Roadha Mihaaru
ޔޫއޭއީ އަށް ދަތުރު ކުރާ މީހުންނަށް ހިލޭ ސިމް

ޔޫއޭއީ އަށް ދަތުރުކުރާ މީހުންނަށް ހިލޭ ޕްރިޕެއިޑް ސިމް

06 ޖުލައި 2019

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރާ ހުރިހާ މީހުންނަށް ހިލޭ ސިމް ކާޑު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރާ ހުރިހާ މީހުންނަށް ހިލޭ ސިމް ކާޑު ދޭން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ފެޑެރެލް އޮތޯރިޓީ އޮފް އައިޑެންޓިޓީ އެންޑް ސިޓިޒެންޝިޕް (އައިސީއޭ) އިން ހުކުރު ދުވަހު ބުނީ އަށް ދަތުރު ކުރާ ހުރިހާ އެންމެންނަށް ވެސް ހިލޭ ޕްރިޕެއިޑް ސިމް ކާޑް ދޫކުރާނެ ކަމަށެވެ.

މީގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި އެ ގައުމަށް ދާ މީހުންނާއި ޓްރާންސިޓް ކުރާ މީހުންނާއި ވިޒިޓް ވިސާ އަދި އޮން އެރައިވަލް ވިސާގައި ދަތުރުކުރާ މީހުން ވެސް ހިމެނެ އެވެ. ދަތުރުވެރިންނަށް ސިމް ކާޑު ދޫކުރާނީ އެ މީހުން ޗެކިންވާ އެއާޕޯޓެއްގެ އިމިގްރޭޝަން ކައުންޓަރުން ޕާސްޕޯޓްގައި ސްޓޭމްޕް ޖަހާ އިރު އެވެ.

އައިސީއޭ އިން ބުނި ގޮތުގައި ޔޫއޭއީ އަށް ދަތުރު ކުރާ 18 އަހަރުން މަތީގެ ކޮންމެ ދަތުރުވެރިއަކަށް ދޫކުރާނީ މަސް ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ ސިމެކެވެ. އޭގައި ތިން މިނިޓްގެ ކޯލާއި ފަސް އެމްއެސްއެސް އާއި 20 އެމްބީގެ މޮބައިލް ޑޭޓާ ވެސް ހިމެނޭނެ އެވެ. ނަމަވެސް ދަތުރުގެ މުއްދަތު 30 ދުވަހަށް ވުރެ އިތުރު ކުރާ ނަމަ، ސިިމްގެ ވެލިޑޭޝަން ވެސް އިތުރުކޮށް ދޭނެ އެވެ.

ދަތުރުވެރިންނަށް ދޫކުރާނީ ޔޫއޭއީގެ މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އިއްތިސަލާތާއި ޑޫ ޓެލެކޮމިއުނިކޭޝަންގެ ސިމެވެ. އެގޮތުން ގައުމަށް އެތެރެވާ ހިސާބުން ސިމް ދޫކުރާނެ އެވެ.

މިކަމާ ބެހޭ ގޮތުން އައިސީއޭގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން އެފެއާޒް އެންޑް ޕޯޓްސް އެފެއާޒް މޭޖަ-ޖެނެރަލް ސައީދު ރަކަން އަލް ރާޝިދީ ވިދާޅުވީ ޔޫއޭއީގެ ދަތުރުވެރިންނަށް ހިލޭ ސިމް ދޫކުރަން ނިންމީ، މެހުމާނުންނަށް ހިދުމަތް ދިނުމުގައި އެ ގައުމުން ތަފާތު ކަމެއް ކުރުމުގެ ގޮތުން ކަމަށެވެ.

މިއީ ދަތުރުވެރިންނަށް މުޅިން ހިލޭ ގައުމަކުން ސިމް ކާޑް ފޯރުކޮށް ދޭން ފެށި ފުރަތަމަ ފަހަރު ވެސް މެ އެވެ.

"މިކމުގެ ސަބަބުން ލިބޭނެ އެއް ފައިދާއަކީ ދަތުރުވެރިންނަށް އާ ހިދުމަތެއް ތަޖުރިބާކޮށްލަން ލިބުން. އަނެއް ކަމަކީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބާރު އެޅުމުގެ އިތުރަށް، ގައުމުގެ މެހުމާންދާރީން ހިތްހަމަޖެހުން ގެނެސް ދިނުން،" އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން ޔަގީނުން ވެސް އެ ގައުމުތަކުން ނުކުރެވޭ ތަޖުރިބާއެއް ޔޫއޭއީން ކުރެވޭނެ."

ޔޫއޭއީ އަށް ދަތުރު ކުރާ ހުރިހާ މީހުންނަށް ހިލޭ ސިމް ދޫކުރަން ނިންމި އިރު، އެ ގައުމުގެ ދުބާއީން މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ ހިލޭ ސިމް ދޫކުރާ ޕައިލެޓް ޕްރޮގްރާމަށް ފަށައިފަ އެވެ.

"ކަނެކްޓް ވިތު ހެޕިނެސް" ގެ ނަމުގައި ދުބާއީ އިންޓަނެޝަނަލް އެއާޕޯޓްގައި ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ޑޫ ޓެލެކޮމް އާއި ޖެނެރަލް ޑިރެކްޓަރޭޓް އޮފް ރެޒިޑެންސީ އެންޑް ފޮރިން އެފެއާޒް (ޖީޑީއާރްއެފްއޭ-ދުބާއީ) ގެ އިތުރުން ސްމާޓް ދުބާއީ ގުޅިގެންނެވެ.