Roadha Mihaaru
ޑޮލަރު ފޮއްޓެއް ފޭރިގަތް މީހުންނަށް ލިބުނީ ލަނޑެއް!

ޑޮލަރު ފޮއްޓެއް ކަމަށް ހީކޮށް ފޭރިގަތް މީހުންނަށް ލިބުނީ ލަނޑެއް!

23 ޖުލައި 2019

މާލޭގެ ޗާންދަނީ މަގުގައި ހުރި ފައިސާގެ މުއާމަލާތް ކުރާ ފިހާރައަކަށް ވަދެ، ޑޮލަރު ފޮއްޓެއް ކަމަށް ހީކޮށް ރޭ ފޭރިގަތް ބަޔަކަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ޗާންދަނީ މަގުގައި ހުރި ފައިސާގެ މުއާމަލާތް ކުރާ ފިހާރައަކަށް ވަދެ، ޑޮލަރު ފޮއްޓެއް ކަމަށް ހީކޮށް ރޭ ފޭރިގަތް ބަޔަކަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ.

ފުލުހުން މިރޭ އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ފޭރޭ މީހުން ފިހާރަ އަށް ވަދެ ގަދަކަން ދައްކައި ހިތުން ގެންދިޔައީ ޑޮލަރު އަޅާފައި ހުރި ފޮއްޓެވެ. އެކަމަކު، އެ މީހުންނަށް އަތުޖެހުނީ ޑޮލަރު އަޅާފައި ހުރި ފޮށި ނޫން އެހެން ފޮއްޓެއް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ފޭރުން ފުލުހުންނަށް ފުރަތަމަ ރިޕޯޓް ކުރީ ވެސް 20،000-30،000 ޑޮލަރު ހުރި ފޮއްޓެއް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ތަހުގީގު ފަށައި ފަހުން ބެލިއިރު ފޭރިގަނެގެން ގެންދިޔަ ފޮށީގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މިކަން ކުރި މީހުން އަތުލައިގަނެވުނު ކަމެއް އަދި ނޭނގެ އެވެ.

މި ފޭރުމާ ގުޅިގެން ޗާންދަނީ މަގު ވެސްޓަން ޔޫނިއަން ކައިރީގައި ވަނީ މާރާމާރީއެއް ވެސް ހިންގައިފަ އެވެ.

ފުލުހުން ބުނިގޮތުގައި ފޭރުމުގެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު މީހަކަށް ތުހުމަތުކޮށް މާރާމާރީ ހިންގައި އަނިޔާކޮށްފައިވެ އެވެ. އެކަމަކު އޭނާ އަކީ އެ ފޭރުމުގައި ބައިވެރިވި މީހެއް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މާރާމާރީ އާއި ފޭރުމުގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.