Roadha Mihaaru
މިއަހަރު ރާއްޖޭގެ އާބާދީ ފަސްލައްކައަށް އަރާނެ: ރައީސް

މި އަހަރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާނެ: ރައީސް

12 ޖުލައި 2019

އަންދާޒާތަކަށް ބަލާއިރު މި އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންދާޒާތަކަށް ބަލާއިރު މި އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު 533،000 އަށް ވުރެ ގިނަ މީހުން މި ގައުމުގައި އުޅޭނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 30 ޕަސެންޓް ހިއްސާކުރަނީ ބިދޭސީން ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހުން، 2014 ވަނަ އަހަރު ނެގި ބޯހިމެނުން ދައްކާގޮތުން ބިދޭސީން ހިމަނައިގެން ރާއްޖޭގެ އާބާދީއަކީ 402،071 އެވެ. އެއީ 338،434 ދިވެހީންނާއި 63،637 ބިދޭސީންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުވެގެން ދިއުމަކީ ފުންކޮށް ވިސްނައި އަވަސް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހން އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ. މިކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ. "ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި."

ކޮންމެ ގައުމެއްގެ ވެސް އެންމެ ބޮޑު ހަޒާނާއަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި ލިބޭ ތަރައްގީގެ ފައިދާ ހޯދައިދިނުމަށް ބަލަންޖެހެނީ އާބާދީގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކަކީ ކޮބައިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި ވިހާ މަރުވާ ނިސްބަތް އަޅާކިޔުމުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރުކަން ރައީސް ފާހަގަކުރެއްވި އެވެ. އާބާދީގެ 14 ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވުމުން ރާއްޖޭގައި މިހާރު އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ފަހަށް ރައްކާކުުރުމުގެ ސަގާފަތް އަށަގެންނެވުން މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިހާރުގެ އާބާދީގެ 36 ޕަސެންޓަކީ ޒުވާނުންނެވެ. މަސައްކަތްކުރާ އުމުރުގެ އަދަދަކީ އާބާދީގެ 67 ޕަސެންޓެވެ. އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރު މަސައްކަތު އާބާދީގެ ޕަސެންޓޭޖް ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް އަންދާޒާތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.