Roadha Mihaaru
ފަހަތުން އަރައި ޔޫވީން ނިލަންދޫ ބަލިކޮށްފި

ފަހަތުން އަރައި ޔުނައިޓެޑް ވިކްޓްރީން ނިލަންދޫ ބަލިކޮށްފި

06 ޖުލައި 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ފަހަތުން އަރައި 4-2 އިން ފ. ނިލަންދޫ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ފަހަތުން އަރައި 4-2 އިން ފ. ނިލަންދޫ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތީ މިއަދު ހަވީރު ވިކްޓްރީ އަތުން 1-0 އިން މޮޅުވި ށ. ފޯކައިދޫ އެވެ. ފޯކައިދޫ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓްރީ ފަސް ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗަށް ނުކުތްއިރު ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) އާއި ޔުނައިޓެޑް ވިކްޓްރީގެ ޝާފިއު އަހުމަދު (ޝާފީ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. މިދިޔަ މެޗުތަކުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ)ގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީ މި މެޗުގައި އެ ޓީމުން ބޭނުންކުރީ ޒުވާން ކީޕަރު ޖިނާން ހާރޫނެވެ.

ޔުނައިޓެޑް ވިކްޓްރީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ނިލަންދޫ އަށް ލީޑުނަގައިދިނީ އަހުމަދު ވާފިރެވެ. ހާފުގެ މެދުތެރެއިން ނިލަންދޫގެ އަހުމަދު ނަބީލް ހުސްކޮށްލާފައި އޭރިއާތެރެއިން ވާފިރަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ވެސް ނިލަންދޫ އަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައިރު ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ބެލަރޫސްގެ މިޑްފީލްޑަރު ޑިމިޓްރީ ކަަބަސެލާއު އާއި ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް އަދި ކެޕްޓަން އަހުމަދު ނާޝީދު (ނައްޓޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފް ފެށިގެން މިނިޓެއްގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދިނީ ނައްޓޭ އެވެ. ކޯނަރަކުން ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް ނަގައިދިން ބޯޅަ ނައްޓޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެެވެ.

ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަކުރިތާ ހަތް މިނިޓް ފަހުން އަހުމަދު އުސާމް (ކަލޫ) ވަނީ އަލުން ނިލަންދޫ އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން މޫސާ ހަސަން ނަގައިިދިން ހުރަހަކުން ކަލޫ ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ އިރުކޮޅެއް ކުރިން ބޯޅަ ނެތިސް ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާންގެ މިޑްފީލްޑަރު ބެކްތޫރު ޓަލްގަޓް ގައިގައި ޖެހުމުން އުސާމަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ޑިމިޓްރީ އެވެ. މިއީ ނައްޓޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ހަތަރު މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދޭން އަލީ ހައިޝަމް (ޗުމްޕު) މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ނިލަންދޫގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދިނީ މެޗުގެ 84 ވަނަ މިނިޓްގައި ސިލިޗް އެވެ. އަލީ ޝަމާލް އަރިމަތިން ނަގައިދިން ބޯޅަ ސިލިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގައި އެ ޓީމަށް ލިބުނު ދެ ވަނަ ޕެނަލްޓީން ޑިމިޓްރީ އެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅަށް އޮތްއިރު އެ ޓީމުގެ ފަރާތުުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އެކަމަކު ސީޒަނުގެ ކުރިންނާއި ލީގު ފެށުނު ފަހުން ވެސް ނިލަންދޫގެ ތައްޔާރީތައް ދަނީ އޭނާ ބޭނުންގޮތަކަށް ނޫން ކަމަށާއި މެޗުގެ ފަހު ވަގުތަށް ދިޔައިރު ކުޅުންތެރިންނަށް ގޯސް ފައުލުތަކެއް ކުރެވުނީ ވަރުބަލިވެފައި ހުރުމުން ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި ކަހަލަ މެޗުތަކަކީ އެންމެ އުނދަގޫ މެޗުތައް ކަމަށާއި ސަބަބަކީ އިދިކޮޅަށް ނުކުންނަ ޓީމު އާދައިގެ ގޮތަކަށް ނެގުމަށް ފަހު މެޗު ފަސޭހަކޮށްލުން ކަމަށެވެ. މެޗަށް ނުކުތް ޓާގެޓް ކަމަށްވާ ތިން ޕޮއިންޓް ހާސިލްވުމަކީ އޮތް ހަމައެކަނި ހިތްހަމަޖެހުން ކަމަަށާއި އެކަމަކު ކުޅުންތެރިން މި ގޮތަށް ފަސޭހަކޮށްލައިގެން މެޗުތައް ކުޅުމަކީ އެންެމެ ރަނގަޅު ގޮތެއް ނޫންކަމަށް ބުންޏެވެ.

ލީގުގައި މި ވަގުތު ބިދޭސީ ކުޅުންތެރިން ނުލައި ކުޅެމުންދާ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ނިލަންދޫ އެވެ.