Roadha Mihaaru
ދީމާގެ މަންމަ އާއި ބައްޕަ: އަބަދުވެސް އެންމެ ގާތުގައި

ދީމާގެ މަންމަ އާއި ބައްޕަ: އަބަދުވެސް އެންމެ ގާތުގައި!

20 ޖުލައި 2019

އަހަރެމެން އެންމެންނަށް ފެންނަނީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ހުނަރުވެރިކަމެވެ. އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކެވެ. މިހާރު ވެސް އުއްމީދުކޮށްގެން މިތިބީ އިއްޔެ މޮރިޝަސްގައި ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޭނާ ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭނެ ކަމަށެވެ. ހަމައެއާ އެކު އަހަރެމެންނަށް ފެންނަން ޖެހޭ އަނެއް މަންޒަރަކީ ދީމާގެ ހުނަރު ތަރައްގީކުރުމާއި ކާމިޔާބީ ހޯދައިދިނުމުގައި އޭނާގެ މަންމަ އާއި ބައްޕަ ކުރާ މަސައްކަތެވެ. އޭނާގެ ކޮންމެ ޕްރެކްޓިސް ސެޝަނެއްގައި ވެސް، ކޮންމެ މެޗެއްގައި ވެސް ކޮންމެ ދަތުރެއްގައި ވެސް އެންމެ ގާތުގައި ތިބެނީ މައިންބަފައިންނެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

އަހަރެމެން އެންމެންނަށް ފެންނަނީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ހުނަރުވެރިކަމެވެ. އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކެވެ. މިހާރު ވެސް އުއްމީދުކޮށްގެން މިތިބީ އިއްޔެ މޮރިޝަސްގައި ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޭނާ ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭނެ ކަމަށެވެ. ހަމައެއާ އެކު އަހަރެމެންނަށް ފެންނަން ޖެހޭ އަނެއް މަންޒަރަކީ ދީމާގެ ހުނަރު ތަރައްގީކުރުމާއި ކާމިޔާބީ ހޯދައިދިނުމުގައި އޭނާގެ މަންމަ އާއި ބައްޕަ ކުރާ މަސައްކަތެވެ. އޭނާގެ ކޮންމެ ޕްރެކްޓިސް ސެޝަނެއްގައި ވެސް، ކޮންމެ މެޗެއްގައި ވެސް ކޮންމެ ދަތުރެއްގައި ވެސް އެންމެ ގާތުގައި ތިބެނީ މައިންބަފައިންނެވެ.

އުމުރުން 11 އަހަރުގެ ދީމާ ހަގުކަމުން، އޭނާ އަށް ބައެއް ކަންކަން އެކަނި ކުރަން ދަތިވެ އެވެ. އެހެންވެ ދީމާ އަށް އެއްވެސް ކަމެއް ދަތިވިޔަނުދޭން، އޭނާގެ ގާތުގައި އަބަދުވެސް ހިތްވަރުދޭން ތިބެން އޭނާގެ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ ބޭނުންވަނީ އެވެ. ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީން އެ ފުރުސަތު ތަނަވަސްކޮށްދިނުމުން ވަހީދާ އާއި ސައްތާރު ވަނީ ޓީމާ އެކު މޮރިޝަސް އަށް އައިސްފަ އެވެ.

"ދީމާ އަށް އަދި އަމިއްލަ އަށް ކަންކަން ކުރަން އުނދަގޫ. އޭނާ އަބަދުވެސް ބޭނުންވޭ މަންމަ އެހީވާން ހުންނަން. އެހެންވެ އަޅުގަނޑުމެން އެދުނީ ޓީމާ އެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސައިދެއްވާށޭ، އަޅުގަނޑުމެން ހުރިހާ ހަރަދެއް ކުރާނަމޭ،" އިއްޔެ ހެނދުނު އޮތް ޓީޓީގެ ޕްރެކްޓިސް ސެޝަނަށް ދީމާ ތައްޔާރުކޮށްދިނުމަށް ފަހު، ނޫސްވެރިން ގާތު ވަހީދާ ބުންޏެވެ.

މި ކުޅިވަރުން ދީމާގެ ހުނަރުވެރިކަން އެންމެ ފުރަތަމަ ފާހަގަކޮށް އޭނާ އަށް ފުރުސަތުތައް ފަހިކޮށްދިނީ ވެސް މަންމަ އާއި ބައްޕަ އެވެ. އެގޮތުން ދީމާ އެންމެ ފުރަތަމަ ވިދާލި މުބާރާތް ކަމަށްވާ 2016 ވަނަ އަހަރުގެ މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް މުބާރާތަށް، ސްކޫލް ބަންދާ ދިމާކޮށް އޭނާ ގޮވައިގެން ދިޔައީ މަންމަ އެވެ. ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އޮތް ގައުމެއް ކަމަށްވާ މެލޭޝިއާގެ އެ މުބާރާތުގެ 11 އަހަރުން ދަށުގެ ބައިން، އުމުރުން ނުވަ އަހަރުގައި ރަން މެޑަލް ހޯދުމާ އެކު ދީމާގެ ނަން މީޑިއާގައި ވެސް ތިލަވި އެވެ. ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފް މެދުވެރިކުރައްވައި އެކަން ކުރީ ވެސް ދީމާގެ މަންމަ އެވެ.

އޭގެ ފަހުން ދީމާ ވަނީ 2017 ވަނަ އަހަރު ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއާ އެކު އޭނާ އަށް ލަންކާ އަށް ކުޅެން ލިބުނު ފުރުސަތު ވެސް މަންމަ އާއި ބައްޕަ ދޫކޮށްލީ، ރާއްޖެ އަށް ކުޅުވާށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ މުބާރާތުގައި ނެރުނު ނަތީޖާއާ އެކު ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެ މުބާރާތަށް ވެސް ދީމާ ގޮވައިގެން އޭނާގެ މަންމަ ދިޔަ އެވެ.

ދީމާ ގައުމީ ފައިނަލް ކާމިޔާބުކުރުމުން އޭނާގެ ބައްޕަ ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދީމާ ގައުމީ ފައިނަލް ކާމިޔާބުކުރުމުން އޭނާގެ ބައްޕަ ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ދީމާ ވަނީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، އޭޝިއާ މުބާރާތަށް ކޮލިފައިވެފަ އެވެ. ދާދި ފަހުން އޭޝިއާ މުބާރާތުގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ. އޭރު އޭނާ ވަނީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

އެހިސާބުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ނިންމެވީ ދީމާގެ ތަމްރީންތަކާ ސަރުކާރުން ހަވާލުވާ ގޮތަށެވެ. މިވަގުތު އައިއޯއައިޖީގައި ވާދަކުރަނީ، ސަރުކާރުން ހޯދައިދިން ފުރުސަތެއްގައި، ޓީޓީގެ ދުނިޔޭގެ އެއް ވަނަ ގައުމު ކަމަށްވާ ޗައިނާގެ ނަންޖިންގައި، އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ބެލުމުގެ ދަށުން ޕްރައިވެޓް ތަމްރީންތަކެއް ހެދުމަށް ފަހު އެވެ.

އެ ފުރުސަތާ މެދު ދީމާގެ މައިންބަފައިން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. ދީމާގެ މަންމަ ބުނީ އޭނާ މިދިޔަ ފަސް އަހަރު ކުޅުނު ސްޓައިލަށް ޗައިނާގައި ހެދި ތަމްރީންތަކާ އެކު ރަނގަޅު ބަދަލުތަކެއް އައި ކަމަށާއި މިއަށް ވުރެ ވެސް ދިގު މުއްދަތެއްގައި ތަމްރީން ހެދުނުނަމައޭ ހީވި ކަމަށެވެ.

"ފަސް އަހަރު ކުޅެފައި ހުރި ސްޓައިލެއް ކުރު މުއްދަތެއްގައި އެއްކޮށް ބަދަލެއް ނުވާނެ. އެކަމަކު ވަރަށް ހިތްހަމަޖެހޭ ތަމްރީންތަކާ މެދު. ހިތަށް އެރި އޭޕްރިލް މަހު ތަމްރީންތައް ފެށުނުނަމައޭ،" ވަހީދާ ބުންޏެވެ.

ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ދީމާ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ދީމާ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ދީމާ ލަންކާގައި ކިޔަވާ ރޯޔަލް އިންސްޓިޓިއުޓުގެ ކިޔެވުން ފެށެނީ ސެޕްޓެމްބަރު މަހު ކަމުން، ގޭމްސް އަށް ފަހު އަނެއްކާ ވެސް ތަމްރީން ހަދަން ޗައިނާ އަށް ދާނެ އެވެ. ކުރިން ރޭވިފައި އޮތީ އައިއޯއައިޖީ އަށް ފަހު ދީމާ ވޯލްޑް ހޯޕްސް މުބާރާތުގައި ވާދަކުރާ ގޮތަށެވެ. އެކަމަކު ވޯލްޑް މުބާރާތުގެ ޝެޑިއުލް ރާވާފައިވާ ގޮތުން، އައިއޯއައިޖީގެ މެޗުތަކަށް ފަހު ގޮސްގެން އެ މުބާރާތުގައި ވާދަކުރެވޭނެ ގޮތެއް ނެތެވެ.

"އެސޯސިއޭޝަނުން އަޅުގަނޑުމެންނަށް ދިން ބޭނުން ގޮތެއް އިހުތިޔާރުކުރަން. އަޅުގަނޑުމެން ނިންމީ އައިއޯއައިޖީގައި ވާދަކުރަން. ސަބަބަކީ މި ގޭމްސް އަކީ ސަރުކާރުން ވެސް ވަރަށް އަހައްމިއްޔަތުކަން ދެއްވާ މުބާރާތަކަށްވެފައި ކާމިޔާބު ލިބުމުގެ ފުރުސަތު އޮތުމުން. ވޯލްޑް ހޯޕްސް އަށް ގޮސްގެން ދީމާގެ އިންޑިވިޖުއަލީ ފައިދާތަކެއްކޮށްފާނެ. އެކަމަކު އައިއޯއައިޖީގައި ތަމްސީލްކުރަނީ ދިވެހި ޓީމު ކަމަށްވުމުން، ދީމާ ކުއްލިގޮތަކަށް މި ގޭމްސްގައި ނުކުޅެން ނިންމައިފި ނަމަ ޓީމަށް ވެސް އަސަރުކުރާނެ،" ވަހީދާ ބުންޏެވެ.

ދީމާގެ ނަސީބު ވަރަށް ރަނގަޅެވެ. ވޯލްޑް ހޯޕްސް އަށް ނުދެވޭތީ، ޓީޓީ އެސޯސިއޭޝަނުގެ މަސައްކަތުން ދީމާ އަށް އިންޓަނޭޝަނަލް ޓީޓީ ފެޑެރޭޝަނުން ވަނީ އެހެން ފުރުސަތެއް ހޯދައިދީފަ އެވެ. އެއީ ވޯލްޑް ހޯޕްސް މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނާ އެކު ޕޮލެންޑުގައި ބާއްވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތެވެ.

ވަހީދާ ބުނި ގޮތުގައި ދީމާ އަށް ހުރިހާ ދިމާލަކުން ވެސް ވަރަށް ފުރިހަމަ ސަޕޯޓެއް އަންނަނީ ލިބެމުންނެވެ. އޭގެ ތެރޭގައި އޭނާ ކިޔަވަމުން އަންނަ ރޯޔަލް އިންސްޓިޓިއުޓުގެ ނަން ވަރަށް ހާއްސަގޮތެއްގައި ފާހަގަކުރެވެ އެވެ. އެ އިންސްޓިޓިއުޓްގެ ކަލާސް އެވޯޑުގައި އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ދީމާ ހޯދާފައިވާތީ އޭނާ އަށް އެ ސްކޫލުން ފީއެއް ނުނަގަ އެވެ. އަދި ބޭރު މުބާރާތްތަކުގައި ވާދަކުރަން ކިޔެވުން މެދުކަނޑާލަން ޖެހޭ ދުވަސްވަރު، އޭނާ އެނބުރި ދިއުމުން ޓީޗަރުން އިތުރު ގަޑީގައި ނެރެގެން ދީމާ އަށް ކްލާސްތައް ބާއްވައިދެ އެވެ.

"މި ފަހަރު ވެސް ދީމާ އަށް ސްޓަޑީ ޕެކެއް ދިން ސްކޫލުން. އަދި ދިޔައީމާ ވަކިން ޓެސްޓް ބާއްވައިދޭނެ،" ދީމާގެ ބައްޕަ ސައްތާރު ބުންޏެވެ. "އޭނާ ސްކޫލަށް ރީތި ނަން ހޯދައިދޭތީ ސްކޫލުން ވެސް ވަރަށް ބޮޑަށް އެހީވޭ. ކުޅިވަރުގެ އިތުރުން ކިޔެވުމަށް ވެސް މޮޅު ދަރިވަރެއް އޭނާ އަކީ."

ދީމާގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ ދެމުން އަންނަ އެހީތެރިކަން ވެސް ދީމާގެ މައިންބަފައިން ވަރަށް ބޮޑަށް ފާހަގަކުރި އެވެ. ޝިއުރީއާ އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރު މާލޭގައި އޮތް ސައުތު އޭޝިއާން ޖޫނިއާ މުބާރާތުންނެވެ. ކޯޗެއްގެ ގޮތުގައި ޝިއުރީ ވަނީ ދީމާ އަށް މި އަހަރުގެ އޭޝިއަން ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައިދިނީ އަދި މި އަހަރުގެ ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު އެންމެ ފާހަގަކުރެވެނީ އޭގެ ބޭރުން އޭނާ ދެމުން އަންނަ އެހީ އެވެ.

"ދީމާގެ ތަމްރީންތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް ލަފާދީ ވަރަށް ބޮޑެތި އެހީތަކެއް ޝިއުރީ ވަމުން އަންނަނީ،" ސައްތާރު ބުންޏެވެ.

ޝިއުރީ ބުނި ގޮތުގައި، މިކަމަށް ލޯބި ހުންނަ ކުރިއަށްދާން ބޭނުންވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން އަބަދުވެސް އޭނާ ބޭނުންވާ ކަމަށެވެ. ދީމާގެ މައިންބަފައިންގެ ކިބައިން ޝިއުރީ އަށް ފެނުނީ އެ މަންޒަރުތަކެވެ. އެ މީހުންނަކީ ދަރިފުޅު މި ކުޅިވަރުން ކުރިއަށް ގެންދިއުމަށް ފައިސާ އާއި ވަގުތާއި ހަކަތަ ހުސްކޮށްލަން ތިބި ބަޔަކަށްވީ ނަމަވެސް ފަހަރުގައި ޓީޓީގެ ޓެކްނިކަލް އެންމެ ފުރިހަމަ ކަންކަން ނޭގިދަނެ އެވެ.

"އެ މީހުން އެތިބީ ދީމާ ކުރިއަރުވަން ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރުގައި. އެކަމަކު އެބަ ބޭނުންވޭ ރަނގަޅު މައުލޫމާތު. އެބަ ބޭނުންވޭ ޓެކްނިކަލީ މިކަންކަމުގައި އެހީވާނެ މީހަކު. އެގޮތުން އަޅުގަނޑު އެހީތެރިކަން ފޯރުކޮށްދެނީ،" ޝިއުރީ ބުންޏެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލަށް ފަހު ދީމާގެ ކޯޗު ޝިއުރީ (ވ) މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރުގެ ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލަށް ފަހު ދީމާގެ ކޯޗު ޝިއުރީ (ވ) މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފަދަ އެހީތަކާ އެކު، ދީމާ މިވަގުތު މުބާރާތްތަކުގައި ވާދަކުރާއިރު އޭނާގެ މައިންބަފައިންގެ އެންމެ ބޮޑު އެދުމަކީ ދީމާއާ އެކުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެހުމެވެ. އަމިއްލަ އަށް ހަރަދުކުރަން ތިބީ ތައްޔާރަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަދި އޮލިމްޕިކް ކޮމިޓީން އެކަންކަން ފަހިކޮށްދޭތީ ވަހީދާ އާއި ސައްތާރު ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ސަރުކާރު ވަރަށް ހެޔޮފުޅު. ސީދާ މިނިސްޓަރު އަޅުގަނޑުމެންނަށް ގުޅާފައި އަހާ ދަތިވާ އެއްވެސް ކަމެއް އެބައޮތްތޯ،" ސައްތާރު ބުންޏެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަނުން އަދި އަމިއްލަ ކޯޗުން ވެސް ދީމާ އަށް އެފަދަ އެހީތެރިކަން ފޯރުކޮށްދެނީ އޭނާއާ މެދު ބޮޑެތި އުއްމީދުތަކެއް ކުރެވޭތީވެ އެވެ. އުމުރުން 11 އަހަރުގައި އޭނާ ވަނީ، ބަޔަކު އުއްމީދު ނުކުރާނެ ފަދަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ދީމާގެ މަންމަ އާއި ބައްޕަ އޭނާގެ ހުރިހާ ކަމެއް ކޮށްދޭ ފަދައިން، އޭނާއާ މެދު ހާއްސަ އުއްމީދެއް ވެސް ކުރެ އެވެ. އެއީ ދެކުނު އޭޝިއާގެ ޓޭބަލް ޓެނިހުގައި އިންޑިއާ އިން ކުރަމުން އަންނަ ރަސްކަން ދީމާ ނިންމާލުމެވެ.

"މި ސަރަހައްދުގެ ކުޅުންތެރިންނަށް ހީވެފައި އޮންނަނީ އަބަދުވެސް އިންޑިއާއޭ ޗެމްޕިއަނަކަނީ ތިމަންމަން ޖެހޭނީ ދެ ވަނަ އަށް ވާދަކުރާށޭ. އެ ވިސްނުން ބަދަލުކުރާނެ ކުޅުންތެރިޔަކަށް ދީމާ ހެދުން އުއްމީދަކީ. އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދޭނެ ފެންވަރު އެބަހުރިކަމާއި އެ މަގަށް ވާސިލްވާނެ މަގު ދައްކާނެ ކުޅުންތެރިޔަކަށް ދީމާވުން އުއްމީދަކީ،" ވަހީދާ ބުންޏެވެ.

އެ ވާހަކަތައް ދައްކަމުން ދިޔައިރު ވެސް ވަހީދާ އާއި ސައްތާރުގެ ލޯ އަމާޒުވެފައި ހުރީ، އޭރު ކޯޓުގައި ވޯމްއަޕްކުރަމުން އައި ދީމާ އަށެވެ. ދީމާގެ މައިންބަފައިން އޭނާ އަށް ދޭ ސަމާލުކަން އެންމެ ހިނދުކޮޅަކަށް ވެސް، ގެއްލިގެންދިޔަކަ ނުދެ އެވެ.