Roadha Mihaaru
ރަން މެޑަލް އެ ހޯދީ ހުރިހާ އުޒުރެއް ބަލިކޮށްފައި!

ފިލާވަޅެއް ލިބިގަންނަމާ! ރަން މެޑަލް އެ ހޯދީ ހުރިހާ އުޒުރެއް ބަލިކޮށްފައި!

22 ޖުލައި 2019

ކުޅެވެމުން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޓީމު އިވެންޓް ފައިނަލެވެ. މޮރިޝަސްގެ މައި ޓީޓީ ހޯލުގައި ގުގުމަމުން ދިޔައީ އެ ގައުމުގެ ސަޕޯޓަރުންގެ ގަދައަޑެވެ. ރަން މެޑަލް ދިފާއުކުރަން އެދި އެ ގައުމުގެ ސަޕޯޓަރުން ދިޔައީ ހުއްޓުމެއް ނެތި ޓީމަށް ހިތްވަރުދީ ފޯރިދެމުންނެވެ. އެގޮތުގައި ގޮސް މެޗުގެ ފަހު ގޭމުގެ ހަތަރު ވަނަ ސެޓުގައި، ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް މޮޅުވުމާ އެންމެ ޕޮއިންޓަކާ ގާތަށް ޖެހިލި ވަގުތު، އެންމެ ނޭވާ ހިފަހައްޓާލުމާ އެކު، ތަނަށް ވެރިވީ މަރުގެ ހަމަހިމޭންކަމެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

ކުޅެވެމުން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޓީމު އިވެންޓް ފައިނަލެވެ. މޮރިޝަސްގެ މައި ޓީޓީ ހޯލުގައި ގުގުމަމުން ދިޔައީ އެ ގައުމުގެ ސަޕޯޓަރުންގެ ގަދައަޑެވެ. ރަން މެޑަލް ދިފާއުކުރަން އެދި އެ ގައުމުގެ ސަޕޯޓަރުން ދިޔައީ ހުއްޓުމެއް ނެތި ޓީމަށް ހިތްވަރުދީ ފޯރިދެމުންނެވެ. އެގޮތުގައި ގޮސް މެޗުގެ ފަހު ގޭމުގެ ހަތަރު ވަނަ ސެޓުގައި، ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް މޮޅުވުމާ އެންމެ ޕޮއިންޓަކާ ގާތަށް ޖެހިލި ވަގުތު، އެންމެ ނޭވާ ހިފަހައްޓާލުމާ އެކު، ތަނަށް ވެރިވީ މަރުގެ ހަމަހިމޭންކަމެވެ.

އެކަމަކު ރަފާ އަތުން އެ ޕޮއިންޓް ގެއްލި މޮރިޝަސް ކުޅުންތެރިޔާ ސެޓް ކާމިޔާބުކުރި އެވެ. މޭގަނޑު އަތަށް އައިސް ތިބި ދިވެހި ސަޕޯޓަރުންނަށް މާޔޫސްކަމެއް ލިބުނެވެ. އަދި މޮރިޝަސް ކުޅުންތެރިޔާގެ ރޫހު އާވެ އެ ގައުމުގެ ސަޕޯޓަރުންނަށް އާ ހިތްވަރެއް ލިބުނެވެ. އެއީ އާއްމު ހާލަތެއްގައި ނަމަ، ރަފާ ފަދަ އެ އުމުރުގެ ޖޫނިއާ ކުޅުންތެރިޔަކު ވަރަށް ބޮޑަށް ހިތްވަރު އެލި ޕްރެޝަރަށް ދާނެ ވަގުތެކެވެ. އެކަމަކު ރަފާ ނެރުނީ އެއަށް ވުރެ މަތީ ހިތްވަރެކެވެ. ޓީޓީ ހޯލަށް ވަޑައިގެން ތިއްބެވި ގައުމުގެ އެންމެ އިސްވެރިޔާ އިން ފެށިގެން ކުޅިވަރު އާއިލާގެ މެމްބަރުންނާއި ގައުމުގައި ޓީވީ ދޮށުގައި ތިބި އެތައް ރައްޔިތުންތަކެއްގެ އުއްމީދުތައް ކޮނޑުއަޅައިގެން ނުކުމެ، އެ ހުރިހާ ޕްރެޝަރަކާ ކުރިމަތިލައި، މޮރިޝަސް ސަޕޯޓަރުންގެ ގަދައަޑާއި އިދިކޮޅަށް ނުކުމެ ހުރި ތަޖުރިބާކާރު ކުޅުންތެރިޔާގެ މައްޗަށް ކުރި ހޯދައި ރަފާ އަނެއް ގޭމް ކާމިޔާބުކޮށް ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ އެވެ.

ރަފާ މެޗު ކާމިޔާބުކުރުމަށް ފަހު ޓީމުގެ ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރާ އެކު އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

ރަފާ މެޗު ކާމިޔާބުކުރުމަށް ފަހު ޓީމުގެ ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރާ އެކު އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްޔެގެ އެ ހާލަތަކީ، މެޗުން ބަލިވި ނަމަވެސް ވަރަށް ގިނަ އުޒުރުތަކެއް ދެއްކެން އޮތް ހާލަތަކެވެ. އެންމެ ކުޑަމިނަށް ބަލާއިރު މެޗު ފެށިއިރު ވެސް ރިހި މެޑަލް (މިހާތަނަށް ޓީޓީ އަށް ނުލިބޭހާ ބޮޑު ކާމިޔާބެއް) އޮތީ ކަށަވަރުވެފަ އެވެ. އެހެންވެ ބަލިވި ނަމަވެސް، ޓީމަށް ހިތްވަރުދޭހާ ބޮޑު ކާމިޔާބެއް ލިބިފައި އޮވެމެ، އަދި އެ ހުރިހާ ހުރަސްތައް ހުރެމެ ވެސް، މި ކުޅުންތެރިން އެންމެ ތަންފުކެއްދޫނުދީ ވެސް، ކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދޭން ޖެހެ އެވެ.

"އަސްލު މިގޮތަށް މޮޅުވީމާ މާއުފާވެރި. ފަސޭހައިން މޮޅުވުމަށް ވުރެ، ވަރަށް އެއްވަރުކޮށްގޮސްގެން މޮޅުވީމާ ކުރެވޭ އިހުސާސް ތަފާތު،" ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުންޏެވެ.

ހަގީގަތުގައި އަންހެން ކުޅުންތެރިން އިއްޔެ އެ ބަލިކުރީ މޮރިޝަސް އެއް ނޫނެވެ. އެ ބަލިކުރީ ކުޅިވަރުގައި ރާއްޖޭގެ ބައެއް ޓީމުތަކާއި ކުޅުންތެރިން އަދި ކޯޗުން އާއްމުކޮށް ދައްކާ އުޒުރުތަކެވެ. އެ ހުރިހާ އުޒުރެއް ދެއްކޭނެ ހާލަތު އަންހެން ޓީޓީ ޓީމަށް ދިމާވި އެވެ. އެކަމަކު އެ ހުރިހާ އުޒުރެއްގެ މައްޗަށް ކުރި ހޯދީ އެވެ.

ރާއްޖޭގެ ދީމާ އިއްޔެ ފައިނަލުގައި މޮރިޝަސްއާ ދެކޮޅަށް ކުޅެނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ދީމާ އިއްޔެ ފައިނަލުގައި މޮރިޝަސްއާ ދެކޮޅަށް ކުޅެނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރަތަމަ ކަމަކަށް ވަސީލަތްތަކުގެ ވާހަކަ ދައްކަމާ ހިނގާށެވެ. މި ޓީމު ޕްރެކްޓިސްކޮށް މެޗުތައް ކުޅޭނެ އެކަށީގެންވާ ވަސީލަތެއް، މީގެ ހަތަރު މަސް ދުވަސް ކުރިއާ ހަމަޔަށް ވެސް ނެތެވެ. ޓީޓީން ބޭނުންކުރަމުން އައި އެކުވެނި އިންޑޯ ހޯލް ބާވެ އެތަން ބޭނުންކުރުން މަނާކުރުމުން ދެން ބަދަލުކުރީ ޒުވާނުންގެ މަރުކަޒުގެ ވަގުތީ ކޯޓަކަށެވެ. އެކަމަކު ރަސްފަންނުގައި ކޮރަލް ބްލެވާޑް ފްލެޓް އަޅަން ޒުވާނުންގެ މަރުކަޒުގެ އެ ސަރަހައްދު ބޭނުންވާތީ އެތަނުން ނުކުންނަން ޖެހުނީ އެވެ.

އޭރުގެ ސަރުކާރުން ބުނީ ކޮރަލް ބްލެވާޑް ފްލެޓް އަޅާ ފަރާތުން، ބަދަލުގައި ޓީޓީ އަށް ހަ މަސް ތެރޭ ތަނެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެކަމަކު އަހަރެއްވީ އިރު ވެސް ހަބަރެއް ނުވެ އެވެ. ވަގުތީ ގޮތުން ގޮސް ވެއްދީ ބާވެފައި މުނިއުފާ ސެންޓަރަށެވެ. އެތަނުގެ ފުރާޅުން ފެން ލީކުވުމާއި މަދިރި ގިނަކަމުން އަދި ތަޅުން އަޅާފައި އޮތް ތަނަކަށް ވާތީ އެތަނުގައި، މުބާރާތް ބޭއްވުން އެއްކިބައިގައި އޮއްވާ ޕްރެކްޓިސް ކުރުމަކީ ވެސް އިންތިހާ އަށް ދަތިކަމެކެވެ. މުބާރާތް ބާއްވަން އޮތް ޔޫތު ސެންޓަރު ހޯލަކީ ވޮލީބޯޅަ، ނެޓްބޯޅަ އަދި ބާސްކެޓްބޯޅަ ވެސް ބޭނުންކުރާ ތަނަށް ވާތީ ތަން ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ ބައެއް މުބާރާތްތައް ކެންސަލްކުރަން ވެސް ޖެހުނެވެ.

އައިއޯއައިޖީ ބޯމަތިވެފައި ވަނިކޮށް، ޓީމަށް ވަންނަން ކެރޭވަރުގެ ތަނުގެ ހަމަޖެހުނީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ހޯދައިދެއްވި ފުރުސަތެއްގައި ސްޕޯޓްސް މިނިސްޓްރީގެ އެހީއާ އެކު ޗައިނާ ބަޔަކު މުނިއުފާ ސެންޓަރު މަރާމާތުކޮށްދިނުމުންނެވެ. އެކަމަކު ވަސީލަތްތައް ނެތުން އެއީ އުޒުރަކަށް މި ކުޅުންތެރިންކަށް ނުވި އެވެ.

ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިން (ކ-ވ) މުއީނާ، ރަފާ، ދީމާ އަދި ޖުމާނާ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިން (ކ-ވ) މުއީނާ، ރަފާ، ދީމާ އަދި ޖުމާނާ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އެސޯސިއޭޝަނުގެ ތައްޔާރީތައް ފާހަގަކުރަން ޖެހެ އެވެ. މި ކުޅުންތެރިންނަށް އެންމެ ރަނގަޅު ތަމްރީން ހޯދައިދިނުމަށްޓަކައި އިންޑިއާގެ އެއް ވަނަ އެކަޑަމީ ޕިނޭކަލް އެކަޑަމީއާ އެކު އެސޯސިއޭޝަނުން އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. އޭގެ ދަށުން އެތަނުން މައިގަނޑު ހަތަރުކަމެއް ކޮށްދިނެވެ. އެއީ ކޯޗުން ރާއްޖެ ފޮނުވައިގެން ތަމްރީން ދިނުމާއި ކުޅުންތެރިން ފޮނުވައިގެން ތަމްރީން މެޗުތައް ކުޅުމެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅުންތެރިން އިންޑިއާ އަށް ގޮސް އެތަނުގައި މެޗުތައް ކުޅުމާއި ޓްރެއިނިން ކޭމްޕެއް ހިންގުން ވެސް ހިމެނެ އެވެ. ޓެކްނިކަލް އާއި ޓެކްޓިކަލް ތަމްރީންތަކުގެ އިތުރުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވެސް އެ އެކަޑަމީން މޮނީޓާކުރި އެވެ. ރާއްޖެ ފަދަ ޓެކްނިކަލް ވަސީލަތްތައް މަދު ގައުމަކަށް އެބައި އުނިވެގެން ނުދިޔަ އެއް ސަބަބަކީ އެސޯސިއޭޝަނުން އެ އެކަޑަމީގެ އެހީ ހޯދުމެވެ.

"މިއީ ވަރަށް ހައްގު ކާމިޔާބެއް. މިއީ ވަރަށް މަސައްކަތުން، ވަރަށް ދުރާލާ ތަމްރީން ހަދައިގެން އަމާޒެއް އޮވެގެން ހޯދި ކާމިޔާބެއް،" އެކަންކަމަށް އިޝާރާތްކޮށް ޝިއުރީ ބުނެފައިވެ އެވެ.

ރާއްޖޭގައި ދެން އެންމެ ބޮޑަށް ދައްކާ އުޒުރަކީ، ޓީމުގައި ތަޖުރިބާ ނެތް ޒުވާން ކުޅުންތެރިން ތިބުމެވެ. އެ ކުޅުންތެރިންނަށް ތަޖުރިބާ ލިބުމުން، ކޮންމެވެސް ދުވަހަކުން ކާމިޔާބު ލިބޭނެ ކަމަށް އާއްމުކޮށް ބުނެ އެވެ. ޓީޓީ ޓީމުގެ ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ކުޅިވަރުގެ ތަޖުރިބާ ކީއްކުރަން، ދިރިއުޅުމުގެ ޕްރެޝަރާއި އެފަދަ ކަމެއްގެ ތަޖުރިބާ ވެސް ނެތް ޅަ ދެ ކުދިންނެވެ. އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި 15 އަހަރުގެ ރަފާގެ ކިބައިގައި ތަޖުރިބާ ނެތުމުން އުނިވި ބައި ފުރިހަމަކުރީ، ބުރަ މަސައްކަތުންނެވެ.

ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ (ކ) އާ ރައީސް ސޯލިހު ސަލާމްކުރައްވަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ (ކ) އާ ރައީސް ސޯލިހު ސަލާމްކުރައްވަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އަދި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމަކީ ތަޖުރިބާކާރު ކުޅުންތެރިން ބޭރުކުރަން ޖެހޭ ސަބަބެއް ނޫންކަން ވެސް ޓީޓީން އެ ސާބިތުކޮށްދިނީ އެވެ. ދީމާ އާއި ރަފާ އަށް މަގުދައްކަން، ޓީމަށް ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް އިތުރުކުރުމުގެ ފައިދާ ވެސް ފެނުނެވެ. އެ ދެ ކުޅުންތެރިންނަކީ ޓީމު އިވެންޓުން ލޯ މެޑަލް ހާސިލްކުރި ކުޅުންތެރިންނަށް ވާތީ ނެގޭ ފައިދާތައް ހުއްޓެވެ. ޓީޓީން މި ދައްކުވައިދިނީ، ޒުވާން ހުނަރުވެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިކޮށްގެން ރަނގަޅު ޓީމު ސިލެކްޝަނެއް ހެދުމުގެ މުހިއްމުކަމެވެ.

އަމިއްލަ ގައުމުގައި މެޗުތަކުން ކާމިޔާބު ހޯދި ނަމަވެސް ރަށުން ބޭރުގައި، ތަފާތު މާހައުލެއްގައި ކުޅެން ޖެހުމަކީ ކާމިޔާބާ ދެމެދަށް ވަންނަ އުޒުރަށް ރާއްޖޭން އޮންނަނީ ހަދައިފަ އެވެ. އިއްޔެ ޓީޓީ ޓީމުން އެ ކާމިޔާބު ހޯދީ، ރަށުން ބޭރުގައި ކުޅެން ޖެހޭނެ އެންމެ އުނދަގޫ އެއް މާހައުލުގަ އެވެ. ވަށައިގެން މޮރިޝަސް ސަޕޯޓަރުން އެ ޓީމުގެ ކުޅުންތެރިންނަށް ދެމުން ދިޔަ ތަރުހީބުގެ ސަބަބުން އެތައް އުނދަގުލަކާ ކުރިމަތިވި އެވެ. ހޯމް އެޑްވާންޓޭޖް ނެތުން އެއީ އުޒުރަކަށް ވާ ނަމަ އެ އުޒުރު ދެއްކެން އޮތެވެ.

ކޯޗު ޝިއުރީ ވެސް ބުނީ ބެންޗުން ކިޔައިދޭ އެއްޗިސް ކުޅުންތެރިންނަށް އަޑު ނީވޭ ކަމަށާއި ކަރުން ހަންމަށައިގެން ދިޔައިރު ވެސް ކޯޗުންގެ މެސެޖް ކުޅުންތެރިންނާ ހަމަޔަށް ނުފޯރާދިޔަ ކަމަށެވެ. އެހެންވިޔަސް ކޯޓުގައި ތިބި ދުއިސައްތަހައެއްހާ މީހުންގެ ގަދަ އަޑު، އެއީ މި ކުޅުންތެރިން ކާމިޔާބު ހޯދަން އެޅުނު ހުރަހަކަށް ނެހެދި އެވެ

"އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެ ޗެލެންޖާ އެކު މޮޅުވުމް ވަކިން ބޮޑު އުފަލެއް،" ޝިއުރީ ބުންޏެވެ.

ރަފާ މެޗު ކާމިޔާބުކުރުމަށް އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

ރަފާ މެޗު ކާމިޔާބުކުރުމަށް އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

ނަސީބު ދެރަވުމުގެ އުޒުރު ވެސް އިއްޔެ ދެއްކިދާނެ ދުވަހަކެވެ. ފުރަތަމަ ގޭމުން ދީމާ ބަލިވީ ނަސީބު ނެތިގެން ކަމަށް ބުނެވެން އޮތީ އޭނާގެ ގިނަ އެޓޭކްތައް ހުއްޓުވީ އިދިކޮޅު ކުޅުންތެރިޔާ ކަމަށް ނުވުމެވެ. އެ އެޓޭކްތަކުގެ ހުރަހަކަށްވީ ނެޓެވެ. އެކަމަކު ދެން ލިބުނު ފުރުސަތުގައި ދީމާ އެކަން ބަދަލުކުރި އެވެ. ވިސްނުންތެރިކަމާ އެކު އެވެ. މި ޓީމުގެ ތެރޭ އެކަކު އަނެކަކަށް ކުރާ އިތުބާރަކީ ވެސް ނަމޫނާ އެކެވެ. ފުރަތަމަ ގޭމުން ދީމާ ބަލިވި ނަމަވެސް، ދެ ވަނަ ގޭމުން ރަފާ މޮޅުވާނެ ކަމުގެ ޔަގީންކަމާއި އިތުބާރު ދީމާ އަށް އޮތެވެ. އޭގެ ފަހުން ތިން ވަނަ ގޭމުން މުއީނާ ބަލިވީ އެވެ. އެކަމަކު އަނެއްކާ ވެސް ދީމާ އާއި ރަފާ ނުކުމެ ނަތީޖާ ބަދަލުކޮށްދިނެވެ.

"ދީމާ ފުރަތަމަ މެޗުން ބަލިވިޔަސް (އުއްމީދު އޮތް) އެއީ ރަފާ އަކީ އެހާމެ މޮޅު ކުޅުންތެރިޔަކަށް ވާތީ. ރަފާގެ މެޗު ގެނެސްފިއްޔާ އަނެއްކާ ވެސް ދީމާ އަށް ކުޅެން އެބަ ލިބޭ ޗާންސް. އެހެންވެ އެ މެޗު ގެންނާނެ ކަމުގެ އިތުބާރު، ޔަގީންކަމާ އެކު އޮތް،" ޝިއުރީ ބުންޏެވެ.

އެ ހުރިހާ ކަމަކާ އެކު ޓީޓީ ޓީމުން އިއްޔެ އެ ކާމިޔާބު ހޯދީ ކުޅިވަރުގެ އާއްމު ހާލަތްތަކުގައި އިދިކޮޅަށް އަންނާނެ ހުރިހާ ކަމަކާ ގޮންޖަހައިފަ އެވެ. އަމިއްލަ ގައުމުގައި ތަމްރީން ހޯދާނެ ވަސީލަތްތައް ނެތުމާއި ތަޖުރިބާ މަދުވުމާއި ރަށުން ބޭރު މާހައުލުގެ އުނދަގޫތަކުގެ ހުރަސްތައް ގިރާކޮށް އަންހެން ޓީޓީ ޓީމުން ހަމައެކަނި އިއްޔެ ރާއްޖެ ފަހުރުވެރިކޮށްދިނީއެއް ނޫނެނެވެ. އެ ނަގައިދިނީ ދިވެހި ކުޅިވަރަށް ފިލާވަޅެއް ވެސް މެ އެވެ!