Roadha Mihaaru
ޕީޖީ ވަކީލާއާބެހޭ ޝަކުވާ ޔާމީންގެ ފަރާތުން ހުށަހަޅައިފި

ޕީޖީގެ ވަކީލާއާ ބެހޭ ޝަކުވާއެއް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

28 ޖުލައި 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލާއާ ބެހޭ ޝަކުވާއެއް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލާއާ ބެހޭ ޝަކުވާއެއް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި، ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލް އައިޝަތު މުހައްމަދާ ބެހޭ ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، އެ މައްސަލައިގައި ޔާމީން ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެއްގައި ހަގީގަތާ ޚިލާފަށް ވާހަކަ ދައްކަވާފައި ވާތީ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވި އެވެ.

ހެކިވެރިންނަށް ޔާމީންގެ ފަރާތްޕުޅުން ނުފޫޒު ފޯރުވި ކަމަށް ވަކީލާ އައިޝަތު މުހައްމަދު ކޯޓުގައި ވިދާޅުވިޔަސް، އެފަދަ އަމަލެއް ޔާމީން ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައިވާ ކަން ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާގައިވެ އެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ރަސްމީ ލިޔުންތައް ޔާމީންގެ ވަކީލުންނަށް ލިބިވަޑައިގަތީ ދާދި ފަހުންނެވެ. އެހެންވެ، އެ ޝަކުވާ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އެއީ ކޯޓު ތެރޭގައި ހިންގާފައިވާ އަމަލަކަށް ވާތީ އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބާއްވާފައިވާއިރު، އެ ޝަރީއަތް ޓީވީން ލައިވް ބްރޯޑްކާސްޓްކުރި އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ލައިވް ބްރޯޑްކާސްޓްކުރި ފަހަރެވެ.