Roadha Mihaaru
ގަވަރުނަރު ނަސީރަށް ސީރިއަސް ތުހުމަތުތަކެއް!

ގަވަރުނަރު ނަސީރަށް ސީރިއަސް ތުހުމަތުތަކެއްކޮށް މައްސަލަ މަޖިލީހަށް!

10 ޖުލައި 2019

މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ ކަމަށާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރަން ހުރަސްއެޅުއްވި ކަމުގެ ތުހުމަތާ އެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ ކަމަށާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރަން ހުރަސްއެޅުއްވި ކަމުގެ ތުހުމަތާ އެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ސިޓީއެއް ފޮނުވައިފި އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ. ގާނޫނުގައި އޮންނަ ގޮތުން އެފްއައިޔޫގެ އެއްވެސް މަސައްކަތަކަށް ގަވަރުނަރަށް ނުފޫޒެއް އަދި ބާރެއް ވެސް ނުފޯރުވޭނެ އެވެ.

މިއާ ޚިލާފަށް ގަވަރުނަރު އަމަލުކުރެއްވި ކަމުގެ ތުހުމަތާ އެކު މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވީ އެ ޔުނިޓު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފެވެ.

އެ ސިޓީގައިވާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއައިޔޫން ފުލުހުންނަށް ރިޕޯޓް ކުރުން ނަސީރު ހުއްޓުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ޔާމީންގެ އެކައުންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަދެ އަަދި ނެގުމުން އެއީ މަނީ ލޯންޑަރިންގެ މުއާމަލާތެއްގެ ގޮތުގައި ބަލައި، އެ މައްސަލަ އަޝްރަފް ވަނީ ފުލުހުންނަށް ހުށައަޅުއްވައިފަ އެވެ. އެއާ އެކު އެ މަގާމުން ކުއްލި ގޮތަކަށް އޭނާ ވަކިކުރި އެވެ. އެކަމަކު އެމްއެމްއޭ އިން ބުނަމުން ދިޔައީ އެއީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒަށް، އަޝްރަފް ފޮނުއްވި ސިޓީގެ ކޮޕީއެއް، މީގެ ހަ ދުވަސް ކުރިން "މިހާރު" އަށް ލިބުނެވެ. އޭގައަި އެފްއައިޔޫގެ މަސައްކަތްތަކަށް ނުފޫޒު ފޯރުއްވަން ގަވަރުނަރު އަމަލުކުރެއްވި ގޮތުގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.

އެ ސިޓީއާ ގުޅިގެން ނަސީރުގެ ބަހެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އެކަމަކު ފޮނުވި ސުވާލުތަކަށް އަދި ޖަވާބެއް ނުލިބެ އެވެ. އެކަމަކު މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު ވަނީ އެ ތުހުމަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އަޝްރަފްގެ ސިޓީއާ މެދު ގޮތެއް ނިންމަން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

އެ ސިޓީގައިވާ ގޮތުން ބީއެމްއެލްގައި ހުޅުވި ޔާމީނާއި އޭސީސީ ހިއްސާވާ އެސްކްރޯ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މުއާމަލާތް އެފްއައިޔޫން ބަލައި އޭގެ ރިޕޯޓް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާ ލިއުމުން ހިއްސާކުރެއްވި މައްސަލައިގައި ގަވަރުނަރު ނަސީރު ހިތްހަމަޖެހިވަޑައެއް ނުގަތެވެ. އޭނާ ބޭނުންވީ އެފްއައިޔޫ އިން އަމަލުކުރަން އޮންނަ އުސޫލާ ޚިލާފަށް އަނގަ ބަހުން އެ މައުލޫމާތު އޭސީސީއާ ހިއްސާކުރަން ކަމަށް ސިޓީގައި އަޝްރަފް ވިދާޅުވި އެވެ.

އެސްކްރޯ އެކައުންޓަށް ޔާމީން ފައިސާ ޖަމާކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެކަމަކު އެފްއައިޔޫ އަށް އެ މައުލޫމާތު ލިބުނީ، އަޝްރަފް ވިދާޅުވެފައިވާ ގޮތުގައި، ސެޕްޓެމްބަރު، 2018، ގަ އެވެ.

އޭސީސީއާ އެކު ހެދި އެއްބަސްވުމާ ވެސް ޚިލާފަށް ޔާމީން ފައިސާ ޖަމާކުރެއްވި ކަން ފަޅާއަރުވާލީ އެފްއައިޔޫގެ އެ ރިޕޯޓުންނެވެ.

އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިން ހިންގި އެސްއޯއެފުންނެވެ. އެ މައްސަލައިގެ ތަހުގީގުގައި އޭސީސީން ޔާމީނާ އެކު އެއްބަސްވީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރާށެވެ. އެކަމަކު އެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެހެން ބައެއްގެ އަތުން ހޯއްދެވި 1 މިލިއަން ޑޮލަރެވެ.

ޔާމީންގެ އެކައުންޓަށް 22 މިލިއަން ޖަމާވި މައްސަލަ

ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށް، ނެގި ކަން ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ސެޕްޓެމްބަރު، 13، 2018 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުން އެފްއައިޔޫ އަށް ރިޕޯޓް ކުރުމާ އެކު އެކަން އެފްއައިޔޫ އިން ވަނީ ފުލުހުންނަށް ހުށައަޅައިފަ އެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި އަޝްރަފް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ކަން ނަސީރަށް އެނގިވަޑައިގަތުމާ އެކު ވަޓްސްއެޕުން ގުޅުއްވައި ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވި ކަމަށެވެ. ނަސީރު ހިތްހަމަޖެހިވަޑައިނުގަތީ، ސިޓީގައިވާ ގޮތުން، އޭނާއާ މަޝްވަރާ ކުރެއްވުމެއް ނެތި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވުމުންނެވެ.

އެކަމަކު ގާނޫނު ބުނާ ގޮތުން އެފްއައިޔޫން ބަލާ މައްސަލަތަކުގައި ގަވަރުނަރާ މަޝްވަރާކުރާކަށް ނުޖެހެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން، އެކަން ބަލައިދޭން އެފްއައިޔޫ އިން ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެއްވެސް ތަހުގީގެއް އޭރު ހިންގާފައެއް ނުވެ އެވެ. އެކަމަކު ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު އެ ތަހުގީގު ކުރިއަށް ގެންގޮސް ދައުވާކޮށް، އެމަނިކުފާނުގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

އަޝްރަފް ވިދާޅުވެފައިވާ ގޮތުގައި 22.5 މިލިއަން ރުފިޔާ ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލަ ފުލުހުންނަށް ހުށަހެޅުއްވުމާ އެކު ނަސީރު އޭނާއާ ފަހުން ބައްދަލު ކުރައްވައި "ސިޔާސީ ވާހަކަތަކެއް" ވެސް ދެއްކެވި އެވެ. އޭގެ ތެރޭގައި، އެއީ ރައީސް ޔާމީނަށް ޖެއްސުމަށް ގަވަރުނަރު ކުރެއްވި ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ނަސީރު ވިދާޅުވުން ހިމެނެ އެވެ.

އަޝްރަފްގެ ތުހުމަތުތައް

- ފުލުސް އޮފީހަށް ރިޕޯޓް ހުށަހެޅުމާ އެކު އިސްތިއުފާ ދެއްވަން ސަރުކާރުން ޕްރެޝަރު ކުރި ކަމަށް ނަސީރު ވިދާޅުވި.

- ވަޒީފާ ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށާއި އެކަމަކު ޖަލަށް ލާފާނެ ކަމުގެ ބިރު އިހްސާސްވާ ކަމަށް ގަވަރުނަރު ވިދާޅުވި. އެއީ އާއިލާ އެކަން ތަހައްމަލްކުރަން ޖެހިދާނެ ފަދަ ހާލަތެއް ކަމަށް ވެސް ނަސީރު ވިދާޅުވި.

- ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި ޔާމީންގެ މައްސަލަ ރިޕޯޓްކުރުމަކީ ހާލަތަށް ނުބަލައި ކުރި ކަމެއް ކަމަށް ނަސީރު ވިދާޅުވި.

- އެމްއެމްއޭ އަކީ ގަވަރުނަރުގެ ފުރިހަމަ ބާރުގެ ދަށުގައި ހިނގަން ޖެހޭނެ ތަނެއް ކަން ރައީސް ޔާމީނަށް ދައްކަން ޖެހޭ ކަމަށް ނަސީރު ވިދާޅުވި.

- ރިޔާސީ އިންތިޚާބު ނިމެންދެން ހައި ޕްރޮފައިލް ކޭސްތައް ރިޕޯޓް ނުކޮށް މަޑުކުރަން ނަސީރު އެންގެވި.

މަޖިލީހަށް ފޮނުއްވި އެ ސިޓީގައި އަޝްރަފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަޝްރަފް ތުހުމަތުކުރައްވާ ގޮތުގައި، އޭނާ ވަކިކުރީ ގަވަރުނަރަށް ލިބިގެންވާ އިޚްތިޔާރުތަކާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެންނެވެ.

އޭނާ ވަކިކުރި ސަބަބާ ގުޅޭ ގޮތުން ތަފާތު އެކި ގޮތްގޮތަށް ގަވަރުނަރު ވާހަކަ ދައްކަވާފައިވާ ކަން ވެސް އަޝްރަފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގާމުން ވަކިކުރީ އަޝްރަފަށް ސެކިއުރިޓީ ދޭން ކަމަށް އެމްއެމްއޭގެ އިސް ވެރިންގެ ގާތުގައި ގަވަރުނަރު އެއް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މުވައްޒަފުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ގަވަރުނަރު ދެއްކެވި ސަބަބަކީ އެ މަގާމަށް އޭނާ ނާގާބިލްވުން ކަމަށް ސިޓީގައި އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް މަގާމުން ވަކިކުރި މައްސަލަ ބަލައިދޭން އޭނާ ވަނީ ރައީސް އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު ނިމެންދެން ހައި ޕްރޮފައިލް ކޭސްތައް ފުލުހުންނަށް ރިޕޯޓް ނުކުރަން ނަސީރު އެންގެވި މައްސަލަ އާއި އެފްއައިޔޫގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި ހުރަސް އެޅުއްވި މައްސަލަ ތަހުގީގުކޮށްދޭން އަޝްރަފް ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ.

މި ތަފްސީލުތަކާ އެކު މަޖިލީހަށް ފޮނުއްވި ސިޓީގައި އަޝްރަފް އެދިވަޑައިގަތީ ގަވަރުނަރާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށެވެ.