Roadha Mihaaru
އަޅުގަނޑު ފިޔަވައި ލީޑަރަކު ތެދެއް ނުހައްދަވާ: ސިޔާމް

އަޅުގަނޑު ނޫނީ ސިޔާސީ އެހެން ލީޑަރަކު ތެދެއް ނުހައްދަވާ: ސިޔާމް

23 ޖުލައި 2019

ރާއްޖޭގައި ދޮގު ހަދާ މީހުން ގިނައީ ސިޔާސީ ލީޑަރުންގެ ތެރޭގައި ކަމަށާއި އެކަމަކު، އޭނާ ފިޔަވައި ގިނަ ލީޑަރުން ދުވަހަކު ވެސް ރައްޔިތުންނަށް ތެދެއް ހައްދަވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ދޮގު ހަދާ މީހުން ގިނައީ ސިޔާސީ ލީޑަރުންގެ ތެރޭގައި ކަމަށާއި އެކަމަކު، އޭނާ ފިޔަވައި ގިނަ ލީޑަރުން ދުވަހަކު ވެސް ރައްޔިތުންނަށް ތެދެއް ހައްދަވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަކަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގައި ދޮގު ހަދާ މީހުން ވަރަށް ގިނަވެފައިވާ ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް އަދަބު ދޭންވީ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންނަށް އޮޅުވާލާފައި ތިއްބެވި ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ ތެރޭގައި މިގޮތަށް ބަހުސް ހިނގަން ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ބުނެ، އޭނާގެ މައްސަލަ ވެސް ތަހުގީގުކޮށް ދިނުމަށް އެދި މަޖިލިހުން ފުލުހުންނަށް ސިޓީ ފޮނުވާފައި ވަނިކޮށެވެ. ޝަރީފް، މަޖިލިހުގައި ދޮގު ހެއްދެވި ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން މެމްބަރުން ވަނީ ފާޅު ކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ޝަރީފް ދެއްކެވީ ތެދު ވާހަކަތަކެއް ކަމަށް ބުނެ، ބީއެމްއެލް އިން މިރޭ ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

މަޖިލިހުގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ސިޔާމް މިއަދު ވިދާޅުވީ އެކި ވަޒީފާގައި ތިއްބަވާ ބޭފުޅުންނާއި މުހިންމު މަގާމުތަކަށް ރައްޔިތުން ހޮއްވަވާފައި ތިއްބެވި ބޭފުޅުން ވެސް ދޮގު ހައްދަވާ ކަމަށެވެ. ދޮގު ހަދާ ނަމަ، ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ދޮގަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް. ދޮގު ހަދާ މީހާ ވައްކަން ކުރާނެ. ދޮގު ހަދާ މީހާ ހަރާންކޯރު ވާނެ. ދޮގު ހަދާ މީހާ ރާ ބޯނެ،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވަނީ އާދައިގެ ރައްޔިތުންނާ ދިމާލަށް ދޮގު ހަދާ ވާހަކަ މަޖިލިހުގެ މެމްބަރުން ނުދައްކަވައި ފުރަތަމަ ކަމަކަށް މެމްބަރުން އަމިއްލަ އަށް އިސްލާހުވެވަޑައިގަތުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މެމްބަރުންނަކީ ރައްޔިތުންނަށް "ސާފުތާހިރު" ބައެއްގެ ގޮތުގައި ދެއްކެވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

މަޖިލިހުގައި ތިއްބަވަން ޖެހޭނީ ތެދުވެރި، އިހްލާސްތެރި މެމްބަރުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ މެމްބަރުން މަޖިލިހަށް ހޮވިފައި ތިއްބެވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރު ރައްޔިތުން ކައިރި އަށް ގޮސް އެކި ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވެ އެވެ. އެގޮތުން ވޯޓު ދީފި ނަމަ، "އިންޖީނު ދޯންޏެއް ދޭނެ" ކަމަށް ވިދާޅުވި މެމްބަރުން ތިއްބެވި ކަމަށް ސިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން، ވޯޓަކާ ހަމައަށް ދިޔުމުން، ދެ މިލިއަން ރުފިޔާ ދީގެން، ފައިސާ ދިން މީހާގެ ކޮޅަށް މެމްބަރުން ވޯޓު ދެއްވާފައި ހުރި އިރު، އެ މައްސަލަތައް ބަލައި އަދަބު ނުދެވެނީ ކީއްވެތޯ ސިޔާމް ސުވާލު ކުރެއްވި އެވެ.

ސިޔާމް ވިދާޅުވީ މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ތައްޔާރު ކުރި 800 އޮޑިޓް ރިޕޯޓުގައި ވައްކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި 25 އަހަރުގެ ތެރޭގައި ވައްކަން ކުރި މީހުން ހޯދުމަށާއި އެމީހުން ރައްޔިތުންގެ ފައިސާ "ކާލައިގެން" ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ 21 ވަނަ ގަރުނަށް ދިޔަ އިރު، ރަށް ރަށުގައި ބަނދަރު ނުހެދުމާއި ނަރުދަމާ ނޭޅުން ފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ނުދެވުމަކީ އެމީހުންނަށް ލިބޭނެ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.