Roadha Mihaaru
ޔޫވީ އަތުން ނިލަންދޫ ޕޮއިންޓެއް ހޯދައިފި

ޔޫވީ އަތުން ނިލަންދޫ ޕޮއިންޓެއް ހޯދައިފި

16 އޮކްޓޯބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފ. ނިލަންދޫ އިން 2-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ފ. ނިލަންދޫ އިން 2-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

މި މެޗުން މޮޅުވެގެން ތާވަލުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނިލަންދޫ އަށް ގެއްލުނުއިރު ޔުނައިޓެޑް ވިކްޓްރީ އަށް މި މެޗުން މޮޅުވެގެން ހަތް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގު ހަތް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ 10 މެޗުން އަށް ޕޮއިންޓާ އެކު އެވެ. އަށް ވަނައިގައި އޮތް ނިލަންދޫ އަށް 10 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެއް ކުޅުންތެރިޔަކު މަދުކޮށް ނިލަންދޫ އިން ކުރި ހިތްވަރަށް މަރުހަބާ ކިޔާ ކަމަށާއި ޔުނައިޓެޑް ވިކްޓްރީ އަށް މި މެޗުން މޮޅުނުވެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ލަނޑު ނުޖެހުމުން ކަމަށެވެ.

"ހުރިހާ ކަމަކަށް ބަލާއިރު ލިބުނު ޗާންސްތައް ނިންމައިނުލެވުނީހަމަ. މެޗެއްގައި އެންމެ މުހިއްމީ ސްކޯ ކުރުން އެކަމެއް ނުކުރެވުނު. އެހެންވީމަ އެ އަށް އެބަޖެހޭ ހައްލެއް އަންނަން،" ނަޒީހު ބުންޏެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އަހުމަދު ނާޝިދު (ނައްޓޭ) އާއި އަހުމަދު ވިސާމް (ޖެރާޑް) ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ހުސްކޮށް ވަދެ ނައްޓޭ ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އޭރިއާބޭރުން ޖެރާޑް ޖެހި ބޯޅަ ވެސް ދިޔައީ ބޭރުންނެވެ.

ނިލަންދޫން ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ އޮފްސައިޑް މަޅިން ސަލާމަތްވެ ބިދޭސީ ކުޅުންތެރިޔާ ލޫކަސް ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ހަސަން ތޮލާލް (ތޮލާ) ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން އޭރިއާ ތެރެއިން ނިލަންދޫގެ އަކުރަމް އިސްމާއިލަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި އެ ޓީމަށް ލީޑުނަގައިދިނެވެ. ލީޑުފުޅާކުރަން މެޗުގެ 30 ވަނަ މިނިޓްގައި ނިލަންދޫގެ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ޖެހި ބޯޅަ ކީޕަރު ތޮލާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދިނީ މެޗުގެ 33 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ނައްޓޭ އެވެ. ޖެރާޑް ހުސްކޮށްލާފައި ނައްޓޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ލީޑަކާ އެކު ފުރަތަމަ ހާފް ނިންމާލަން ދެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކުރި އެވެ. މި ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑް ވިކްޓްރީގެ ޔޫކްރޭނު ފޯވާޑް ކީރްލޯ ސިލިޗް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިިދޭން މެޗުގެ 63 ވަނަ މިނިޓްގައި މިރާހު މުހައްމަދު (މިރަޓީ) ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިލަންދޫ އަށް މައްސަލަ ދިމާވީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ކިންގްސްލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ މިރަޓީ އަށް ކުރި ފައުލަކަށެވެ. ނިލަންދޫގެ ކުޅުންތެރިޔަކު މަދުވިތާ އިރުކޮޅެއްގެ ތެރޭ ޔުނައިޓެޑް ވިކްޓްރީން ވަނީ ލީޑުނަގައިފަ އެވެ. އެ ޓީމަށް ލަނޑު ޖަަހައިދިނީ ސިލިޗް އެވެ. އޭރިއާތެރެއިން މެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސިލިޗް ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް ނިލަންދޫ އިން ވަނީ ހިތްވަރުކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ނަތީޖާ ހަމަހަމަކުރަން ނިލަންދޫން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ލޫކަސް އެވެ. ޔުނައިޓެޑް ވިކްޓްރީ މޮޅުކޮށްދޭން އިތުރު ވަގުތުގައި ނައްޓޭ އާއި މިރަޓީ އަތުން ހުސް ދެ ފުރުސަތެއް ގެއްލުނެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ހާލަތު ދިޔަ ގޮތަށް ބަލާއިރު މި މެޗުން ލިބުނީ ވަރަށް މުހިއްމު ޕޮއިންޓެއް ކަމަށެވެ. މެޗަށް އައީ ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ހާސިލްނުވިޔަސް މިއީ އެންމެ ގޯސް ނަތީޖާއެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ފެސްކޯ ބުންޏެވެ.