Roadha Mihaaru
މި ކިސަޑުގަނޑުން ނަފާ ހޯދިދާނެ!

މި ކިސަޑުގަނޑުން ނަފާ ހޯދިދާނެ!

09 ޖުލައި 2019

ކިސަޑުގަނޑަށް އެރިލުމަކީ ފުވައްމުލަކަށް މިހާރު ގިނަ ބަޔަކު ދާން ބޭނުންވާ އެއް ސަބަބެވެ. އެ ރަށު މީހުން ވެސް އުފަލަކަށް މިހާރު އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބަންދު ދުވަސްތަކުގައި އާއިލާތައް ވަގުތު ހޭދަކުރަނީ އެ ކިސަޑުގަނޑުގަ އެވެ. މޫދަށް ދާ ފަދައިން އެތަނަށް އެރިލުމަށް ގޮސް އުޅެ އެވެ. ގުދުރަތީ އެތައް ރީތި ކަމެއް ލިބިފައިވާ ފުވައްމުލަކު ކިސަޑުގަނޑަށް މީހުން އާއްމުކޮށް އެރިއުޅޭތާ ދެ ތިން އަހަރެއް ވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކިސަޑުގަނޑަށް އެރިލުމަކީ ފުވައްމުލަކަށް މިހާރު ގިނަ ބަޔަކު ދާން ބޭނުންވާ އެއް ސަބަބެވެ. އެ ރަށު މީހުން ވެސް އުފަލަކަށް މިހާރު އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބަންދު ދުވަސްތަކުގައި އާއިލާތައް ވަގުތު ހޭދަކުރަނީ އެ ކިސަޑުގަނޑުގަ އެވެ. މޫދަށް ދާ ފަދައިން އެތަނަށް އެރިލުމަށް ގޮސް އުޅެ އެވެ. ގުދުރަތީ އެތައް ރީތި ކަމެއް ލިބިފައިވާ ފުވައްމުލަކު ކިސަޑުގަނޑަށް މީހުން އާއްމުކޮށް އެރިއުޅޭތާ ދެ ތިން އަހަރެއް ވެއްޖެ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އެއީ ބޮޑު ނަފާއެއް ހޯދިދާނެ ތަނެކެވެ.

އެ ކިސަޑުގަނޑަކީ ފުވައްމުލަކު ބަންޑާރަކިޅި އާއި ދަޑިމަގި ކިޅިއާ ޖެހިގެން އޮންނަ "ކޮޑަކިޅި" އެވެ. ބަންޑާރަކިޅިއާ އެކު ހިމާޔަތްކުރި ސަރަހައްދުގެ ތެރޭގައި ކޮޑަކިޅި ވެސް ހިމެނެ އެވެ. ގާތްގަނޑަކަށް 50 ފޫޓުގެ އެ ކިސަޑުގަނޑުގެ ބައެއް ހިސާބުތަކުގެ ފުންމިނުގައި ހަ ފޫޓު ހުރެ އެވެ. އެހެން ހިސާބުތަކުގައި އާއްމު މީހެއްގެ އިސްކޮޅު ޖެހެ އެވެ.

"ކޮޑަކިޅި" އަށް ބަޔަކު އެރި މަޖާ ކުރަނީ: އެތަން ޓޫރިޒަމްގައި ވެސް ބޭނުންކުރެވިދާނެ-- ފޮޓޯ: އަޒްލީން/ފޭސްބުކް

"ކޮޑަކިޅި" އަށް ބަޔަކު އެރި މަޖާ ކުރަނީ: އެތަން ޓޫރިޒަމްގައި ވެސް ބޭނުންކުރެވިދާނެ-- ފޮޓޯ: އަޒްލީން/ފޭސްބުކް

ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވި ގޮތުގައި ކޮޑަކޮޅިއަކީ މަގުބޫލު ސަރަހައްދެއް ނަމަވެސް މިހާތަނަށް އެތަނުން ނަފާއެއް ހޯދަން މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. ނަމަވެސް ތިމާވެއްޓާ ރައްޓެހި ޓޫރިޒަމް ފުޅާކޮށް ނަފާ ހޯދުމުގެ މަޝްވަރާތައް ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ ނަފާ ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ބަލަމުން. މަޝްވަރާތައް އެބަ ކުރެވޭ އެކި ފެންވަރުގައި،" ޓޫރިޒަމް އެހާ ބޮޑަށް ފުޅާވެފައި ނުވާ ފުވައްމުލަކުގެ މޭޔަރު ވިދާޅުވި އެވެ.

އިނގިރޭސި ބަހުން ނަމަ އެއީ "މަޑް ބާތު" އެވެ. ވަރަށް ކުރީ ޒަމާނުންސުރެ އެކި ކަންކަމަށް ކިސަޑުގަނޑުގެ ތެރެއަށް އިންސާނުން އެރިއުޅުނެވެ. ހާއްސަކޮށް ގައިގައި ރިއްސުމާއި އާތުރައިޓްސްގެ ފަރުވާތަކަށް އެކަން ކުރެ އެވެ. އެއީ ސްޓްރެސްއާ ދުރުވެ ރިލެކްސް ވުމުގެ ގޮތުން ވެސް ކުރާ ކަމެކެވެ. މީގެ އިތުރުން ހަންގަނޑު ރީތިކޮށް އަދި ޒުވާންކޮށް ބަހައްޓަން ވެސް މަޑް ބާތު ބޭނުންކުރެ އެވެ.

ޔޫރަޕްގެ ގައުމުތަކުން މިހާރު އަންނަނީ އެކަންކަން ޕްރޮމޯޓުކުރަމުންނެވެ. ހާއްސަކޮށް އަލިފާންފަރުބަދަތައް ހުންނަ ހިސާބުތަކާއި ދުވަސްވީ ކުޅިތައް ހުންނަ ސަރަހައްދުތަކުގަ އެވެ. ގައިގައި ރިއްސުން ފަދަ މައްސަލަތަކުގެ އިތުރުން ސިއްހީ އެހެން މައްސަލަތަކަށް ހައްލު ހޯދަން ވެސް ހާއްސަ ތެރަޕިއުޓިކް ކްލިނިކްތަކުން މަޑް ބާތުގެ ހިދުމަތް މިހާރު ދެ އެވެ.

"ކޮޑަކިޅި" އަށް ބަޔަކު އެރި: މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ތަނެއް-- ފޮޓޯ: މުހައްމަދު ޖުނައިދު/ފޭސްބުކް

"ކޮޑަކިޅި" އަށް ބަޔަކު އެރި: މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ތަނެއް-- ފޮޓޯ: މުހައްމަދު ޖުނައިދު/ފޭސްބުކް

މޫދާއި ރީތި ދޮންވެލިގަނޑުތަކުގެ އިތުރުން އަވި ޕްރޮމޯޓްކޮށްގެން ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ނަފާ ހޯދާ ރާއްޖެއިން މިއީ ވެސް ތަޖުރިބާކޮށްލުން ރަނގަޅު ކަމެކެވެ. މިއީވެސް ރާއްޖޭގައި ފުޅާ ކުރެވިދާނެ ތަފާތު ޓޫރިޒަމަކަށް ވާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ދެކެ އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޑު ބާތިން އަކީ ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ޓޫރިޒަމަކަށް ވާއިރު އެކަން ފުވައްމުލަކުގައި ފުޅާކުރެވިދާނެ ކަމަށެވެ.

"ޓޫރިޒަމަކީ ހަމައެކަނި ސަން، ސޭންޑް، ސީއެއް ނޫން. ފުވައްމުލަކުން ލިބެން އެހުރީ ގުދުރަތީ މަޑު. މިއީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކުރެވިދާނެ ކަމެއް،" އެ ކުޅީގެ ހާލަތު ބައްލަވާފައިވާ ރާއިދު ވިދާޅުވި އެވެ.

ބަންޑާރަކިޅީގައި ބަޔަކު ޑިންގީއެއް ދުއްވަނީ: އެތަނާ އިންވެގެން އޮންނަ ކޮޑަކިޅިއަކީ ވެސް މަގުބޫލު ތަނެއް-- ފޮޓޯ: އަސަދު ފޮޓޯގުރަފީ

ބަންޑާރަކިޅީގައި ބަޔަކު ޑިންގީއެއް ދުއްވަނީ: އެތަނާ އިންވެގެން އޮންނަ ކޮޑަކިޅިއަކީ ވެސް މަގުބޫލު ތަނެއް-- ފޮޓޯ: އަސަދު ފޮޓޯގުރަފީ

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޓޫރިޒަމެއް ތައާރަފު ކުރުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެ ކިސަޑުގަނޑުގެ ޓެސްޓްތައް ހަދައި އޭގައި އެކުލެވިގެންވާ މިނެރަލް އާއި ފެނުގެ މިންވަރު ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ތަފާތު މީހުން ޓްރީޓްމަންޓް ނަގާނީ. ބައެއް މީހުން ތިބެދާނެ ވަކި މިނެރަލްސްއަކަށް އެލާޖިކްވާ. އެހެންވީމަ އެތަނަށް އެރޭއިރު ޓޫރިސްޓުންނަށް އެނގެންވާނެ މިއީ ކޮން ކަހަލަ މަޑްއެއްކަން. މީގައި ހުރީ ކިހާ އަދަދެއްގެ މިނެރަލްސްއެއްކަން،" ރާއިދު ވިދާޅުވި އެވެ.

""ސައިންޓިފިކް ހެއްކެއް ހޯދަން ޖެހޭ. ނުރައްކާތެރި އެއްޗެއް ހުރިތޯ ނެތްތޯ ޔަގީންކޮށްފައި ޓޫރިސްޓުން އެރުވަން ވާނީ."

މަޑު ބާތިން އަކީ މުއްސަނދިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކަމެއްކަން ފާހަގަކޮށް ރާއިދު ވިދާޅުވީ ފުވައްމުލަކުގައި އެ ޓޫރިޒަމް ފަށަން ވިސްނާއިރި އެ ސިޓީގައި ޓޫރިސްޓް ފެސިލިޓީސްތައް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރަށް ވުރެ ގިނަ ޓޫރިސްޓު ބެޑް އެތަނުގައި ތައާރަފްކުރުމާއި ޓޫރިސްޓުން ބޭނުންވާނެ އެހެނިހެން ހިދުމަތްތައް ލިބޭ ތަނަކަށް އެ ސިޓީ ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޑަކިޅީގެ މަގުބޫލުކަން ދިވެހިންގެ މެދުގައި މިހާރު ބޮޑެވެ. ދެން އޮތީ ގުދުރަތީ އެ މުއްސަނދިކަމުގެ ފައިދާ މާލީ ގޮތުން ރަށަށް ލިބޭނެ ފުރުސަތު ހޯދުމެވެ. ހިތްގައިމު ފުވައްމުލަކަކީ ހާއްސަ ތަނެއްގެ ގޮތުގައި ހެދޭނެ އެކަހަލަ އެތައް ސިފައެއް އެރަށުގައިވެ އެވެ. ބޭނުންވަނީ އާ ވިސްނުމާއި އަމަލީ މަސައްކަތްތަކެވެ.