Roadha Mihaaru
އެފްއައިޔޫގެ މިނިވަންކަން އޮންނާނީ ވަކިވަރަކަށް: ނަސީރު

އެފްއައިޔޫގެ މިނިވަންކަން އޮންނާނީ ވަކިވަރަކަށް: ނަސީރު

23 ޖުލައި 2019

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަކީ ވަކި މިނިވަން މުއައްސަސާއެއް ނޫން ކަމަށާއި އެހެންވީމާ އެ ޔުނިޓްގެ މިނިވަންކަން އޮންނާނީ ވަކި ވަރަކަށް ކަަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަކީ ވަކި މިނިވަން މުއައްސަސާއެއް ނޫން ކަމަށާއި އެހެންވީމާ އެ ޔުނިޓްގެ މިނިވަންކަން އޮންނާނީ ވަކި ވަރަކަށް ކަަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ އެފްއައިޔޫގެ މިނިވަންކަން އޮންނާނީ ނިންމުންތައް ނިންމުމުގައި އެކަނި ކަމަށެވެ.

މާލިއްޔަތު ކޮމިޓީ އަށް ނަސީރު އިއްޔެ ހާޒިރު ކުރީ އެފްއައިޔޫގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް، ނަސީރަށް ކުރައްވާފައިވާ ތުހުމަތުތަކަކާ ގުޅިގެންނެވެ. ނަސީރަށް އަޝްރަފް ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން މައުލޫމާތު ސާފުކުރަން އަޝްރަފް ވެސް އިއްޔެ ކޮމިޓީ އަށް ހާޒިރު ކުރި އެވެ.

ކޮމެޓީގައި ފުރަތަމަ ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ނަސީރު ވިދާޅުވީ އެފްއައިޔޫ އަކީ މުސްތަގިއްލު މުއައްސަސާއެއް ނޫން ކަމަށެވެ.

"އެއްވެސް ހާލެއްގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މުސްތަގިއްލު މުއައްސަސާއެއް ނޫން. ނުވަތަ ވަކި މުސްތަގިއްލު ތަނެއް ނޫން. އެމްއެމްއޭގެ އެހެނިހެން ހަމަ ސެކްޝަން، ޑިވިޝަންސް، ޔުނިޓްތައް ފަދައިން އެމްއެމްއޭގެ ޔުނިޓެއް،" އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ އަށް އިތުރު ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވީ ޔުނިޓަށް މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމަކީ އަދި ބަޖެޓާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ ގަވަރުނަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އެފްއައިޔޫ އަކީ މިނިވަން ޔުނިޓެއްތޯ؟" ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ދެއްވީ އެ ޖަވާބެވެ.

މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން

މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން

"އެފްއައިޔޫ އަކީ މުސްތަގިއްލު މުއައްސަސާއެއް ނޫން. އެމްއެމްއޭ ތެރޭގެ ޔުނިޓެއް. ގާނޫނުގައި އެބަ ބުނޭ އެފްއައިޔޫގެ ހެޑޭ ނިންމާނީ ތަނަކަށް އެއްޗެއް ފޮނުވުމާ ނުފޮނުވުން،" ނަސީރު ވިދާޅުވި އެވެ.

ނަސީރު މިހެން ވިދާޅުވުމުން ޔައުގޫބް އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރެއްވި އެވެ.

ނަސީރު ދެން ވިދާޅުވީ ޔުނިޓްގެ މިނިވަންކަން ލިމިޓް ވެފައިވާ ކަމަށާއި މިނިވަންކަން އޮންނާނީ ނިންމާ ނިންމުންތަކާ ހިސާބުގައި ކަމަށެވެ.

"ޔުނިޓްގެ މިނިވަންކަން ލިމިޓް ވަނީ މި ދަންނަވާހެން އެ ނިންމާ ނިންމުމަކަށް. މިސާލަކަށް އެ ޔުނިޓްގެ މުވައްޒަފުންނަކަށް އަމިއްލަޔަކަށް ނުނިންމޭނެ އޮފީހަށް ހާޒިރުވާނީ ހެނދުނު 11 އިން ހަވީރު ފަހަކަށޭ. އެކަންކަން ނިންމާނީ ހަމަ ގަވަރުނަރު، ވާހަކައަކީ އެމްއެމްއޭގެ ހަމަ އެހެނިހެން ހުރިހާ މުވައްޒަފުންނަށް ލިބޭ ހުރިހާ ސާވިސަސްތަކާ ކަންތައްތަކެއް. އެމްއެމްއޭގެ މުވައްޒަފުން އެއީ،" ނަަސީރު ވިދާޅުވި އެވެ.

ނަސީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު އެފްއައިޔޫ އުފެއްދި، "މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު"ގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ޔުނިޓަކީ މަނީލޯންޑްރިންގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތު ހޯދައި އެހެން ފަރާތްތަކަށް ފޯރުކޮށްދޭ "ގައުމީ އިދާރާ" ކަމަށެވެ. އެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެގައި ވަނީ "މި ގާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަދި އެ ޔުނިޓަށް ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިން އެ ޔުނިޓްގެ ހަރަދުތައް ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެއް" ކަމަށެވެ.

އެފްއައިޔޫއަކީ އެމްއެމްއޭގެ އެތެރޭގެ ޔުނިޓެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް އެތަން ހިންގުން އެއްއިރެއްގައި އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރަކާ ވަގުތީ ގޮތުން ހަވާލު ކުރިކުރުމަކީ ނަސީރު ވިދާޅުވި ގޮތުގައި "ބޮޑު މައްސަލައެއް" އެކެވެ.

އެފްއައިޔޫ ހިންގުމާ އެސިސްޓެންޓް ގަވަރުނަރު ހަވާލުވެފައި ވަނީ ނަސީރު ގަވަރުނަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ކަމަށާއި އެކަން އެނގުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހެދި އިންޓާނަލް ރިިވިއުއަކުން ކަމަށެވެ.

"[އެކަން ހިނގީ] އަޅުގަނޑު މި މަގާމާ ހަވާލުވުމުގެ ކުރިން އަޝްރަފް ހަމަ އެފްއައިޔޫގައި ހުންނަވަނިކޮށް. އަދި އަޝްރަފަކީ ގާނޫނީ ވެސް ބޭފުޅެއް، [އޭނާ] ހުންނަވަނިކޮށް އެބަހުރި ދެ ފަހަރެއްގެ މަތިން އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އެފްއައިޔޫއާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެފައި. މިއީ ވަރަށް ބޮޑު ބްރީޗެއް ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ނަސީރު ދެން ވިދާޅުވީ އެ ކަން އަޝްރަފަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް އޭރު މައްސަލައަކަށް ނުވާ ކަމަށެވެ.

އެފްއައިޔޫގެ މަސައްކަތަށް ހުރަސް އަޅުއްވަން ނަސީރު މަސައްކަތް ކުރެއްވި ކަމަށް އަޝްރަފް ކުރައްވާފައިވާ ތުހުމަތާ ގުޅޭ ގޮތުން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ އަޝްރަފްއާ ބައެއް ކަންކަމާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އެއީ ހަމަ އެކަނި މައުލޫމާތު ސާފު ކުރެއްވުމަށް ކަމަށެވެ.