Roadha Mihaaru
ނަބީހާ ރަން މެޑަލް ހޯދައިފި، ޑަބަލްސް އިން ރިހި!

އައިއޯއައިޖީ: ނަބީހާ ރަން މެޑަލް ހޯދައިފި، ޑަބަލްސް އިން ރިހި މެޑަލް!

26 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން ރަން މެޑަލް ހޯދައި، ދިވެހި ބެޑްމިންޓަނުގެ ތާރީހުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކުން ލިބުނު ފުރަތަމަ ރަން މެޑަލް، އައިމިނަތު ނަބީހާ އަބްދުއްރައްޒާގް މިއަދު ހޯދައިދީ އަދި ވިމެންސް ޑަބަލްސް އިން އޭނާ އާއި އޭނާގެ އެއްމާބަނޑު ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ރިހި މެޑަލް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން ރަން މެޑަލް ހޯދައި، ދިވެހި ބެޑްމިންޓަނުގެ ތާރީހުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތަކުން ލިބުނު ފުރަތަމަ ރަން މެޑަލް، އައިމިނަތު ނަބީހާ އަބްދުއްރައްޒާގް މިއަދު ހޯދައިދީ އަދި ވިމެންސް ޑަބަލްސް އިން އޭނާ އާއި އޭނާގެ އެއްމާބަނޑު ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ރިހި މެޑަލް ހޯދައިފި އެވެ.

މި ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިމުނު ހިސާބުން ފެށިގެން، މި އަހަރުގެ ގޭމްސް އިން ރަން މެޑެއްޔެއް ހޯދަން ބެޑްމިންޓަން އެސޯސިއޭޝަނުން ފެށި މަސައްކަތުގެ ފުރަތަމަ މޭވާ ވެސް މެ އެވެ.

ނަބީހާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ސީޝެލްސްގެ ޗެމްޕިއަން ކެމިލީ އެލިސެން އަތުން އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ނަބީހާ 21-14 އިން ގެންދިޔައިރު ދެ ވަނަ ސެޓު ކާމިޔާބުކުރީ 21-10 އިންނެވެ. ފުރަތަމަ ސެޓުގައި ނަބީހާ ލީޑު ނެގި ނަމަވެސް ކެމިލީ ކޮންޓްރޯލް ނެގި އެވެ. އެކަމަކު ދެ ކުޅުންތެރިން 9-0 އިން އެއްވަރުވި ހިސާބުން ފެށިގެން ނަބީހާ ނެގި ލީޑާ އެކު އޭނާ ސެޓު ކާމިޔާބުކުރި އެވެ. އަދި ދެ ވަނަ ސެޓު ނަބީހާ ކާމިޔާބުކުރީ ފުރަތަމަ ވެސް ނެގި ލީޑާ އެކު އުނދަގޫ ކަމެއް ނެތި އެވެ.

ރަން މެޑަލް ހޯދުމަށް ފަހު ނަބީހާ އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ރަން މެޑަލް ހޯދުމަށް ފަހު ނަބީހާ އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އޭގެ އިރުކޮޅެއް ފަހުން ކުޅުނު ވިމެންސް ޑަބަލްސް ފައިނަލުގައި މޮރިޝަސްގެ ޑޫކީ ކޮބީޓާ އާއި އޯރެލިއޭ އަލޭ އަތުން ނަބީހާ އާއި ނަބާހާ ބަލިވި ނަމަވެސް ވަރުގަދަ ފައިޓެއް ދިނެވެ. މުބާރާތް ބާއްވާ މޮރިޝަސްގައި، އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުން (21-18، 21-23) އިންނެވެ. މެޗުގެ ދެ ވަނަ ސެޓުގައި ނަބީހާ އާއި ނަބާހާ ލީޑުގައި ވެސް ކުޅުނެވެ. އެކަމަކު ފަހު ވަގުތު ވަރަށް ވާދަވެރިކޮށް ގޮސް މޮރިޝަސްގެ ޕެއާ މެޗު ކާމިޔާބުކުރީ އެވެ.

މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ނަބީހާ އަކީ ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ.

މި ދެބެން ވަނީ ނޭޕާލުގައި މިދިޔަ ޑިސެމްބަރުގައި ބޭއްވި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހާސިލްކޮށްފަ އެވެ. އެއީ އެއް އަހަރުގެ ތެރޭ ބައިނަލްއަގްވާމީ މުބާރާތްތަކުން މި ދެބެން ހޯދި ތިން ވަނަ ރިހި މެޑަލް އެވެ. އަނެއް ދެ ރިހި މެޑެއްޔަކީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ ޔޫތު މުބާރާތުން ހޯދި މެޑެއްޔާއި މިދިޔަ އަހަރުގެ ޖޫން މަހު އޮތް މޮރިޝަސް ބެޑްމިންޓަން ސީރީސް އިން ހޯދި މެޑެއްޔެވެ.

ނަބާހާ ރަން މެޑަލް ދައްކާލަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

ނަބާހާ ރަން މެޑަލް ދައްކާލަނީ. --އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 1979 ވަނަ އަހަރު ލޯ މެޑަލް ހޯދި ބެޑްމިންޓަނުން މިއަދު މި ހޯދި ރަން މެޑެއްޔާއި ރިހި މެޑެއްޔާ އެކު މި އަހަރުގެ ގޭމްސް ވެފައިވަނީ ރާއްޖޭގެ ބެޑްމިންޓަނުގެ އެންމެ ކާމިޔާބު ބައިނަލްއަގްވާމީ މުބާރާތަށެވެ.

މި ކާމިޔާބީ އަށް ފަހު ބެޑްމިންޓަން ކުޅުންތެރިންނާއި އެސޯސިއޭޝަނުގެ އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ބެޑްމިންޓަނަކީ މި ގޭމްސް އިން ރަން މެޑެއްޔެއް ހޯދަން އެންމެ ދުރާލާ މަސައްކަތް ފަށައި އެންމެ ރަނގަޅު ޕްރޮގްރާމެއް ހިންގި އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިފްޝާން މުހައްމަދު (އިއްޕަ) ވިދާޅުވީ ހާސިލްކުރަން ބޭނުންވި އަމާޒުތައް ހާސިލްވެއްޖެ ކަމަށާއި އެކަމަކު އިތުރަށް ލިބޭނެ ބައިވަރު މެޑަލް ވެސް ހުރި ކަމަށެވެ.

"މިސާލަކަށް ފިރިހެން ޑަބަލްސް ދެ ޕެއާ ވެސް ވަރަށް ކައިރިން ކުޅެގެން ބަލިވެފައި މިވަނީ. އޭގެ އިތުރަށް އަންހެން ދެ ސިންގަލްސް ކުއާޓާ ފައިނަލުން ބަލިވިއިރު ތިން ސެޓު ކުޅެގެން ފަހު ދެ ސެޓުގައި ކޮންމެ މެޗެއްގައި ވެސް ދެ ޕޮއިންޓުގެ ތަފާތުން ބަލިވެފައި،" އިއްޕަ ވިދާޅުވި އެވެ.

"އެކަމަކު އެ ހުރިހާ އެއްޗެއް ފިލައިގެން ގޮސްފި ނަބީހާ މިއަދު ރަން މެޑަލް ހޯދީމާ."

އަޖުފާން (ކ) އާއި މައިސާ މިކްސް ޑަބަލްސް އިވެންޓުގެ ލޯ މެޑަލާ އެކު. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އަޖުފާން (ކ) އާއި މައިސާ މިކްސް ޑަބަލްސް އިވެންޓުގެ ލޯ މެޑަލާ އެކު. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

މި އަހަރުގެ ގޭމްސްގައި މި ދެ މެޑަލުގެ އިތުރުން ބެޑްމިންޓަނުން ވަނީ ފިރިހެން ޓީމު އިވެންޓުން ލޯ މެޑަލް، އަންހެން ޓީމު އިވެންޓުން ލޯ މެޑަލް އަދި މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. މިކްސް ޑަބަލްސްގައި ވާދަކުރީ ރާއްޖޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ (މައި) އެވެ.

ބެޑްމިންޓަނުގެ މެޑަލްތަކާ އެކު މި ގޭމްސްގައި ރާއްޖޭން ހޯދި މެޑަލުގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ. އެއީ ޓޭބަލް ޓެނިސް ވިމެންސް ޓީމު އިވެންޓުން ހޯދި ރަން މެޑެއްޔާއި ޑަބަލްސް އިވެންޓުން ހޯދި ރަން މެޑެއްޔާއި ރިހި މެޑަލް އަދި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔާއި ލޯ މެޑަލް އެތުލެޓިކްސް އިން ހޯދި ތިން ލޯ މެޑެއްޔެވެ. ރާއްޖޭގެ އަމާޒަކީ މަދުވެގެން 15 މެޑަލް ހޯދުމެވެ.