Roadha Mihaaru
ޗައިނާ މީހާ ވެއްޓުނު އިމާރާތުގެ މައްސަލައެއް ނެތް

ޗައިނާ މީހާ ވެއްޓުނު އިމާރާތުގެ ސަލާމަތީ ކަންކަން ރަނގަޅު: ސިޓީ ކައުންސިލް

04 މާޗް 2019

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި އިމާރާތެއްގެ މަތިން ޗައިނާ މީހަކު ވެއްޓި މަރުވީ އެ އިމާރާތުގެ ސަލާމަތީ ކަންކަން ގޯސްވެގެން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި އިމާރާތެއްގެ މަތިން ޗައިނާ މީހަކު ވެއްޓި މަރުވީ އެ އިމާރާތުގެ ސަލާމަތީ ކަންކަން ގޯސްވެގެން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ މައްސަލަ ބެލުމަށް ފަހު، އެއީ އިހުމާލުގެ ސަބަބުން ހިނގި ހާދިސާއެއް ނޫން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ކަމަށެވެ.

އެ ހާދިސާގައި އެ މީހާ މަރުވީ "ހިޔާ" މަޝްރޫއުގެ ދެވަނަ ފޭސްގެ ދަށުން ހަދަމުން އައި ހަ ވަނަ ޓަވަރުގެ ނުވަ ވަނަ ބުރިން ދެ ވަނަ ބުރިއަށް ވެއްޓި އެވެ.

"އެ ދުވަހު [ހޮނިހިރު ދުވަހު] ހެނދުނު އެތަނުން ސޭފްޓީ ގައިޑްލައިންސްތައް ރަނގަޅަށް ކިޔައިދިން. ގަވާއިދާ އެއްގޮތަށް އެތަނުން ކަންތައް ކުރަމުން އައީ،" ޝަމާއު ވިދާޅުވި އެވެ.

"އެއްބައިފަހަރު އެ ކަހަލަ ކަންތައް ވެސް ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުން ދިމާވާ ހާދިސާތަކުގައި ފިޔަވަޅު އެޅުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް މިދިޔަ ހަފްތާ ވަނީ ދީފަ އެވެ. އެގޮތުން ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން މިދިޔަ މަހު 18 ވަނަ ދުވަހު ވެއްޓުނު ގާބުރިއަކުން ޖެހިގެން މަރުވި ބަންގްލަދޭޝް މީހާގެ މައްސަލަ ވެސް އެ ތަނުން އަންނަނީ ބަލަމުން ނެވެ.