Roadha Mihaaru
ބީއެމްއެލްގެ ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި

ބީއެމްއެލްގެ ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި

30 ޖުލައި 2019

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 24ރ. ގެ މަގުން ބެހުމަށް މިރޭ ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 24ރ. ގެ މަގުން ބެހުމަށް މިރޭ ފާސްކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ބޭންކް ބީއެމްއެލް އިން ޖެން ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުުންނެވެ.

ހިއްސާދާރުންނަށް ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވެ އެވެ.

ބީއެމްއެލްގެ 36 ވަނަ އަަހަރީ އާންމު ޖަލްސާގައި 63 ހިއްސާދާރުން ބައިވެރިވެފައިވެ އެވެ.

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ، މިއީ މިކުންފުނީގެ ތާރީހުގައި އެންމެ ބޮޑު އަދަދެއް ހިއްސާދާރުންނަށް ބެހި އަހަރު ކަމަށެވެ. ބީއެމްއެލްގެ މާލީ ހާލަތު ހުރީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށާއި މިއީ ބޭންކް ފުޅާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހެޅި ހަ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އައްޔަނު ކުރާ ތިން ޑިރެކްޓަރުން އައްޔަނުކޮށްފައިވެ އެވެ.

ބޯޑަށް ހޮވުނު މެންބަރުން

1. ޓިމޮތީ ސޯޔާ، ބޭންކްގެ ސީއީއޯ

2. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ

3. ސަނާ މަންސޫރު، މއ. މަނަސް، މާލެ

4. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

5. ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ

6. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ

7. މުހައްމަދު އަބްދުއްސައްތާރ، މއ. ޓިއުލިޕްވިލާ، މާލެ

8. އިބްރާހިމް މުހައްމަދު، ނެލުމް ނ. ހޮޅުދޫ

9. އަހުމަދު މުހަންމަދު، ގ.އުފާ، މާލެފުންނަށް

ބީއެމްއެލްގެ ބޯޑު މެންބަރުގެ ގޮތުގައި 11 މެންބަރުން ތިބެ އެވެ. އެއީ ސަރުކާރުން ކަނޑައަޅާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ގޮތުގައި ތިން މެންބަރުންނެވެ.

މިިދިޔަ އަހަރު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 13 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ޓެކްސް އަށް ފަހު އެއް ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ބީއެމްއެލްގެ މާލީ ހާލަތު އެއް އަހަރުން އަނެެއް އަހަރަށް ކުރި ހޯދަމުންދާ އިރު އެ ބޭންކުގެ ނޮން- ޕާފޮމަންސް ލޯންގެ ރޭޝިއޯ ނުވަތަ ލޯނު ނުދައްކާ މީހުންގެ މިންވަރު 3.5 ޕަސެންޓަށް ވަނީ ކުޑަކުރެވިފަ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ވެސް ވަނީ މުޖުތަމައުއަށް 300 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.