Roadha Mihaaru
އުއްމީދުތަކާ އެކު ރާއްޖެ އައިއޯއައިޖީ އަށް

އުއްމީދުތަކާ އެކު ރާއްޖެ އައިއޯއައިޖީ އަށް

17 ޖުލައި 2019

އަންނަ ހުކުރު ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބޮޑު އުއްމީދުތަކާ އެކު ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސް އަށް މިއަދު ފުރައިފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބޮޑު އުއްމީދުތަކާ އެކު ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސް އަށް މިއަދު ފުރައިފި އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގައި 226 މެމްބަރުން ހިމެނޭއިރު، މިއަދު ފުރީ ފުޓްބޯޅަ ޓީމު ނޫން އެހެން ހުރިހާ ކުޅުންތެރިންނެވެ. ފުޓްބޯޅަ އިވެންޓް މާދަމާ ފަށާތީ އިއްޔެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވަނީ މޮރިޝަސް އަށް ގޮސްފަ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއްގައި ރާއްޖޭގެ ޑެލިގޭޝަން މޮރިޝަސް އަށް ފުރިިއިރު، ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެއްގެ ގޮތުގައި ޓީމު ލީޑުކުރާނީ މައިޒާން އަލިމަނިކު (މައިޒާން އަލިބެ) އެވެ. ރާއްޖޭގެ ޑެލިގޭޝަނުގެ ޗެފް ޑި މިޝަނަރަކީ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު އެވެ.

އައިއޯއައިޖީ އަކީ ރާއްޖޭން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރަން ފެށި ދެ ވަނަ މުބާރާތް ކަމަށްވީ ނަމަވެސް މިއީ ރާއްޖޭގެ ކާމިޔާބީގެ ފެށުމެވެ. އެގޮތުން 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެ އަށް ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން މެޑަލް ލިބުނެވެ. ރާއްޖޭން އެންމެ ފަހުން ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައި ވަނީ 10 މެޑަލަށް ޓާގެޓްކޮށް ނުވަ މެޑަލް ހާސިލްކޮށްފަ އެވެ. އެ ފަހަރު އެންމެ ހާއްސަ ކާމިޔާބީ ހޯދީ ރާއްޖެ އަށް މަލްޓި ސްޕޯޓްސް ގޭމްސް އެއްގައި ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ގެނެސްދިން ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ސެއިލިން ޓީމުގެ ގައްބެ މި ފަހަރުގެ އައިއޯއައިޖީ އަށް ފުރުމުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސެއިލިން ޓީމުގެ ގައްބެ މި ފަހަރުގެ އައިއޯއައިޖީ އަށް ފުރުމުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ސްވިމިން، ޓޭބަލް ޓެނިސް، ސެއިލިން އަދި ވޮލީބޯޅަ އިންޑޯ އެވެ.

މި ފަހަރުގެ ގޭމްސް އަށް ރާއްޖޭން އަމާޒުހިފާފައިވަނީ ފަނަރަ މެޑެއްޔަށެވެ. އެކަމަށް އަމާޒުކޮށް ކުޅިވަރު އެސޯސިއޭޝަންތަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް މިނިސްޓްރީން ވަނީ ޓީމުތަކުގެ ޓްރެއިނިން އަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. މި ފަހަރުގެ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފް ލިބިފައިވަނީ ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިޔާ އަހުމަދު ޒަބީރު އަށެވެ.

އައިއޯއައިޖީ އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ހާއްސަ އެއް މުބާރާތެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރުން ފުރަތަމަ މެޑަލް ލިބުނީ 1979 ވަނަ އަހަރުގެ ބޭއްވި އެއް ވަނަ އައިއޯއައިޖީންނެވެ. އެއީ ޓޭބަލް ޓެނިހާއި ބެޑްމިންޓަނުންނެވެ.

ރާއްޖޭން އަންނަނީ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ގައުމުތަކުގެ ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެއް ކަމަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމެވެ. އަދި އެ ފަދަ މުބާރާތްތައް ބާއްވަން ކުރަންޖެހޭ މަސައްކަތް ކުރާނީ ތަރައްގީގެ މަސައްކަތުގެ ތެރެއިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.