Roadha Mihaaru
ދޯސްތާނާ 2 ގައި ޖާންވީ އާއި ކާތިކް އަކީ ދެބެއިން؟

"ދޯސްތާނާ 2" ގައި ޖާންވީ އާއި ކާތިކް އަކީ ދެބެއިން؟

07 ޖުލައި 2019

ދާދި ފަހުން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާން ކުރި އެ ސްޓޫޑިއޯގެ ކާމިޔާބު ފިލްމު "ދޯސްތާނާ" ގެ ދެވަނަ ބައިގެ ކާސްޓަށް ނަގާފައިވާ ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން ފިލްމުގައި ކުޅޭނީ ދެބެއިންގެ ރޯލް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާން ކުރި އެ ސްޓޫޑިއޯގެ ކާމިޔާބު ފިލްމު "ދޯސްތާނާ" ގެ ދެވަނަ ބައިގެ ކާސްޓަށް ނަގާފައިވާ ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން ފިލްމުގައި ކުޅޭނީ ދެބެއިންގެ ރޯލް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. "ދޯސްތާނާ 2" އަށް ޖާންވީ އާއި ކާތިކް ހަމަޖެއްސުމަށް ފަހު، މި ފިލްމުގެ ޓީމުން މިހާރު އަންނަނީ ފިލްމަށް ދެވަނަ އެކްޓަރަކު ހޯދަމުންނެވެ. ބެލެވޭ ގޮތުން ފިލްމުން އާ އެކްޓަރަކު ތައާރަފު ކުރާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ދޯސްތާނާ 2" ވާނީ ލޯބީގެ ތިނެސްކަން ވާހަކައެއް ކިޔައިދޭ މަޖާ ފިލްމަކަށެވެ. އަދި ޖާންވީ އާއި ކާތިކް ދެބެއިންގެ ރޯލު ކުޅުމަކީ ވަރަށް ވެސް ޝައުގުވެރި ވާނެ އަދި ބެލުންތެރިން މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ސަބަބަކަށް ވާނެ ކަމަށް އެ ނޫހުން ބުންޏެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކޮލިން ޑި ކަންހާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ނަވްޖޯތު ގުލާތީ އާއި ސުމިތު އަރޯރާގެ އިތުރުން ރިޝަބް ޝަރުމާ އެވެ. ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކާތިކް އާއި ސާރާ އަލީ ހާން ކުޅޭ އިމްތިއާޒް އަލީގެ "އާޖް ކަލް" ގެ ޝޫޓިން މިދިޔަ ހަފުތާގައި ނިންމާލައިފާ އިރު، އޭނާ މި ވަގުތު އުޅެނީ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކްގެ ޝޫޓިންގެ ފަހު ޝެޑިއުލްގެ މަސައްކަތުގަ އެވެ. ޖާންވީ މި ވަގުތު އަންނަނީ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާ" ގެ މަސައްކަތް ކުރަމުންނެވެ.

ކަރަން ދެހާސް އަށެއްގައި ގެނެސް ދިން "ދޯސްތާނާ" އަކީ ތަރުން މަންސުކާނީ ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަނެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ބޮބީ ޑިއޯލް ވެސް ފެނިފައިވެ އެވެ.