Roadha Mihaaru
އައިއޯއައިޖީ: ދިވެހި ކުޅިވަރުގެ ހާއްސަ ބައިވެރިޔެއް

އައިއޯއައިޖީ: ދިވެހި ކުޅިވަރުގެ ހާއްސަ ބައިވެރިޔެއް

19 ޖުލައި 2019

ބައިނަލްއަގްވާމީ ގޭމްސްތަކާއި ކުޅިވަރު މުބާރާތްތަކުގެ ބޭނުމަކީ ހަމައެކަނި ކުޅިވަރުތަކެއްގައި ވާދަކޮށްލުމެއް ނޫނެވެ. އެއީ އެ ގައުމެއްގެ ކުޅިވަރު ކޮންޓިންޖެންޓެއްގެ ވަރުގަދަ އެކުވުމަކާ އެކު، ތާރީހަށްޓަކައި ރައްކާކުރަން ގަތައިލެވޭ އަގުހުރި ހިނދުކޮޅުތަކެކެވެ. މޮރިޝަސްގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭން މަދުވެގެން 15 މެޑަލް ހޯދަން އަޒުމް ކަނޑައަޅާފައިވާއިރު، އެކަމަށް ހިތްވަރު ހޯދެން އޮތީ މި ގޭމްސްއާ ގުޅިފައިވާ އެފަދަ މުހިއްމު ހިނދުކޮޅުތަކުންނެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

ބައިނަލްއަގްވާމީ ގޭމްސްތަކާއި ކުޅިވަރު މުބާރާތްތަކުގެ ބޭނުމަކީ ހަމައެކަނި ކުޅިވަރުތަކެއްގައި ވާދަކޮށްލުމެއް ނޫނެވެ. އެއީ އެ ގައުމެއްގެ ކުޅިވަރު ކޮންޓިންޖެންޓެއްގެ ވަރުގަދަ އެކުވުމަކާ އެކު، ތާރީހަށްޓަކައި ރައްކާކުރަން ގަތައިލެވޭ އަގުހުރި ހިނދުކޮޅުތަކެކެވެ. މޮރިޝަސްގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖޭން މަދުވެގެން 15 މެޑަލް ހޯދަން އަޒުމް ކަނޑައަޅާފައިވާއިރު، އެކަމަށް ހިތްވަރު ހޯދެން އޮތީ މި ގޭމްސްއާ ގުޅިފައިވާ އެފަދަ މުހިއްމު ހިނދުކޮޅުތަކުންނެވެ.

ޗައިނާގައި 1973 ގައި ބޭއްވި ތުރީއޭ ގޭމްސްގައި ސައްޔިދު ހަސަނާއި ސީވީޑް އަހުމަދު ލަތީފް މެން ފަދަ ކުޅުންތެރިން ދިވެހި ކުޅިވަރުގެ ދަންމަރު ބައިނަލްއަގްވާމީ މައިދާނުގައި ރޯކުރި ނަމަވެސް، އެ ދަންމަރުގެ އަލި ގަދަވެގެން ދިޔައީ 1979 ވަނަ އަހަރު ބޭއްވި އައިއޯއައިޖީންނެވެ. އެއީ ރާއްޖޭގެ ބޮޑު ކޮންޓިންޖެންޓެއް ބައިނަލްއަގްވާމީ ކުޅިވަރު ހަރަކާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި މި ގޭމްސްއަކީ ރާއްޖޭގެ ވެސް ބައިވެރިވުމާ އެކު ފަށައިގަން ކުޅިވަރު މުބާރާތެކެވެ. ރާއްޖެ ފައުންޑިން މެމްބަރަކަށް ވުމުގެ ފަހަތުގައި ހުންނެވި ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރެވެ.

1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި ކޮންޓިންޖެންޓުގެ މެމްބަރުން.

1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި ކޮންޓިންޖެންޓުގެ މެމްބަރުން.

ފުޓްބޯޅަ، ބާސްކެޓްބޯޅަ، ވޮލީބޯޅަ، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް ޓީމު ހިމެނޭ ކޮންޓިންޖެންޓް ރިޔޫނިއަން އަށް ކުރި ދަތުރުގެ ކުރިން ކުޅުންތެރިން ހަމައެކަނި ފަރިތަކުރީ ކުޅިވަރުތަކެއް ނޫނެވެ. އުލާއި ސަމުސަލުން ކާނެ ގޮތް ވެސް މެ އެވެ. އެކަންކަން ދަސްކޮށްދެއްވުމުގައި އިސްކޮށް ހުންނެވި މައިޒާން އަލިމަނިކު (އަލިބެ) އަކީ މި ފަހަރު ދިވެހި ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެވެ.

ޒަމާން ބަދަލުވެ، އެއީ މިއަދު ގޭމްސްއެއްގެ ކުރިން ކުރަން ހިޔާލަށް ވެސް ގެންނަން ޖެހޭނެ ކަމެއް ނޫނެވެ. މިއަދު ގޭމްސްގެ ކުރިން ކުޅުންތެރިން އަހުލުވެރިވާންވީ، މަނާބޭހާ މެދުގަ އެވެ. ބުރަ މަސައްކަތުން ހޯދާ މެޑަލް އަނބުރާ ނެގިދާނެ ފަދަ ކަމެއް ނުވަތަ ގައުމަށް ހުތުރުވެދާނެ ފަދަ އަމަލުތަކާ ވީހާ ވެސް ދުރެއްގައި ތިބޭނެ ގޮތްތަކަށެވެ.

ރައީސް ސޯލިހު ދިވެހި އެތުލީޓުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ދިވެހި އެތުލީޓުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

އޮލިމްޕިކް ކޮމިޓީން ގޭމްސްގެ އިންތިޒާމުތައް ރާވާފައިވަނީ މާޒީގެ އެފަދަ ކަންކަމާ މިއަދުގެ އެތުލީޓުންގެ ސިކުނޑީ ގުޅުވާލެނޭ ގޮތްތަކަށެވެ. އެގޮތުން 2015 ވަނަ އަހަރު އަދި މި އަހަރު ވެސް ކޮންޓިންޖެންޓް ފުރައިގެން ދިއުމުގެ ކުރިން ރައީސް އޮފީހުގެ ގޯތިތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން އޮތެވެ. އެކަން އެހެން ތަނެއްގައި ވެސް ބޭއްވިދާނެ އެވެ. އެކަމަކު ސީދާ ރައީސްގެ އޮފީހަށް އެތުލީޓުން ގެންނަވައި، އެގޮތަށް ރައީސް ބައްދަލުކުރެއްވުމުން އެތުލީޓުންނަށް ކުރެވޭ އިހުސާސާއި ތަޖުރިބާ ތަފާތުވާނެ އެވެ.

ދިވެހި ކޮންޓިންޖެންޓުގެ ކިޓު ވެސް ގޮސްގުޅެނީ ކުރީގެ ހަނދާންތަކާ އެކު އެވެ. ފަހަކަށް ދިވެހި ޓީމުތަކުގެ ކިޓުން ފެންނަނީ ރަތްކުލަ އެވެ. އެކަމަކު ދިވެހި ދިދައިގައި ދެން ހުރި ފެއްސާއި ހުދުކުލު މި ފަހަރުގެ ކިޓުން ވަރަށް ބޮޑަށް ރަމްޒުވެ އެވެ. ޓީމުގެ އޮފިޝަލް ކިޓަކީ ރަތް ޝީޝާޓެވެ. ޓްރެވެލިން ކިޓަކީ ފެހި ޓީޝާޓެކެވެ. ހުދުކުލައިގެ ޖެކެޓުގެ އަތްމަތިން ފާޅުވަނީ އަނެއްކާ ވެސް ރަތާއި ހުދެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭ އަށް ކުޅިވަރުގައި ކާމިޔާބު ލިބިދާނެ ކަމަށް ގަބޫލުކުރެވުނު، 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދިވެހި ޓީމު ބޭނުންކުރި ޖެކެޓް ސިފަވާ ފަރުމާއެކެވެ. މި ގޭމްސް އާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޭނުންކުރާ މި ކިޓަކީ، އެފްބީޓީން ސީދާ އޮލިމްޕިކް ކޮމިޓީގެ ފަރުމާއަކަށް ތައްޔާރުކޮށްދިން ކިޓެކެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ ކުޅުންތެރިން ކަމަށްވާ އާދަމް ނަސީމް (ކ) އާއި ޝިއުނާޒް ބޯޓުގައި. -- ފޮޓޯ: ނިޝާން އަލީ/އެމްއޯސީ

ރާއްޖޭގެ ބީޗް ވޮލީބޯޅަ ކުޅުންތެރިން ކަމަށްވާ އާދަމް ނަސީމް (ކ) އާއި ޝިއުނާޒް ބޯޓުގައި. -- ފޮޓޯ: ނިޝާން އަލީ/އެމްއޯސީ

މި އަހަރުގެ ގޭމްސްގައި ރާއްޖޭގެ އެންމެ އުއްމީދީ ތިން ކުޅިވަރަކީ އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލް ޓެނިހެވެ. މި ތިން ކުޅިވަރަކީ ވެސް ގޭމްސްގެ ތާރީހުގައި ވެސް ރާއްޖެ އަށް އެންމެ ކާމިޔާބު ތިން ކުޅިވަރެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރުގައި އެންމެ ފުރަތަމަ މެޑަލް ހޯދައިދިނީ 1979 ވަނަ އަހަރުގެ ގޭމްސްގައި ބެޑްމިންޓަނާއި ޓީޓީންނެވެ. އަދި ރާއްޖެ އަށް މި ގޭމްސް އިން އެންމެ ފުރަތަމަ މެޑަލް ހޯދައިދިން އަންހެން ކުޅުންތެރިން ވެސް ނިސްބަތްވަނީ ޓީޓީ އަށެވެ. އެއީ ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިން މި ގޭމްސް އަށް ދިޔަ ފަހަރު ކަމަށްވާ 2011 ގައި މެޑަލް ހޯދި މުއީނާ މުހައްމަދާއި ޖުމާނާ ނިމާލެވެ.

އެތުލެޓިކްސްގެ ހަސަން ސާއިދު ވަނީ 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދީފަ އެވެ. މި ފަހަރު އެތުލެޓިކްސްގެ ސްޕްރިންޓް އިވެންޓްތަކުގެ އިތުރުން މިޑްލް ޑިސްޓެންސް އަދި ލޯންގް ޑިސްޓެންސް އިވެންޓްތަކާ މެދު އުއްމީދު ބޮޑެވެ.

ފުޓްބޯޅަ އަށް ބަލާއިރު ބައިނަލްއަގްވާމީ މެޗެއްގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ 1979 ވަނަ އަހަރުގެ އައިއޯއައިޖީގަ އެވެ. ކޮމޮރޯސް އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި އެ ގޯލް ޖެހީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ލެޖެންޑް މަރްހޫމް ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އެވެ. އެ ފަހަރު ފުޓްބޯޅަ ޓީމުގައި ހިމެނުނު ހީނާ އަހުމަދު ސަލީމަކީ، އެ ފަހަރުގެ ކޮންޓިންޖެންޓުގެ އެންމެ ހަގު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ކޮންޓިންޖެންޓުގައި އޭނާ ހިމެނެނީ، ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރުގެ ގޮތުގަ އެވެ.

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމަށް (ވ) މޮރިޝަސް އެއާޕޯޓުގެ ސީނިއާ އޮފިޝަލުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/އެމްއޯސީ

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމަށް (ވ) މޮރިޝަސް އެއާޕޯޓުގެ ސީނިއާ އޮފިޝަލުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/އެމްއޯސީ

މި ފަހަރު ވެސް، ފަހުން ހީނާ ބަދަލުވި ފަދަ ދިވެހި ކުޅިވަރުގެ ތަރިއަކަށް ވެދާނެ ފަދަ އުއްމީދީ ޅަ ކުޅުންތެރިން ކޮންޓިންޖެންޓުގައި ހިމެނެ އެވެ. އޭޝިއާގެ ހޯޕްސް ޓީޓީ މުބާރާތުން ދާދި ފަހުން ރިހި މެޑަލް ހޯދި ފާތިމަތު ދީމާ އަލީ އަކީ މިހާރު ވެސް ތަރިއެކެވެ. އުމުރުން 12 އަހަރުގެ ކުޅުންތެރިޔާ މި ފަހަރު ކުރިމަތިލީ ޗައިނާގައި ހެދި މަތީ ފަންތީގެ ތަމްރީންތަކަށް ފަހު އެވެ. އޭނާއާ މެދު ކުރެވޭ އުއްމީދުތައް ބޮޑެވެ. މީގެ އިތުރުން ކައިޓް ސާފިންގައި ވާދަކުރާ ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން މުހައްމަދު ނާޒިމާއި ޒިޔާނަކީ ބައިނަލްއަގްވާމީ މާބޮޑު ތަޖުރިބާއެއް ނެތަސް އުއްމީދީ ދެ ސާފަރުންނެވެ.

ރާއްޖެއާ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ގުޅިފައިވާ ކުޅިވަރެއް ކަމަށްވާ ސެއިލިން މި ފަހަރުގެ ގޭމްސްގައި ވެސް ވާދަކުރާނެ އެވެ. ސެއިލިންގައި ރާއްޖެ ތަމްސީލްކުރާ ހަމައެކަނި އަންހެން އެތުލީޓް ކަމަށްވާ އައިޝަތު ރިޒުނާ އަކީ، 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ވާދަކުރި އެތުލީޓެކެވެ.

ދިވެހި މީޑިއާ ޓީމުގެ ފޮޓޯގްރާފަރު ޝަރުހާން ކަވަރޭޖުގައި ހަރަކާތްތެރިވަނީ. --އެމްއޯސީ ފޮޓޯ/ ނިޝާން އަލީ

ދިވެހި މީޑިއާ ޓީމުގެ ފޮޓޯގްރާފަރު ޝަރުހާން ކަވަރޭޖުގައި ހަރަކާތްތެރިވަނީ. --އެމްއޯސީ ފޮޓޯ/ ނިޝާން އަލީ

މި ހުރިހާ ކުޅިވަރެއް ކަވަރުކުރަން އޮލިމްޕިކް ކޮމިޓީގެ މީޑިއާ ޓީމުގެ ގޮތުގައި ރާއްޖޭގެ 13 ނޫސްވެރިން ހަރަކާތްތެރިވެ އެވެ. ރިޕޯޓަރުންނާއި ފޮޓޯގްރާފަރުންނާއި ކެމެރާމަނުންނެވެ. އެންމެ ފުރަތަމަ އައިއޯއައިޖީ ކަވަރުކުރަން ދިވެހިރާއްޖޭގެ އަޑުން ރިޕޯޓަރެއް ފޮނުވިއިރު، އެއީ ބޭރުގެ ހަރަކާތެއް ކަވަރުކުރަން ރާއްޖޭން ދިޔަ ފުރަތަމަ ނޫސްވެރިޔާ އެވެ. އެހެންވެ މި ގޭމްސްގެ މީޑިއާ ކަވަރޭޖަކީ ވެސް، ރާއްޖޭގެ ނޫސްވެރިކަމާ ގުޅިލާމެހިފައިވާ ތާރީހީ ކަމެކެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ، ދުރު އަދި ކައިރި މާޒީ އަށް ބެލިޔަސް ރާއްޖޭގެ ކުޅިވަރާ ގުޅުން ހުރި ހާއްސަ ހަނދާންތަކެއް އެކުވާ ކުޅިވަރު ހަރަކާތެކެވެ. މިއަދު ރަސްމީކޮށް ފަށާ މި ގޭމްސް އިން ރާއްޖޭން 15 މެޑަލުގެ އަމާޒަށް ވާސިލްވެއްޖެ ނަމަ، ދިވެހި ކުޅިވަރުގައި މުޅިން އާ ސަފުހާއެއް ލިޔެވިގެންދާނެ އެވެ. ރާއްޖޭގެ ކުޅިވަރު ހަޔާތުގެ އެންމެ ކާމިޔާބު ގޭމްސްގެ ގޮތުގަ އެވެ.