Roadha Mihaaru
ޒުވާން އާބާދީގެ 19 ޕަސެންޓް އެއްވެސް ކަމެއް ނުކުރޭ

ޒުވާން އާބާދީގެ 19 ޕަސެންޓް އެއްވެސް ކަމެއް ނުކުރޭ!

11 ޖުލައި 2024

ރާއްޖޭގައި ޒުވާން އާބާދީގެ 19 ޕަސެންޓް މީހުން އެއްވެސް މަސައްކަތެއް ނުކުރާކަން އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ޒުވާން އާބާދީގެ 19 ޕަސެންޓް މީހުން އެއްވެސް މަސައްކަތެއް ނުކުރާކަން އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން، ސްޓެޓިސްޓިކްސް ބިއުރޯ އިން އާއްމުކުރި މައުލޫމާތުތަކުގައި ބުނީ އުމުރުން 15-24 އަހަރާ ދެމެދުގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ތައުލީމާއި ތަމްރީން ނުވަތަ ވަޒީފާއެއް އަދާނުކުރާ ކަމަށެވެ. އެއީ 10،414 މީހުންނެވެ.

މީގެ ދެ އަހަރު ކުރިން ހެދި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 515،132 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 382،639 އެވެ. ޒުވާން އާބާދީއަކީ 53،537 އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 26،006 މީހުން އަދި ރަށްރަށުގައި 27،531 މީހުން ދިރިއުޅެ އެވެ.

ޒުވާން އުމުރުގެ މީހުން ކިޔެވުމާއި ވަޒީފާ އަދާކުރުމާ ގުޅޭ ކެޓަގަރީއަށް ބަލާއިރު، ގިނައީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނެވެ. އެ ބައިގައި 15-24 އަހަރާ ދެމެދުގެ 34.2 ޕަސެންޓް މީހުން އަދި ތައުލީމު ހާސިލްކުރަމުން އައި ނަމަވެސް، ލޭބަ ފޯސް އިން ބޭރުގައި އުޅޭ ކަމަށް 34 ޕަސެންޓް މީހުން ބުނެފައި ވެ އެވެ.

ތައުލީމެއް ވެސް އަދި ލޭބަ ފޯސް އިން ވެސް ބޭރުގައި 14.5 ޕަސެންޓް މީހުން ތިބިއިރު، ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން އަންނަ ކަމަށް ބޯހިމެނުމުގައި ބުނެފައިވަނީ 11.1 ޕަސެންޓެވެ. ކިޔެވުމާއި ވަޒީފާގައި ވެސް ނޫޅޭ ކަމަށް ފަސް ޕަސެންޓް އަދި ކިޔަވަމުން އައި ނަމަވެސް ވަޒީފާ އަދާނުކުރާ ކަމަށް 1.2 ޕަސެންޓް ބުނެފައިވެ އެވެ.

ސްޓެޓިސްޓިކްސް އޮފީހުން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ އާބާދީއަކީ 300،422 ކަމަށެވެ. ދިވެހިންގެ އަދަދަކީ 171،130 އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ.