Roadha Mihaaru
ތުހުމަތުތަކަށް ޖަވާބު ދޭން ފުރުސަތަކަށް އާތިފް އެދިއްޖެ

ތުހުމަތުތަކަށް ޖަވާބު ދޭން ފުރުސަތަކަށް އާތިފް އެދިއްޖެ

17 ޖުލައި 2019

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް އިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތެއް ދެއްވަން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް އިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތެއް ދެއްވަން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު އެދިވަޑައިގެންފި އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އާތިފް ވިދާޅުވީ އެފްއައިޔޫގައި އޭނާ ވަޒީފާ އަދާކުރެއްވި ހަތް މަހުގެ ތެރޭގައި މަސްއޫލިއްޔަތު އަދާކުރެއްވި ގޮތުގެ ތަފްސީލް ދެއްވަން ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލް އިން އިއްޔެ ބުނީ އެ ބޭންކުން މައްސަލަ ހުށަހެޅުމާ އެކު އެފްއައިޔޫއިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތައް ހުއްޓުވުނީސް ކަމަށެވެ. ދެ ކުންފުނިން ހިންގި ފައިސާގެ ބޮޑެތި މުއާމަލާތްތައް މޮނިޓާކޮށް ޝައްކު އުފެދޭ ކަންކަން އެފްއައިޔޫ އަށް ހުށަހެޅި ކަމަށް ބޭންކުން ބުނެ އެވެ.

އެސްއޯއެފްގެ އެކައުންޓް ހިފަހައްޓާފައި ވަނިކޮށް، އެއީ ގާނޫނީ ގޮތުން ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމުގެ އިރުޝާދު ދެއްވީ އާތިފް ޝަކޫރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ. އެ އިރުޝާދާ އެއްގޮތަށް އެސްއޯއެފްގެ އެކައުންޓް ދޫކޮށްލި ކަަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުން އާތިފަށް ތުހުމަތުތަކެއް ކުރި އިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގައި ވެސް އާތިފްގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ މައްސަލައަކީ މަނީ ލޯންޑަރިންއާ ގުޅުން ހުރި މައްސަލައަކަށް ވާތީ ފުލުހަށް ހުށަހަޅަން އޭސީސީ އަށް ވަނީ އަންގައިފަ އެވެ.

އެ ކޮމިޝަނުން މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.

އެސްއޯއެފަށް ދައުލަތުގެ ފައިސާ ޖަމާކޮށް މަނީ ލޯންޑަރިން ހިންގި މައްސަލަ ފުލުސް އޮފީހަށް ހުށަނާޅުއްވައި އާތިފް މަގާމުން އިސްތިއުފާ ދެއްވީ އެވެ. އެގޮތަށް އަމަލުކުރެއްވީ އާތިފް ވިދާޅުވެފައިވާ ގޮތުގައި ފުލުހަށް ހުށަހެޅި ނަމަވެސް އެކަން ހުއްޓޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުންނެވެ.

ޖޫން، 2014 އިން ސެޕްޓެމްބަރު 2018 އާ ހަމައަށް ފުލުސް އޮފީހަށް ނުފޮނުވައި އެފްއައިޔޫގައި މަނީ ލޯންޑަރިންގެ މައްސަލަ އޮތެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަން ފުލުހުންނަށް ހުށަހެޅުއްވި ބޭފުޅާ މަގާމުން ވަކިކުރި ކަން އާތިފް ވަނީ ފާހަގަކުރައްވައިފަ އެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އާތިފް އިސްތިއުފާ ދެއްވުމުން އެ ޔުނިޓް ހިންގަން ހަވާލުވެވަޑައިގަތް އަބްދުﷲ އަޝްރަފެވެ.