Roadha Mihaaru
މިކްސް އިވެންޓް ކުއާޓާއާ ހަމައިން ނިންމާލަން ޖެހިއްޖެ

މިކްސް އިވެންޓް ރާއްޖޭން ކުއާޓާއާ ހަމައިން ނިންމާލަން ޖެހިއްޖެ

23 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ މިކްސް ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ވާދަވެރި ކުޅުމަކަށް ފަހު ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މުހައްމަދު ޒީސްތު ނަސީމް ބަލިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ މިކްސް ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ވާދަވެރި ކުޅުމަކަށް ފަހު ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މުހައްމަދު ޒީސްތު ނަސީމް ބަލިވެއްޖެ އެވެ.

މުބާރާތް ގައުމު މޮރިޝަސްގެ ޕެއާ އަތުން ރާއްޖޭގެ ޕެއާ ބަލިވީ ހަތް ސެޓަށް ގޮސް، 3-4 އިންނެވެ. ފުރަތަމަ ސެޓު 11-9 އިން ރާއްޖެ ކާމިޔާބުކޮށްފައިވަނިކޮށް މޮރިޝަސްގެ ޕެއާ އިން ދެ ވަނަ ސެޓު 10-12 އިން ކާމިޔާބުކޮށް އެއްވަރުކުރި އެވެ. އޭގެ ފަހުން ރާއްޖޭން 11-7 އިން ކާމިޔާބުކޮށް އަލުން ލީޑު ނެގިތަނުން މޮރިޝަސް އިން ހަތަރު ވަނަ ސެޓު 11-4 އިން ކާމިޔާބުކޮށް އަނެއްކާ ވެސް އެއްވަރުކުރީ އެވެ. އަދި ފަސް ވަނަ ސެޓު 14-12 އިން ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އެ ޓީމަށް މޮޅުވާން ހަ ވަނަ ސެޓުގައި ފުރުސަތު ލިބުނު ނަމަވެސް ރާއްޖޭން އެ ސެޓު 11-4 އިން ކާމިޔާބުކޮށް ގަދަ ހިފުމަކަށް މެޗު ގެންދިޔަ އެވެ. އެކަމަކު އެ ސެޓު 7-11 އިން ކާމިޔާބުކޮށް މޮރިޝަސްގެ ޕެއާ ސެމީ އަށް ދަތުރުކުރި އެވެ.

ޒީސްތު ގްރޫޕް ސްޓޭޖުގައި ކުޅެނީ: ރަފާއާ އެއްކޮށް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި. -- އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން

ޒީސްތު ގްރޫޕް ސްޓޭޖުގައި ކުޅެނީ: ރަފާއާ އެއްކޮށް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި. -- އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން

ގައުމީ ޓީމުގެ ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރު ބުނީ ރަފާ އާއި ޒީސްތު ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ޖުމްލަކޮށް ސެޓުތައް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމަކު ޑިސައިޑިން ސެޓުގައި އެއް ފެންވަރަކަށް ނުކުޅެވިގެން ބަލިވީ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އޭނާ ބުނީ ކުރިއަށް އޮތް ވިމެންސް ޑަބަލްސް އާއި މެންސް ޑަބަލްސް އަދި އޯޕަން ސިންގްލަސް ބައިން ރަނގަޅު ނަތީޖާއެއް ނެރެން އުއްމީދުކުރާ ކަމަށެވެ. ހާއްސަކޮށް ވިމެންސް ޑަބަލްސްގައި ރަފާ އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އޮތުމުން މެޑެއްޔެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ. އެ ދެ ކުޅުންތެރިންނަކީ މި ގޭމްސްގެ އަންހެން ޓީމު އިވެންޓުން ރާއްޖެ ރަން މެޑަލް ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

ކުއާޓާ އިން ބަލިވި ނަމަވެސް ރަފާ އާއި ޒީސްތު ވަނީ ގްރޫޕް ސްޓޭޖާއި ދެ ވަނަ ބުރުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. އެ ޕެއާ އިން ދެ ވަނަ ބުރުގައި މަޑަގަސްކަރައިގެ އެއް ވަނަ ޕެއާގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރި ހޯދި އެވެ. ފުރަތަމަ ސެޓު ވަރަށް ވާދަވެރިކޮށް ގޮސް 16-14 އިން ރާއްޖެ މޮޅުވި ނަމަވެސް އަނެއް ތިން ސެޓުން ގެންދިޔައީ މާބޮޑު އުނދަގުލަކާ ނުލާ 11-6، 11-6 އަދި 11-7 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ދީމާ (ކ) އާއި މުންތިފް ކުޅުނު މެޗުގެ ތެރެއިން. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ގްރޫޕް ސްޓޭޖުގައި ދީމާ (ކ) އާއި މުންތިފް ކުޅުނު މެޗުގެ ތެރެއިން. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ރަފާ އާއި ޒީސްތުގެ ޕެއާ އިން ދެ ވަނަ ބުރަށް ދަތުރުކުރީ މިއަދު ހެނދުނު ކުޅުނު ގްރޫޕް ސްޓޭޖުގައި، ގްރޫޕުގެ ތިން މެޗު ވެސް ކާމިޔާބުކޮށް އެއް ވަނަ ޕެއާގެ ގޮތުގަ އެވެ. ގްރޫޕުގެ ފުރަތަމަ މެޗުން މަޑަގަސްކަރައިގެ ރަޒަފިންޑްރަކަމްބޯ ޒޯ އާއި ރަޖަޮނާ ރޮންޑްރޯގެ ޕެއާގެ މައްޗަށް ކުރީ 3-1 ސެޓުންނެވެ. ސްކޯއަކީ 11-5، 11-5، 7-11 އަދި 11-7 އެވެ.

ގްރޫޕުގެ ދެ ވަނަ މެޗުން ރިޔޫނިއަންގެ ހޮރާރީ ތޯމަސް އާއި ހޮރާއޫ ކްލެމެންސްގެ ޕެއާ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސްކޯއަކީ 11-9، 11-4 އަދި 12-10 އެވެ. ފަހު މެޗުން ވަނީ ސީޝެލްސްގެ ބަނާނޭ ޑޯރިއަން އާއި ފާތިމާ ބޮނިފޭސް އަތުން މޮޅުވީ 11-6، 11-3 އަދި 11-2 ގެ ސްކޯއަކުން ސީދާ ތިން ސެޓުންނެވެ.

ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރި ރާއްޖޭގެ ތިން ޕެއާ އަށް ދެ ވަނަ ބުރުން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ފާތިމަތު ދީމާ އަލީ އާއި މުންތިފް އަހުމަދުގެ ޕެއާ އަދި ފާތިމަތު ޖުމާނާ ނިމާލާއި މޫސާ މުންސިފްގެ ޕެއާ ކެޓީ ސެޓުގެ ތަފާތުންނެވެ. މުއީނާ މުހައްމަދާއި ޝައްފާން އިސްމާއިލްގެ ޕެއާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގްރޫޕް ސްޓޭޖުގައި މިއަދު މުންސިފް ކުޅެނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ގްރޫޕް ސްޓޭޖުގައި މިއަދު މުންސިފް ކުޅެނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ދީމާ އާއި މުންތިފް ފުރަތަމަ މެޗުން މޮރިޝަސް އަތުން 3-1 އިން (11-13، 11-4، 11-6، 11-12) އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ރިޔޫނިއަން އަތުން 3-2 އިން (7-11، 9-11، 11-6، 11-9، 7-11) އިން ބަލިވީ އެވެ. އެކަމަކު ތިން ވަނަ މެޗުން ސީޝެލްސްގެ ޕެއާގެ މައްޗަށް ސީދާ ތިން ސެޓުން (11-2، 11-6، 11-9) އިން ކުރި ހޯދި ނަމަވެސް ރޭންކިން ބެލިއިރު ސެޓުގެ ތަފާތުން ކެޓީ އެވެ.

ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ މުންސިފާއި ޖުމާނާގެ ޕެއާ ފުރަތަމަ މެޗުން މެޔޯޓް އަތުން 3-0 އިން ބަލިވި ނަމަވެސް އަނެއް ދެ މެޗުން މޮޅުވި އެވެ. އެއީ ސީޝެލްސް އަތުން 3-1 އިން އަދި ރިޔޫނިއަން އަތުން ސީދާ ތިން ސެޓުންނެވެ. އެކަމަކު މި ޕެއާ އަށް ވެސް ރޭންކިންގައި ކުރި ނުލިބުނީ ސެޓުގެ ތަފާތުންނެވެ.