Roadha Mihaaru
ސަޕޯޓަރުންގެ އުންމީދުތައް މަތިވެއްޖެ، ބޭނުންވަނީ މެޑަލް: ރައީސް

ސަޕޯޓަރުންގެ އުންމީދުތައް މަތިވެއްޖެ، ބޭނުންވަނީ މެޑަލް: ރައީސް

14 ޖުލައި 2019

ކުޅިވަރުގައި ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައި ކަމަށާއި މިއީ މެޗަކުން އެއްވަރުވެގެން ނުވަތަ މެޗަކުން މޮޅުވެގެން އެކަނި، ހިތްހަމަޖައްސާލައިގެން ތިބެވޭ ޒަމާނެއް ނޫން ކަމަށް ވިދާޅުވެ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށް ދިވެހި އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހިތްވަރުދެއްވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކުޅިވަރުގައި ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައި ކަމަށާއި މިއީ މެޗަކުން އެއްވަރުވެގެން ނުވަތަ މެޗަކުން މޮޅުވެގެން އެކަނި، ހިތްހަމަޖައްސާލައިގެން ތިބެވޭ ޒަމާނެއް ނޫން ކަމަށް ވިދާޅުވެ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށް ދިވެހި އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހިތްވަރުދެއްވައިފި އެވެ.

އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ ގޭމްސްގައި ރާއްޖޭން ބައިވެރިވާ 226 މެމްބަރުންގެ ކޮންޓިންޖެންޓާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު ދިވެހި ސަޕޯޓަރުންގެ އަމާޒަކީ މެޑަލް ކަމަށާއި ކުޅުންތެރިންވެސް މެޑެއްޔެއް ނޫން އެހެން އެއްޗެއް މިހާރު ބޭނުންނުވާނެކަން ޔަގީންކުރައްވާ ކަމަށެވެ.

"ތިޔަ ކުޅުންތެރިންނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލު ކުރާނެ ސަފީރުން. ތިޔަ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، އަދި ހޯދާ ކޮންމެ ރީތި ނަމަކީ، މުޅި ގައުމަށް ލިބޭނެ ވަރަށް މަތިވެރި ފަހުރަކާއި ޝަރަފަކަށްވާނެ. އެހެންވީމާ، ތިޔަ ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް،" ރައީސް ވިދާޅުވި އެވެ.

އައިއޯއައިޖީ އަކީ ރާއްޖޭން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރަން ފެށި ދެ ވަނަ މުބާރާތް ކަމަށްވީ ނަމަވެސް މިއީ ރާއްޖޭގެ ކާމިޔާބުގެ ފެށުމެވެ. އެގޮތުން 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެ އަށް ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން މެޑަލް ލިބުނެވެ.

ރައީސް ވިދާޅުވީ މީގެ 40 އަހަރު ކުރިން ރާއްޖޭން އެ ގޭމްސްގައި ވާދަކުރިއިރު ކުޅިވަރު އޮތް ހާލަތު އެއްވެސް ކުޅުންތެރިޔަކަށް ހިޔާލަށް ނުގެނޭވެ ކަމަށާއި އެއީ ރާއްޖޭގެ ކުޅުންތެރިންނަށްވެސް މުޅިން އައު ތަޖުރިބާއެއް ކަމަށެވެ.

"ވަރަށް ގިނަ އާ ކަންތައްތައް ދަސްކުރަން ޖެހުނު. މިހާރުގެ ޒުވާނުން ހިނި އަންނަ ޒާތުގެ އެތައް ކަމެއްވެސް ދަސްކުރަންޖެހުނު. އެ ކުޅުންތެރިން، އުލާއި ސަމުސަލުން ކާނެގޮތުގެ ތަމްރީނުތައްވެސް އޭރު ބާއްވަން ޖެހުނު،" ރައީސް ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބައެއް އެތުލީޓުން. -ފޮޓޯ: ރައީސް އޮފީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބައެއް އެތުލީޓުން. -ފޮޓޯ: ރައީސް އޮފީސް

އެ ހުރިހާ ކަމެއްގައި އިސްކޮށް ހުންނެވި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނުގެ ޒިކުރާ މިއަދު އާކުރައްވައިފަ އެވެ. ރާއްޖޭން އިންޑިއަން އޯޝަން ސްޕޯޓްސް ފެޑެރޭޝަނުގައި ބައިވެރިވުކުރުމުގެ ފަހަތުގައި ހުންނެވީ ވެސް ޒާހިރެވެ.

"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއް. ރާއްޖެއަކީ އެ މުބާރާތުގެ ފައުންޑާ މެންބަރު ގައުމަކަށްވާތީ، އަޅުގަނޑުމެން މި މުބާރާތަށް ދާންވާނީ ވަރަށް ވަރުގަދަ އަޒުމަކާއި، ވަރަށް މަތިވެރި ރޫހެއްގައި. މިހާރު ތިޔަ ކުޅުންތެރިންނަކީ، މި ސަރަހައްދުގެ ގައުމުތަކަށްވެސް ދޫނުކުރާ ހުނަރުވެރި މޮޅު ކުޅުންތެރިން،" ރައީސް ވިދާޅުވި އެވެ.

ގޭމްސްގައި ވާދަކުރާ ޓީމުތައް ތައްޔާރުކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ސަރުކާރުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި އެއީ ހަމައެކަނި ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ފަހަތުގައި އޮތީ އެއީ ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ވެސް ބޭނުމުގައި ސަރުކާރުން ކަނޑައެޅި ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް، މި ސަރުކާރުން ކުރިއަށް މިގެންދަނީ، ވަރަށް ހާއްސަ އިސްކަމެއްދީގެން ކަމަށާއި ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންވާ ބަޖެޓް މިހާރު ވާނީ އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް، އަޅުގަނޑު ފާހަގަކޮށްލަން، ފިރިހެން ވޮލީ ޓީމު މިހާރު ވެސްވީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ސާބިއާގައި. މިއީ ވިލާތުގެ ގައުމެއްގައި ރާއްޖޭގެ ވޮލީ ޓީމެއް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

"އެހެން ކުޅިވަރު ޓީމުތަކަށްވެސް، އެފަދަ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުންމީދުކުރާ ކާމިޔާބީ އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަށް ރާއްޖޭގެ ކޮންޓިންޖެންޓުގެ އޮފިޝަލް ކިޓް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަށް ރާއްޖޭގެ ކޮންޓިންޖެންޓުގެ އޮފިޝަލް ކިޓް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް އޮލިމްޕިކް ކޮމިޓީން ދިން ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރަށް ދިދަ ހަވާލުކޮށްދެއްވައިފަ އެވެ. އަދި ރާއްޖޭގެ ކޮންޓިންޖެންޓުގެ އޮފިޝަލް ޖާޒީ، ރައީސަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވަނީ ހަދިޔާކުރައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަން މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ވަނީ، 1979 ވަނަ އަހަރުގެ ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓް ތައްޔާރުކުރުމަށް އޭރު ސްޕޯޓްސް ޑިވިޒަނުގެ ވަކީލެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ވިދާޅުވެދެއްވައިފަ އެވެ. އަދި ކުޅިވަރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ބިންގާ އެޅުމަށް ކުރި އެ ފަދަ މަސައްކަތްތަކުން ހިތްވަރު ހޯދައި މިއަދުގެ ޒުވާނުން ކުރިއަށް ދިއުމަށް އަލިބެ ވަނީ ނަސޭހަތް ދެއްވައިފަ އެވެ.

ގޭމްސްގައި ކާމިޔާބު ހޯދުމަށާއި ދީނީ ކަންކަމަށް ފަރުވާތެރިވުމަށާއި ރަނގަޅު އަހުލާގެއްގައި ދެމި ތިބުމަށް ކުޅުންތެރިންނަށް، އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އަދި 1979 ވަނަ އަހަރުގެ ގޭމްސްގައި ދިވެހި ދިދަ އުފުލި އިބްރާހިމް އިސްމާއިލް ވަނީ އަޒުމް ލައިދެއްވައިފަ އެވެ. މީގެ އިތުރުން ހާއްސަ ދުއާއެއް ކުރުން ވެސް އޮތެވެ.