Roadha Mihaaru
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފި

17 އޯގަސްޓް 2021

ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން އަނެއްކާ ވެސް ރާއްޖެ އުނިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން އަނެއްކާ ވެސް ރާއްޖެ އުނިކޮށްފި އެވެ.

މިއާ އެކު އަބޫދާބީ އަށް މާދަމާގެ މެންދުރު 2 ގެ ފަހުން ދަތުރުކުރާ ހުރިހާ އެންމެން ވެސް ހޯމް ކަރަންޓީން ވާން ޖެހޭނެ އެވެ.

ގްރީން ލިސްޓުގައި ނުހިމެނޭ ގައުމުތަކުން އަބޫދާބީ އަށް އެތެރެވުމަށް ފަހު، ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ. މީގެ އިތުރުން ހަތް ދުވަހަށް ކަރަންޓީނުވެ، އަނެއްކާ ވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ. ކޮވިޑުން ދިފާއުވުމުގެ ވެކްސިން ނުޖަހާ މީހުން އަބޫދާބީ އަށް އެތެރެވާ ނަމަ 12 ދުވަހު ކަރަންޓީނުވާން ޖެހޭނެ އެވެ.

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރިއިރު، އެމެރިކާ އާއި އޮސްޓްރިއާ އިޒްރޭލް ފަދަ ގައުމުތައް ވެސް އެ ލިސްޓން ވަނީ އުނިކޮށްފަ އެވެ. ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޖަރުމަނު، ހަންގޭރީ، ޗައިނާ، މޮރިޝަސް، މޯލްޓާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ސީޝެލްސް ހިމެނެ އެވެ. މި ގައުމުތަކުން އަބޫދާބީ އަށް ދަތުރުކުރާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރި އެވެ. އެ އަށް ފަހު މިދިޔަ ޖޫން މަހު އަނެއްކާ ވެސް އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނި އެވެ.

އަބޫދާބީގެ ޓްރެވެލް ލިސްޓު ކޮންމެ ދެ ހަފުތާއަކުން އަންނަނީ އަޕްޑޭޓް ކުރަމުންނެވެ.