Roadha Mihaaru
ކާތިކްގެ ބަދަލުގައި "ދޯސްތާނާ 2" އަށް ކާކު؟

ކާތިކްގެ ބަދަލުގައި "ދޯސްތާނާ 2" އަށް ކާކު؟

19 އެޕްރީލް 2021

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ "ދޯސްތާނާ 2" އިން ބަތަލު ކާތިކް އާރިޔަން ވަކިކޮށްފައިވާތީ މިހާރު އެންމެ ބޮޑަށް ކުރެވޭ ސުވާލަކީ އޭނާގެ ބަދަލުގައި ފިލްމަށް ނަގާނީ ކާކުތޯ އެވެ؟ މި ބަހުސް މީޑިއާތަކުގައި ވަރަށް ބާރަށް ކުރިއަށްދާ އިރު، ފިލްމަށް ނަގައިފާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ދެ ނަމެއް އެބަ އޮތެވެ. އެއީ ރާޖްކުމާރު ރާއޯ އާއި ވިކީ ކޯޝަލެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ "ދޯސްތާނާ 2" އިން ބަތަލު ކާތިކް އާރިޔަން ވަކިކޮށްފައިވާތީ މިހާރު އެންމެ ބޮޑަށް ކުރެވޭ ސުވާލަކީ އޭނާގެ ބަދަލުގައި ފިލްމަށް ނަގާނީ ކާކުތޯ އެވެ؟ މި ބަހުސް މީޑިއާތަކުގައި ވަރަށް ބާރަށް ކުރިއަށްދާ އިރު، ފިލްމަށް ނަގައިފާނެ ކަމަށް ބެލެވޭ އެކްޓަރުންގެ ތެރޭގައި ދެ ނަމެއް އެބަ އޮތެވެ. އެއީ ރާޖްކުމާރު ރާއޯ އާއި ވިކީ ކޯޝަލެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، "ދޯސްތާނާ 2" އަކީ ރާޖަށް ކުރިން ހުށަހެޅި ފިލްމެއްކަމެވެ. އެކަމަކު އޭނާ އަށް ފިލްމަށް ސޮއިނުކުރެވުނީ އެހެން ޕްރޮޖެކްޓްތަކަކަށް ވަގުތު ދޭން ޖެހިފައި އޮތުމުންނެވެ. ރާޖް ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު ކޮލިން ޑި ކަންހާ އަކީ އޭނާއާ އެކީ ކިޔަވަން ވެސް އުޅުނު ގާތް ރައްޓެއްސަކަށް ވާތީ، ކޮލިންގެ ފިލްމަށް ވަގުތު ދޭން ވަރަށް ބޭނުންވި އެވެ. އެކަމަކު ވަގުތާއި ހާލަތު އެކަމަށް ފުރުސަތު ނުދިނީ އެވެ.

ގިނަ މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ދޯސްތާނާ 2" އަށް ނެގުމުގެ ފުރުސަތު ބޮޑީ ރާޖެވެ. އޭނާ އަދި މިހާތަނަށް ދަރުމާގެ ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ރާޖަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.

"ދޯސްތާނާ 2" އަށް ނަގައިފާނެ ކަމަށް ބުނާ ވިކީގެ އަތުގައި މިހާރު ވެސް ދަރުމާގެ ފިލްމެއް އެބައޮތެވެ. އެއީ ޝޫޓިން ފަށާފައި އޮތް "މިސްޓަ ލޭލޭ" އެވެ. އެ ފިލްމުގެ ނަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ވިކީ އަކީ ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ބަތަލެވެ. އަދި ކަރަން ޑައިރެކްޓްކުރަން އޮތް "ތަޚުތު" ގެ ކާސްޓްގައި ވެސް ވިކީ ހިމެނެ އެވެ.

ދަރުމާ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކާތިކް "ދޯސްތާނާ 2" އިން ވަކިކޮށްފައިވާތީ އޭނާގެ ބަދަލުގައި ވަރަށް އަވަހަށް ފިލްމަށް އެކްޓަރަކު ހަމަޖައްސައި އެކަން އިއުލާންކުރާނެ ކަމަށެވެ. ކާތިކް ވަކިކުރި އިރު ފިލްމުގެ ޝޫޓިން 2019 ގައި އޮތީ ފަށައިފަ އެވެ. އަދި އޭނާ ވަކިކުރުމަކީ ދަރުމާ އަށް ގާތްގަނޑަކަށް 20 ކްރޯޑް ރުޕީސްގެ ގެއްލުމެވެ.

"ދޯސްތާނާ 2" ގެ ބަތަލާ އަކީ މިދިޔަ މަހު ރިލީޒްކުރި ރާޖްގެ "ރޫހީ" ގެ ބަތަލާ ޖާންވީ ކަޕޫރެވެ. މި ފިލްމުން އާ އެކްޓަރަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ލަކްޝް އެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ދޯސްތާނާ 2" އަކީ ދަރުމާ އިން 2008 ގައި ގެނެސްދިން "ދޯސްތާނާ" ގެ ސީކްއެލް އެވެ. ތަރުން މަންސުކާނީ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝެކް ބައްޗަނެވެ.