ ވަރުގެ އާމްދަނީއެއް ހޯދީ ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގަ އެވެ.

އިންޑިއާގެ ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާފައިވާ "މިޝަން މަންގަލް" އަކީ މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ.

ބައްތިރީސް ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް މިހާތަނަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން އަންގާރަ ދުވަހާ ހަމައަށް ޖުމްލަ 149.8 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ "މިޝަން މަންގަލް" ގެ ކާސްޓުންގެ ތެރޭގައި ވިދިޔާ ބަލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ނިތިޔާ މެނަން، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު 100 ކްރޯޑް ފަހަނަޅައި ދިޔަ އަކްޝޭގެ ދެވަނަ ފިލްމެކެވެ. ފުރަތަމަ ފިލްމަކީ މާޗްގައި ރިލީޒްކުރި "ކޭސަރީ" އެވެ. އަދި "މިޝަން މަންގަލް" އަކީ 100 ކްރޯޑް ކުލަބަށް ވަން އަކްޝޭގެ 12 ވަނަ ފިލްމެވެ.

"މިޝަން މަންގަލް" އާ އެއް ދުވަހެއްގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 53.04 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އެވެ. މިއީ 47 ކްރޯޑް (6 މިލިއަން ޑޮލަރު) ގެ ބަޖެޓްގެ ފިލްމެކެވެ.

"ޑްރީމް ގާލް" ގެ އާ ލަވައެއް

އަންނަ މަހުގެ 13 ގައި ރިލީޒްކުރާ އަޔޫޝްމަން ކުރާނާގެ އާ ފިލްމު "ޑްރީމް ގާލް" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ދެވަނަ ލަވައަކީ " ދިލް ކާ ޓެލެފޯން" އެވެ. މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ މީޓް ބްރަދާޒް އެވެ. ލަވަ ކިޔާފައި ވަނީ ޖޮނީތާ ގާންދީ އާއި ނަކަޝް އަޒީޒްގެ އިތުރުން މީޓް ބްރޮސް އެވެ.

"ޑްރީމް ގާލް" އަކީ އަޔޫޝްމަން ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން އަންހެން އަަޑުން ވާހަކަ ދައްކައި، ފިރިހެނުން އޭނާގެ މަޅީގައި ޖެއްސުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރާޖް ޝާންޑަލިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާއަކީ ނުޝްރަތު ބަރޫޗާ އެވެ.