Roadha Mihaaru
އެމްޓީސީސީއަށް ހުރި ޕްރޮޖެކްޓްތަކުގެ އަގު ބިލިޔަނަކަށް

އެމްޓީސީސީ އަށް މި އަހަރު ހުރި މަޝްރޫއުތަކުގެ އަގު ބިލިޔަނަކަށް އަރާނެ: ޝާހް

30 ޖުލައި 2019

އެމްޓީސީސީ އަށް ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި އެ ކުންފުންޏާ ހަވާލު ކުރަން ވާހަކަ ދައްކަމުން އަންނަ މަޝްރޫއުތަކުން ލިބޭނެ ކަމަށް ބެލެވޭ ޖުމްލަ އަގު އެއް ބިލިޔަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްޓީސީސީ އަށް ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި އެ ކުންފުންޏާ ހަވާލު ކުރަން ވާހަކަ ދައްކަމުން އަންނަ މަޝްރޫއުތަކުން ލިބޭނެ ކަމަށް ބެލެވޭ ޖުމްލަ އަގު އެއް ބިލިޔަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ޝާހް ވިދާޅުވީ އެ ކުންފުންޏަށް މި އަހަރުގެ މިހާތަނަށް ލިބުނު މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 840 މިލިޔަން ރުފިޔާ ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރަކީ އެމްޓީސީސީގެ ތާރީހުގައި އެ ކުންފުންޏަށް އެންމެ ގިނަ މަޝްރޫއު ލިބޭ އަހަރަށް ވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން 840 މިލިޔަނެއްހާ ރުފިޔާގެ ޕްރޮޖެކްޓްތައް ސަރުކާރާ އެކީގައި ސޮއިކޮށްފިން. އޭގެ އިތުރުން އަދިވެސް ސަރުކާރުން ވިސްނުންފ އެބަހުރި އެމްޓީސީސީ އަށް ޕްރޮޖެކްޓްތައް ދިނުމަށް. ދެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު މި ނެގޯޝިއޭޓް ކުރެވެމުންދާ ޕްރޮޖެކްޓްތަކާ އެކީގައި ގާތްގަނޑަކަށް އޯވަ ވަން ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓްސް މި އަހަރު އެމްޓީސީސީ އަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެސްއޯ ކޮމިޓީގެ މެމްބަރުން މިއަދު އެމްޓީސީސީގެ ވެރިންނާ ބައްދަލުކުރެއްވީ ހާއްސަކޮށް ވަކި ކަމަކާ ބެހޭ ގޮތުން ސުވާލުކުރާކަށް ނޫނެވެ. ކޮމިޓީން އެމްޓީސީސީގެ ވެރިންނާ ބައްދަލު ކުރީ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި ދައުލަތުގެ ހުރިހާ ކުންފުންޏެއް އޮތް ހާލަތު ބަލަން ކުރާ މަަސައްކަތުގެ ބައެއްގެ ގޮތުގަ އެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީ އަށް ލިބޭ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.

އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގައި ވެސް ވެފައި ވަނީ ގެއްލުމެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި 40 މިލިޔަން ރުފިޔާގެ ގެއްލުންވި އިރު ދެވަނަ ކުއާޓަރުގައި 14 މިލިޔަން ރުފިޔާގެ ގެއްލުން ވި އެވެ. އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ ވިދާޅުވީ އެމްޓީސީސީ އަށް އެ ދެކުއާޓަރުގައި ގެއްލުންވީ ލިބުނު ޕްރޮޖެކްޓްތައް ވެސް ހުއްޓިފައި ހުރުމުގެ ސަބަބުން ކަމަށެވެ.

އެމްޓީސީސީ އަށް މިހާރު ލިބިފައިވާ މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމުގެ އަށް ޕްރޮޖެކްޓެއް ހިމެނޭ އިރު އޭގެ ތެރެއިން މަސައްކަތް ނުފެށި އޮތީ އެންމެ ޕްރޮޖެކްޓެކެވެ. އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި އެމްޓީސީސީގެ ވެރިން ވިދާޅުވީ ނުފެށި އޮތް ޕްރޮޖެކްޓް މި ފެށޭ އޮގަސްޓް މަހު ހިނގައިގަންނާނެ ކަމަށެވެ. އެ ކުންފުންޏާ މި އަހަރު ހަވާލު ކުރި މަސައްކަތްތަކުގެ ތެރެއިން އަމަލީ މަސައްކަތްތައް ފެށީ މަގު ހެދުމުގެ ޕްރޮޖެކްޓްތައް އެކަންޏެވެ. އެ ކުންފުންޏާ ހަވާލުކުރި ބަނދަރުތަކުގެ މަސައްކަތް އަދި ވަނީ ނުފެށި އެވެ.