Roadha Mihaaru
ބީއެމްއެލްގެ އެހީން އައިންތުގެ ހިތްގައިމު ބޭކަރީއެއް

ބީއެމްއެލްގެ އެހީގައި "މޯލްޑިވިއަން ޕެޓިސިއާ"ގެ ޕޭޖު ބޭކަރީއަކަށް

02 ނޮވެމްބަރ 2024

ޕޭސްޓްރީއަކީ ފިނޭންސް ދާއިރާގައި މަސައްކަތް ކުރި، އައިމިނަތު ހަމީދުގެ ހޮބީ އެކެވެ. އެކަމަކު މީގެ ތެރެއަށް ހިތް ދޫވެ، ނުނިކުމެވުނީ އެވެ. އެހެންވެ، މި ދާއިރާ އިން ކިޔަވައި ތަޖުރިބާ ހޯދައި އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ޕްރޮފެޝަންއަށް ވެސް ބަދަލުކޮށްލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޕޭސްޓްރީއަކީ ފިނޭންސް ދާއިރާގައި މަސައްކަތް ކުރި، އައިމިނަތު ހަމީދުގެ ހޮބީ އެކެވެ. އެކަމަކު މީގެ ތެރެއަށް ހިތް ދޫވެ، ނުނިކުމެވުނީ އެވެ. އެހެންވެ، މި ދާއިރާ އިން ކިޔަވައި ތަޖުރިބާ ހޯދައި އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ޕްރޮފެޝަންއަށް ވެސް ބަދަލުކޮށްލައިފި އެވެ.

އޭނާ މިކަމަށް ހުރި ޝައުގުވެރިކަމަކީ ޑެޒާޓްތައް ވިއްކަން އޮންލައިންކޮށް ފެށި "މޯޑިވިއަން ޕެޓިސިއާ" ބީއެމްއެލްގެ އެހީގައި ބޭކަރީއަކަށް ހެދުމެވެ.

ސިމްޕްލިސްޓިކް, މޮޑާން ޗާންދަލިއާތަކުގެ ނަލަ އަލީގައި ފެންނަން ހުރި ބޭކަރީ ވަރަށް ހިތްގައިމެވެ. ބޭރުގެ ފިލްމުތަކުން އާއްމުކޮށް ފެންނަން ހުންނަ ކުޑަކުޑަ ބޭކަރީތަކާއި އެ ތަން، ތަފާތެއް ނެތެވެ. އެންމެ ފަހުގެ ޓްރެންޑުތަކަށް ފެތޭނެހެން, މިނިމަލިސްޓިކް, މޮޑާން އިންޓީރިއާ ޑިޒައިންގެ ހިތްގައިމު ކަމަށް ގެއްލިފައި ހުއްޓައި ރަހަ ބަލާލަން ލިބުނު ޕޭސްޓްރީގެ ރަހައިން މި ތަން އިތުރަށް ކަމުދިޔަ އެވެ.

ގިނަ ބަޔަކަށް ކަމުދާނެ ތަފާތު ރަހަތަކާއި މިތަނުގެ އިންޓީރިއާގެ ފުރިހަމަކަން އެއްވެ، ވެރިފައި އޮތް ހިތްގައިމު ކަމަކީ، ގައިމު ވެސް ރާއްޖެއިން އާއްމުކޮށް ފެންނަން ހުންނަ ބޭކަރީތަކާ ތަފާތު ކަމެކެވެ. މިތަން ރަސްމީކޮށް އަދި ނުހުޅުވަ އެވެ. އެކަމަކު އޭގެ ކުރިން ބޭއްވި ފުރަތަމަ އިވެންޓަށް ވެސް ކޮށްފައިވާ މަސައްކަތާއި, ޑެޒާޓުތަކުގެ ކޮލިޓީ ހިފަހައްޓަން ކޮށްފައި ހުރި މަސައްކަތްތަކުން އެކަން އެނގެ އެވެ.

ބޭކަރީގައި ބޭއްވި ހާއްސަ އިވެންޓެއްގައި ކަސްޓަމަރުން ބޭކަރީގެ ތެރޭގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޭކަރީގައި ބޭއްވި ހާއްސަ އިވެންޓެއްގައި ކަސްޓަމަރުން ބޭކަރީގެ ތެރޭގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބީއެމްއެލްގެ އެހީ: ޕޭސްޓްރީގެ އާ ކޮންސެޕްޓެއް ކުރިއެރުވީ

ޕޭސްޓްރީ ޝެފް އައިންތުގެ ޕޭޖު، ބޭކަރީއަކަށް ބަދަލުކުރަން ކިތަންމެ ބޭނުންވެފައި ހުއްޓަސް މާލީ އުނދަގޫތަކެއް އޭނާއަށް ހުއްޓެވެ. އެކަމަކު އެކަން ލުއިކޮށްދިނީ ބީއެމްއެލް އިންނެވެ.

މިރާ ގްލޭޒްޑް ކޭކުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އައިންތުގެ ޕޭޖު، ބޭކަރީއަކަށް ބަދަލުކޮށްލެވުނީ ބީއެމްއެލްގެ އެހީގަ އެވެ.

އައިންތު ކިޔައިދިން ގޮތުގައި ރައްޓެއްސަކު ބީއެމްއެލްގެ ގްރާންޓަށް ހުށަހަޅާށޭ ބުނި އިރު ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ބާކީ އޮތީ ހަފުތާއެކެވެ.

ބީއެމްއެލް ގްރާންޓަކީ ކުދި ވިޔަފާރިތައް ބިނާ ކުރުމަށް އެ ބެންކުން ދޭ 500,000 ރުފިޔާގެ ގްރާންޓެކެވެ. ބީއެމްއެލްއިން ދޫކުރާ ގްރާންޓުތަކުގެ އެހީގައި މި ފަދަ އެކި ވިޔަފާރިތައް ވަނީ ފުޅާވެފަ އެވެ.

އެކުވެރިޔާގެ ހިޔާލާ އެއްގޮތަށް އައިންތު ހުށަހެޅި ޕްރޮޕޯޒަލް ބީއެމްއެލްއަށް ކަމުދިޔަ އެވެ. އޭނާގެ ހުށަހެޅުން ތަފާތުވީމަ އެވެ. ރާއްޖޭގައި އެތައް ބޭކަރީއެއް ހުރި ނަމަވެސް, އެތަންތަނުން ލިބެން ނެތް އާ ކަންތައްތަކެއް ތައާރަފްކުރުމުގެ ޝައުގާއި އެކަން ފުރިހަމައަށް ކުރުމުގެ ތަޖުރިބާ އައިންތުގެ ހުރީމަ އެވެ.

ބޭކަރީގައި ޝޯކޭސް ކޮށްފައި ހުރި ޑެޒާޓުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޭކަރީގައި ޝޯކޭސް ކޮށްފައި ހުރި ޑެޒާޓުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރާއްޖޭގައި އެކި ކަހަލަ ފުޑް އެލާޖީތައް ވަރަށް ގިނަ. އެކަމަކު އެ އެލާޖީތަކަށް ހާއްސަ ކާބޯތަކެތި ހޯދުމަކީ ވަރަށް ދަތި ކަމެއް. އަދި ވަރަށް ހަރަދު ދާ ކަމެއް. އައިންތު ބޭނުން ވަނީ ގްލޫޓަން, ލެކްޓޯސް, ޑެއިރީ ފަދަ އެލާޖަންތަކަށް އެ ތަކެތި ފްރީ ޕްރޮޑަކްޓުތަކެއް ހަދަން. އަދީ ސީލިއަކް ފްރެންޑްލީ, އެގް ވެސް ޝުގާ ވެސް ފްރީ ޑެޒާޓްތަކެއް ނެރެން،" އައިންތު ބުންޏެވެ.

އައިންތު ބުނި ގޮތުގައި މި ދާއިރާ ކިޔަވާފައި ހުރުމާއި ރިޒް ކާލްޓަންގައި ޕޭސްޓްރީ ޝެފެއްގެ ގޮތުގައި ލިބިފައި ހުރި ތަޖުރިބާ އާއި ޓްރެއިނިންތަކުގެ އެހީގައި އޭނާގެ ބޭކަރީ އަކީ ރައްކާތެރިކަމާ އެލާޖަން ފްރީ ޕްރޮޑަކްޓުތައް, އެ ހުންނަން ޖެހޭ ކޮލިޓީގައި ލިބޭނެ އެވެ.

އެކި އެލާޖަންތަކަށް ހާއްސަކޮށް ހަދާފައިވާ ބްރެޑް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކި އެލާޖަންތަކަށް ހާއްސަކޮށް ހަދާފައިވާ ބްރެޑް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑު ހުންނާނީ އެ ފަދަ ތަކެތި ތައްޔާރުކުރަން ވެސް ހާއްސަ ވަކި އިކުއިޕްމަންޓު ހޯދާފައި. އެހެންވީމަ ކްރޮސް ކޮންޓެމިނޭޝަންއަށް ވެސް ފުރުސަތެއް ނޯންނާނެ." އައިންތު ބުންޏެވެ.

އައިންތު ބުނީ ބީއެމްއެލްއިން ދިން ފައިސާގެ އެހީގެ އިތުރުން އެ ބެންކުން ތަނަށް ބޭނުންވާ އިކުއިޕްމަންޓާއި އެހެނިހެން ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

"ގްރާންޓް ލިބި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ފަދަ ތަނެއް ބޭނުންވާ ސްޓޭންޑާޑަށް ހުޅުވުމަކީ ބޮޑު ގޮންޖެހުންތަކެއް ހުރި ކަމެއް. ހާއްސަކޮށް ހުރިހާ އިކުއިޕްމަންޓެއް ރާއްޖެއިން ބޭރުން ގެންނަން ޖެހޭތީ. އެކަމަކު އުނދަގޫވި ހުރިހާ ކަމެއްގައި ބީއެމްއެލްގެ އެހީ ލިބުނު،" އައިންތު ބުންޏެވެ.

އަމިއްލަ ޕެޝަން ޕްރޮފެޝަންއަކަށް ބަދަލުކޮށްލުމަށް ފަހު އައިންތު މިހާރު ހުރީ ރިޒޯޓުގެ ވަޒީފާ ދޫކޮށް އަމިއްލަ ވިޔަފާރި ކުރިއަށް ގެންދަން އަތުކުރި އޮޅައިގެންނެވެ.

"މޯލްޑިވިއަން ޕެޓިސިއާ"ގެ އޯނަރު އަދި ޕޭސްޓްރީ ޝެޕް އައިމިނަތު ހަމީދު ފޮޓޮއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މޯލްޑިވިއަން ޕެޓިސިއާ"ގެ އޯނަރު އަދި ޕޭސްޓްރީ ޝެޕް އައިމިނަތު ހަމީދު ފޮޓޮއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިވަގުތު ބޭކަރީއަށް ޝެފުން ޓްރެއިން ކުރުމުގަ މި އުޅެނީ. ބޭނުން ވަނީ އަބަދުވެސް ރަހަތައް ކޮންސިސްޓަންޓްވެފައި ޕްރޮޑަކްޓުތައް ކޮލިޓީވާން." އައިންތު ބުންޏެވެ.

ފްރެންޗް ޕޭސްޓްރީތަކުން ފެށިގެން ދިވެހިންގެ މެދުގައި މަގުބޫލު ކްލެސިކް އެތައް ޑެޒާޓްތަކަކާއި އެކި ވައްތަރުގެ ބްރެޑްތައް މި ތަނުން ވިއްކަން ތައްޔަރުކުރާނެ އެވެ. އޭގެ ތެރޭގައި ފްލޭވާޑް ސަވާ ޑޯ ބްރެޑާއި އެލާޖަންތަކުން ފްރީ ބްރެޑް, އަދި އެކި އެލާޖީތަކާ ރައްޓެހި ޕޭސްޓްރީ އާއި ޑެޒާޓު އަދި ކޭކު ވެސް ހުންނާނެ އެވެ. މިހާރު ވެސް އައިންތުގެ "މޯލްޑިވިއަން ޕެޓިސިއާ" ޕޭޖުން މީގެ ބައެއް ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ.

އައިންތުގެ ބޭކަރީ "މޯލްޑިވިއަން ޕެޓިސިއާ" ރަސްމީކޮށް ހުޅުވާލާނީ ޑިސެމްބަރު އެކެއްގަ އެވެ. އޭގެ ކުރިން ކޮންމެ ހަފްތާއަކު އެ ތަން ތަޖުރިބާ ކޮށްލުމަށް ޕޮޕްއަޕް އިވެންޓެއް އޮންނާނެ އެވެ. މި އިވެންޓުތައް އޮންނަ ދުވަސްތައް މޯލްޑިވިއަން ޕެޓިސިއާގެ ޕޭޖުން އިއުލާން ކުރާނެ އެވެ.