Roadha Mihaaru
ރައީސް ނެންގެވި ފޯރި އާއި ދެއްވި ހިތްވަރަށް މެޑެއްޔެއް ހައްގު!

ރައީސް ނެންގެވި ފޯރި އާއި ދެއްވި ހިތްވަރަށް މެޑެއްޔެއް ހައްގު!

22 ޖުލައި 2019

މޮރިޝަސް ކުޅުންތެރިޔާ ފޮނުވާލި ބާރު ޝޮޓް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްގެ ހާފަށް ވެއްޓުމާ އެކު، ރާއްޖެ އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިހުގެ ރަން މެޑަލް ކަށަވަރުވީ އެވެ. ބައިނަލްއަގްވާމީ ގޭމްސްއެއްގައި ރާއްޖެ އަށް ޓީމު އިވެންޓުން ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. ދިވެހި ކުޅިވަރުގެ މުޅިން އާ ސަފުހާއެކެވެ!

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

މޮރިޝަސް ކުޅުންތެރިޔާ ފޮނުވާލި ބާރު ޝޮޓް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްގެ ހާފަށް ވެއްޓުމާ އެކު، ރާއްޖެ އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިހުގެ ރަން މެޑަލް ކަށަވަރުވީ އެވެ. ބައިނަލްއަގްވާމީ ގޭމްސްއެއްގައި ރާއްޖެ އަށް ޓީމު އިވެންޓުން ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. ދިވެހި ކުޅިވަރުގެ މުޅިން އާ ސަފުހާއެކެވެ!

އެއާ އެކު ފެނިގެން ދިޔައީ ވީއައިޕީ ބޮކްސްގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެންސް މަތިން ފުންމަވާލައްވައި، ދުވެވަޑައިގެން ޓީމުގެ އުފާފާޅުކުރުންތަކުގައި ބައިވެރިވެވަޑައިގެންނެވި މަންޒަރެވެ. މިއީ ވެސް ދިވެހި ކުޅިވަރުގައި މުޅިން އާ މަންޒަރެކެވެ!

އަންހެން ޓީޓީ ޓީމުގެ މި ފަހުރުވެރި ކާމިޔާބީގައި، ރީތި އިތުރު ކުލައެއް ޖައްސަވައިދެއްވީ ޔަގީނުން ވެސް ރައީސް ސޯލިހެވެ. ޓީމް މޯލްޑިވްސްގެ ޖާޒީއެއް ތުރުކުރައްވައިގެން އެމަނިކުފާނު ގެންދެވީ މެޗު ފެށުނީއްސުރެ ޓީމަށް ތަރުހީބު ދެއްވަމުންނެވެ. އެމަނިކުފާނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގެންދެވީ އާއްމު ސަޕޯޓަރުންނަށް އެންމެ ތަންފުކެއް ވެސް ދޫނުދީ ތަރުހީބު ދެއްވަމުންނެވެ. އެއްވެސް އަބުއި ކަމެއް ނެތެވެ. ރައީސް އަތްޕުޅުގައި އޮތް ފެންފުޅިއަކުން އަޑުގޮއްވައި ޓީމަށް ފޯރިދެއްވަމުން ގެންދެވިއިރު މަހުލޫފު ގެންދެވީ ގިގުނިއަކުން ތަރުހީބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ޓީޓީ ކުޅުންތެރިޔާ ރަފާއާ އެކު އުފާފާޅުކުރައްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ރައީސް ސޯލިހު ޓީޓީ ކުޅުންތެރިޔާ ރަފާއާ އެކު އުފާފާޅުކުރައްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އެ ހުރިހާ ކަމެއް އެއްކިބައިގައި ބާއްވަމާ ހިނގާށެވެ. ރައީސް ސޯލިހު އެންމެ ހިނދުކޮޅެއް ވެސް ދޫނުކުރައްވައި ބަރާބަރު ތިން ގަޑިއިރު މެޗު ބައްލަވަން ހުންނެވުމަކީ ވެސް ޓީޓީ ކުޅުންތެރިންނަށް ފުދިފައި އިތުރު މިންވަރެކެވެ. އެކަން ކުޅުންތެރިން ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

"ރައީސް ވަޑައިގެން ތިން ގަޑިއިރު މެޗު ބައްލަވަން ހުންނަވާނެ ކަމަށް އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން،" މެޑަލް ހޯދި ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު ބުންޏެވެ. ރައީސް ހުންނެވުމުން ވަރަށް އުފާވި އަދި އެހެން ކަހަލަ އިހުސާސެއް ކުރެވުނު."

ރައީސްގެ މި ދަތުރުފުޅަކީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނަމަވެސް ގިނަ ވަގުތު ހޭދަކުރެއްވީ މެޗުތައް ބެއްލެވުމުގަ އެވެ. އިއްޔެ މެންދުރު ބީޗްވޮލީ އަށް ވަޑައިގެން ފޯރި ދެއްވުމަށް ފަހު، ދިގު ދަތުރަކަށް ފަހު މެންދުރުފަހު ވަޑައިގެންނެވީ ޓީޓީ ހޯލަށެވެ. ރާއްޖޭން މެޔޯޓް ބަލިކޮށް ގްރޫޕުގެ އެއް ވަނަ ހޯދިއިރު ރައީސް ހުންނެވި އެވެ. އަދި މިއަދު ހެނދުނު ޓީޓީގެ ސެމީ ފައިނަލް މެޗު ބައްލަވަލެއްވުމަށް އެދެމެދުން ބެޑްމިންޓަން ޓީމަށް ތަރުހީބު ދެއްވަން ވަޑައިގެންނެވި އެވެ. އެއަށް ފަހު އަނެއްކާ ވެސް މެންދުރުފަހު ވަޑައިގެންނެވީ ޓީޓީ ހޯލަށެވެ.

ރައީސް ސޯލިހު ފައިނަލަށް ފަހު ދީމާގެ ކަރުގައި މެޑަލް އަޅުވައިދެއްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ރައީސް ސޯލިހު ފައިނަލަށް ފަހު ދީމާގެ ކަރުގައި މެޑަލް އަޅުވައިދެއްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ރަސްމީ އިއްޒަތުގައި، ވީވީއައިޕީ ދުރުން މެޗު ބެއްލެވުމުގެ ބަދަލުގައި، ސީދާ ކޯޓު ކުރިމަތީ ހުންނަވައި ރައީސް ގެންދެވީ ބަރާބަރަށް ސަޕޯޓް ދެއްވަމުންނެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ ވަފުދުގެ މެމްބަރުންނަށް ވެސް، ޓީމަށް ފޯރިދިނުމުގައި ހަރަކާތްތެރިވާން ފުރުސަތު ލިބުނެވެ. މިއަދު ފައިނަލް ކުޅެމުން ދިޔައިރު، ރައީސްގެ ވީޑިއޯގްރާފު ވުވުޒެލާއެއް ފުމެ ފޯރި ނަގަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލުން އިން ފެށިގެން ރައީސްގެ ބޮޑީގާޑުން ވެސް ގެންދެވީ ތަރުހީބުދެމުންނެވެ.

"'މި ފަހަރު ރަފާ މިކަން ނިންމާނެ،" ފަހު ސެޓުގައި ރަފާގެ މައްޗަށް މޮރިޝަސް ކުޅުންތެރިޔާ ކުރި ހޯދި ވަގުތު އެތަނުގައި ތިބި އެހެން އޮފިޝަލުން މާޔޫސްވުމުން، ރައީސްގެ ބޮޑީގާޑަކު ހިތްވަރުދިނެވެ.

އޭގެ ހިނދުކޮޅެއް ފަހުން ފެނުނީ އޭނާ ބުނި މަންޒަރެވެ. ރަފާ މެޗު ނިންމީ އެވެ. ރަން މެޑަލް ކަށަވަރުކޮށްދިނީ އެވެ. އެއާ އެކު ކޯޓުގައި ތިބި މޮރިޝަސްގެ ސަޕޯޓަރުންގެ ތެރޭ، ފަރުދާވެފައި ތިބި މަދު އަދަދެއްގެ ދިވެހިންތައް ދިޔައީ ކެކި އުތުރި އަރައިގެންނެވެ. އެންމެ ކުރީގައި ހުންނަވައިގެން ކުޅުންތެރިން ގާތަށް ވަޑައިގެން ރައީސް ވަރަށް ބޮޑަށް އުފާފާޅުކުރެއްވި އެވެ. އެމަނިކުފާނުގެ އުފަންރަށް ޅ. ހިންނަވަރަށް ނިސްބަތްވާ ރަފާ، އެ ކާމިޔާބީގައި ބޮޑު ހިއްސާއެއް ވުމުން ޔަގީނުން ވެސް ރައީސަށް އިތުރު އުފާފުޅެއް ލިބިވަޑައިގަންނަވާނެ އެވެ. ރައީސްގެ ފަހަތްޕުޅުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަޑައިގެން ކުޅުންތެރިންނާ އެކު އުފާފާޅުކުރެއްވި އެވެ. އެކަމަނާގެ މޫނުމަތިން ފެނުނު އުފަލުގެ އިހުސާސްތަކުން، އެއީ ޓީމުގެ މެމްބަރެކޭ ވެސް ހީވެދާނެ އެވެ.

މިއަދުގެ ފައިނަލަށް ފަހު ފަސްޓް ލޭޑީ މެޑަމް ފަޒްނާ ޓީމާ އެކު އުފާފާޅުކުރައްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

މިއަދުގެ ފައިނަލަށް ފަހު ފަސްޓް ލޭޑީ މެޑަމް ފަޒްނާ ޓީމާ އެކު އުފާފާޅުކުރައްވަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ

"ތިޔަ ކުޅުންތެރިންނަކީ މުޅި ގައުމުގެ އުފަލާއި ޝަރަފު،" ރައީސް ވިދާޅުވި އެވެ.

އެ އުފާވެރި ހިނދުކޮޅަށް ފަހު ރައީސް ސޯލިހާ ދެން ބައްދަލުކުރީ ވެސް، އެހާމެ އުފާވެރި، ފަހުރުވެރި އަދި ޝަރަފްވެރި ދެ ހިނދުކޮޅެކެވެ. އެއީ ޔަގީނުން ވެސް އެމަނިކުފާނުގެ ސިކުނޑީގެ ހަޒާނާގައި އަބަދަށްމެ ރައްކާނެ ކުރައްވާނެ ދެ ހިނދުކޮޅެކެވެ. ފަހުރުވެރި ދިވެހި ކުޅުންތެރިންގެ ކަރުގައި ރަން މެޑަލް އަޅުވައިދިނުމާއި، ދިވެހި ގައުމީ ސަލާމްކުޅެވޮ ދިވެހި ދިދަ، އެންމެ އުހަށް ނެގިގެން ދިޔަ މަންޒަރު ދެކެވަޑައިގަތުމެވެ. އެ ގައުމެއްގެ ގައުމީ ސަލާމް މެޑަލް ރަސްމިއްޔާތެއްގައި ކުޅެވިގެން ދިއުމަށް ވުރެ ވަކި ފަހުރުވެރި ވަގުތެއް އެ ގައުމެއްގެ ކުޅިވަރު ހަޔާތުގައި ނާންނާނެ އެވެ. އެ މަންޒަރު ތަޖުރިބާކުރެއްވުމުގެ ފުރުސަތަކީ، މިއަދު ރައީސް ޓީމަށް އެ ދެއްވި ފުރިހަމަ ތާއީދާއި ހިތްވަރުގެ އިނާމަކަށް ފުދޭނެ ފަދަ ޝަރަފެކެވެ.