Roadha Mihaaru
ފަނޑިޔާރުންނާ އދ.ގެ މަންދޫބު ބައްދަލުކުރުން މަނާ

ލަންކާގެ ފަނޑިޔާރުންނާ އދ.ގެ މަންދޫބު ބައްދަލުކުރުން މަނާ

24 ޖުލައި 2019

ކޮލަމްބޯ (ޖުލައި 24) - ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގި ޖަރީމާތަކުގެ މައްސަލަ ބަލާ ފަނޑިޔާރުންނާއި އދ.ގެ ޚާއްސަ މަންދޫބު ބައްދަލު ކުރުން އެ ގައުމުގެ ޕާލަމެންޓުން އިއްޔެ މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 24) - ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގި ޖަރީމާތަކުގެ މައްސަލަ ބަލާ ފަނޑިޔާރުންނާއި އދ.ގެ ޚާއްސަ މަންދޫބު ބައްދަލު ކުރުން އެ ގައުމުގެ ޕާލަމެންޓުން އިއްޔެ މަނާކޮށްފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މަންދޫބު ކްލެމެންޓް ވޫލް ސްރީ ލަންކާ އަށް ވަޑައިގެންނެވީ މަދަނީ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށެވެ.

ނަމަވެސް އިދިކޮޅު ލީޑަރު މަހިންދާ ރާޖަޕަކްސާ ޕާލަމެންޓުގައި އިއްޔެ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ސިފައިން ހިންގާފައިވާ ކަމަށް ބުނާ ކުށްތައް ބަލާ ފަނޑިޔާރުންނާ އދ.ގެ މަންދޫބު ބައްދަލު ކުރުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް ބޭރުގެ ނުފޯރު ފޯރުވުން ކަމަށެވެ. ރާޖަޕަކްސާގެ ދެކޮޅު ހެއްދެވުންތަކާ އެކު އެ މައްސަލައިގެ ތެރެއަށް ވަނީ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އަށް ވަދެވަޑައިގަންނަވަން ޖެހިފަ އެވެ. ޖަޔަސޫރިއާ މިއަދު ވަނީ އދ.ގެ މަންދޫބު ފަނޑިޔާރުންނާ ބައްދަލު ކުރުން ހުއްޓުވައިފަ އެވެ.

"އަޅުގަނޑުގެ ސަމާލު ކަމަށް އިދިކޮޅު ފަރާތްތަކުން އެކަން ގެނެސްދިނީތީ ޝުކުރު އަދާކުރަން. އަޅުގަނޑު ވާނީ ވަގުތުން ފިޔަވަޅު އަޅާފައި،" ޖަޔަސޫރިއާ ވިދާޅުވި އެވެ.

ރާޖަޕަކްސާގެ ވެރިކަމުގެ ދުވަސްވަރު ލަންކާގައި އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް އައީ ޖެނުއަރީ 2015 ގަ އެވެ.

ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު ތަމަޅައިންގެ 40،000 މީހުން މެރި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ހަނގުރާމަ ނިމުނީ މެއި 2009 ގަ އެވެ.

ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ދެކޮޅު ހަދައިފަ އެވެ. ރާޖަޕަކްސާ އަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މައިތުރިޕާލާ ސިރިސޭނާ ވަނީ އެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޭރުގެ އެއްވެސް ބަޔަކު ބައިވެރިނުކުރާނެ ކަމަށް އެ މަނިކުފާން ވަނީ ވިދާޅުވެފަ އެވެ.

އދ.ގެ މަންދޫބު ވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންގެ ހާޒިރުގައި ލަންކާގެ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވައިފަ އެވެ.