Roadha Mihaaru
އަޑޭ އަށް އަނެއްކާ ވެސް މުހިއްމު މެޗުތަކެއް ގެއްލެނީ

ބަންދާ ގުޅިގެން އަޑުބަރޭ އަށް އަނެއްކާ ވެސް މުހިއްމު މެޗުތަކެއް ގެއްލެނީ

14 ސެޕްޓެމްބަރ 2016

އިދިކޮޅު ސިޔާސީ އެއްވުމެއްގެ ތެރެއިން ހައްޔަރުކޮށްފައިވާ މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް އަދި އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިދިކޮޅު ސިޔާސީ އެއްވުމެއްގެ ތެރެއިން ހައްޔަރުކޮށްފައިވާ މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް އަދި އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.

މާޒިޔާ އިން ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލާފައިވާއިރު، ފަހު ބުރުގެ މުހިއްމު މެޗުތައް އަޑުބަރޭ އަށް ގެއްލުމަކީ އެ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ. ނިއު ރޭޑިއަންޓުން މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އަޑުބަރޭ، ބޮޑު އަގުގައި މާޒިޔާ އިން މި ސީޒަނުގައި ގެނައީ ވެސް ލީގު ހޯދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށެވެ. އެ ޓީމު މި ވަގުތު އޮތީ 34 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގަ އެވެ.

އޭނާ މި އަހަރު މާޒިޔާ އަށް ސޮއިކޮށް މެޗެއް ނުކުޅެނީސް، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ފެބްރުއަރީ މަހު 13 ދުވަހު ހައްޔަރުކޮށްފައި ބެހެއްޓި އެވެ. އެ ބަންދާ ގުޅިގެން އޭނާ އަށް އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ފުރަތަމަ ދެ މެޗާއި ސީޒަން ހުޅުވި މެޗު ގެއްލުނެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭން ވަނީ، އޭނާ ނެތްތަން ފޫބައްދަން އުނދަގޫވި ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ޖުލައި 22 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދަށް ފަހު، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުއާކުރަމުން ދަނިކޮށް، ވެސް އަޑުބަރޭ ހައްޔަރުކުރި އެވެ.

އަޑުބަރޭ މި ފަހަރު ހައްޔަރުކުރިއިރު، އޭނާ ވަނީ މިދިޔަ ހަފުތާގައި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ދެ ވަނަ ލެގު ކުޅޭއިރު، މިހާރު އޭނާ އަށް ކްރިމިނަލް ކޯޓުން ދީފައިވާ ބަންދުގެ މުއްދަތު އެހާތަނަށް ހަމަވާނެ އެވެ.

ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ފެށި އަޑުބަރޭ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ ކަންކަމުގައި ފާޅުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ވެސް ބައިވެރިވެ، އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެސް ވި އެވެ. ޑީއާރްޕީގެ އިސް ހަރަކާތްތެރިއެއްގެ ގޮތުން ފާހަގަވުމަށް ފަހު އޭނާ ވަނީ 2011 ވަނަ އަހަރު އެމްޑީޕީއާ ގުޅިފަ އެވެ. މިހާރު އޭނާ އަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.