Roadha Mihaaru
ފައިދާ ދަށްވީ ބްރިޖާއި މަހާ ޖައްރާފާ ހެދި: އެމްޓީސީސީ

ހިންގުމުގެ ފައިދާ ދަށްވީ ބްރިޖާއި މަހާ ޖައްރާފުގެ ސަބަބުން: އެމްޓީސީސީ

07 ޖުލައި 2019

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ސިނަމާލެ ބްރިޖާއި މަހާ ޖައްރާފު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ސިނަމާލެ ބްރިޖާއި މަހާ ޖައްރާފު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއަދު ނެރުނު އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި 2017 އާ އަޅާބަލާއިރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވަނީ 73 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 83 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުންފުނީގެ ހިންގުމުގެ ފައިދާ ދަށްވީ ބްރިޖް އެޅުމުގެ ސަބަބުން، މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ކުރާ ދަތުރުފަތުރުގެ ވިޔަފާރި އަށް ދިމާވި ގޮންޖެހުންތަކާއި، ބޮޑު ހޭދައެއްކޮށްގެން ރާއްޖެ ގެނައި ކޮންނަބޯޓު މަހާ ޖައްރާފަށް ކުރަން ޖެހުނު ހަރަދުތަކުގެ ސަބަބުންނެވެ.

ސިނަމާލެ ބްރިޖް: ބްރިޖްގެ ސަބަބުން އެމްޓީސީސީގެ ދަތުރުފަތުރުގެ ވިޔަފާރި އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިނަމާލެ ބްރިޖް: ބްރިޖްގެ ސަބަބުން އެމްޓީސީސީގެ ދަތުރުފަތުރުގެ ވިޔަފާރި އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތުން ބްރިޖް އެޅުމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި ދަތުރުފަތުރުގެ ދާއިރާއިން ވަނީ 82 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ. މިއީ 2017 އާ އަޅާބަލާއިރު 26 މިލިއަން ރުފިޔާ ބޮޑު ގެއްލުމެކެވެ.

ދަތުރުފަތުރުގެ ދާއިރާ އިން ލިބުނު ގެއްލުމުގެ ސަބަބުން އެމްޓީސީސީގެ ސާފު ފައިދާ އަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 141 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 34 މިލިއަން ރުފިޔާ އެވެ.

މަހާ ޖައްރާފަށް ކުރަން ޖެހުނު ޚަރަދުގެ ސަބަބުން އެމްޓީސީސީ އަށް ވަނީ މިދިޔަ އަހަރު ގެއްލުން ވެފައި.-- ފޮޓޯ: އެމްޓީސީސީ

މަހާ ޖައްރާފަށް ކުރަން ޖެހުނު ޚަރަދުގެ ސަބަބުން އެމްޓީސީސީ އަށް ވަނީ މިދިޔަ އަހަރު ގެއްލުން ވެފައި.-- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށް 2017 ގައި ގެނައި މަހާ ޖައްރާފަށް ހަރަދު ކުރަން ޖެހުނު އަދަދު އިތުރުވުމާ ގުޅިގެން ހިންގުމުގެ ފައިދާގެ އިތުރުން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އިން ވެސް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. އެގޮތުން މިދިޔަ އަހަރު ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކުރި ނަމަވެސް 6.13 މިލިއަން ރުފިޔާ ގެއްލުންވި ކަމަށް ސީއީއޯ ހަސަން ޝާހުގެ ބަޔާނުގައިވެ އެވެ.

ސީއީއޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މަހާ ޖައްރާފުގެ ސަބަބުން ގެއްްލުންވީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއްގައި މަޝްރޫއުތަކާ ހަވާލުވުމުންނެވެ.

ޝާހު ވިދާޅުވި ގޮތުގައި މި ދާއިރާ އިން މި އަހަރު ފައިދާވާ ވަރުގެ މަޝްރޫއުތައް ކުރިއަށް ގެންދަން އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބުނެވެ. ހަރަދު ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 34 މިލިއަން ރުފިޔާ އެވެ.