Roadha Mihaaru
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް

އާންމުކުރި ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް

13 މެއި 2021

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިދާރާ އިން އިއްޔެ އާންމުކުރި ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުން ކަމަށް ލިސްޓުގައިވާ މައުލޫމާތުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިދާރާ އިން އިއްޔެ އާންމުކުރި ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުން ކަމަށް ލިސްޓުގައިވާ މައުލޫމާތުން ދައްކައިފި އެވެ.

ޚިޔާނާތާއި ވައްކަމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަގްސަދުގައި، ނޮވެމްބަރު 17، 2018 ގައި މި ސަރުކާރު އުފެދުމާ އެކު އެކުލަވައިލި އެސެޓްސް ރިކަވަރީ ކޮމިޝަނުން ލިސްޓް ހަދާފައި އޮތް އިރު ނަންތަކާ ދިމާލުގައި މައްސަލަ އޮތް ހިސާބު ބުނެދީފައިވެ އެބަ އޮތެވެ.

ކޮމިޝަނަށް ދެ އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މަޖިލީހަށް ދިން ލިސްޓުގައިވާ ގޮތުން ލިސްޓުގައި ހިމެނޭ ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި އޮތީ "އިންފޮމޭޝަން ކަލެކްޝަން" ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށް ޖަހައިފަ އެވެ. މި މަރުހަލާގައި 176 ކޭސް އޮތް ކަމަށް ޖަހާފައި އެބަ އޮތެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ 69 ނަމެއްގަ އެވެ. އެއީ 24.7 ޕަސެންޓެވެ. އަދި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައި އޮތީ އެންމެ 10 ނަމެކެވެ. އެއީ ތިން ޕަސެންޓެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި "އިންފޮމޭޝަން ކަލެކްޝަން" އަކީ ބޭންކްތަކާއި އެހެނިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދުމެވެ. ޕްރިލިމިނަރީ މަރުހަލާ އަކީ މައުލޫމާތުތައް ތަރުތީބުކޮށް ޕްރޮފައިލްކުރުމެވެ. ތަހުގީގު ފެށި ކަމަށް ބަލަނީ ހެކީގެ ގޮތުގައި މައުލޫމާތު ހޯދައި ދިރާސާކުރަން ފެށުމުންނެވެ.

އޭގައިވާ މައުލޫމާތުން އެނގޭ ގޮތުން މިހާތަނަށް އަދި ޖިނާއީ ދައުވާކޮށް ކޯޓާ ހިސާބަށް ގޮސް އޮތީ އެންމެ ދެ މައްސަލައެއްގަ އެވެ.

މިހާތަނަށް 8 މައްސަލައަކާ މެދު މަދަނީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި އަށް މައްސަލައެއް އެބަ އޮތެވެ.

ތަހުގީގަށް ފަހު ދައުވާކުރަން ފޮނުވުމުގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ފަސް މައްސަލައެއް އެބަ އޮތެވެ.

ތުހުމަތުކުރެވޭ މީހުން ދެނެގަތުމުގެ މަރުހަލާގައި 4، ޖިނާއީ ދައުވާ ނުކުރަން ނިންމައި މަދަނީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން 3 މައްސަލައެއް އޮތް އިރު ކޭސް ކްލޯޒް ނުވަތަ ނިމުނު ކަމަށް އޮތީ އެންމެ މައްސަލައެއްގަ އެވެ.

ލިސްޓު އާންމުކުރި އިރު ތަހުގީގަށް ހާޒިރު ނުކޮށް އަދި މިހާތަނަށް އެއްވެސް ސުވާލެއް ވެސް ނުކޮށް އެތައް ބައެއްގެ ނަން ލިސްޓުގައި ހިމަނާފައި ވާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. ލިސްޓުގައި ނަން އޮތް ކޮންމެ މީހަކު ކުށްވެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެފައި ވިޔަސް އާންމުންގެ ތެރޭގައި މި ލިސްޓު ވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރި މީހުންގެ ލިސްޓުގެ ގޮތުގަ އެވެ.